ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ރަސްމީކޮށް އިއުލާން ކުރައްވައިފި އެވެ.
ރިޔާސީ ޕްރައިމަރީގައި ފައިސަލް ވާދަ ކުރައްވާނެކަން އިއުލާނު ކުރެއްވީ ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމުގަ އެވެ. ފައިސަލް ވަނީ ރަނިން މޭޓަކީ މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމްކަންވެސް މިއަދު އިއުލާން ކުރައްވައިފަ އެވެ.
”އަޅުގަނޑު ނިންމައިގެން މި ހުރީ ﷲ އިރާދަކުރެއްވިއްޔާ 2028 ގައި މި އޮންނަ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ކުރިއަށް މި އޮތް ރިޔާސީ ޕްރައިމަރީގައި ބައިވެރިވެ، ވާދަ ކުރަން،“ ފައިސަލް ވިދާޅުވި އެވެ.
މި ނިންމެވުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ފައިސަލާއި އާޒިމް ވިދާޅުވީ، މި މަސައްކަތް ކުރިއަށް ގެންދަނީ ޕާޓީގެ ގިނަ މެންބަރުންނާއި އާންމު ރައްޔިތުންގެ އިތުރުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފުރިހަމަ މަޝްވަރާއާއި އެއްބާރުލުމާއެކުގައި ކަމަށެވެ.
”..އެންމެ އިސްކަމެއް ގޮތުގައި އަޅުގަނޑު ފާހަގަކޮށްލަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އަޅުގަނޑުމެންނާ މަަޝްވަރާ ކުރެވި ރައީސް ސޯލިހުގެ ވަރަށް ބޮޑު އެއްބާރުލުމެއް އޮވެގެން އަޅުގަނޑުމެންނަށް ކުރިއަށް މިގެންދެވެނީ. އެއީ އަޅުގަނޑު ގަބޫލުކުރަނީ ވަރަށް މުހިންމު ކަމެއް ގޮތުގައި،“ ފައިސަލް ވިދާޅުވި އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން މިހާތަނަށް އިއުލާން ކުރައްވާފައި ވަނީ ފައިސަލްގެ އިތުރުން އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އާއި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު އަދި ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދެވެ.


