ސޯސަން މަގު އެކްސިޑެންޓް: ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ސޯސަން މަގުގައި ދެ ސައިކަލު ޖެހުނު ސަރަހައްދުގައި ފުލުހުންގެ ފޮރެންސިކުން ހަރަކާތްތެރިވަނީ ---

މިދިޔަ މަހުގެ 20 ވަނަ ދުވަހުގެ ދަންވަރު މާލޭ ސޯސަން މަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

ސޯސަން މަގު ސިޓީ ބޭކަރީ ކުރިމަތިން ވޭވް 125 ބްރޭންޑުގެ ސައިކަލަކާއި އެކްޒައިޓާ 150 ބްރޭންޑުގެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި އެއް ސައިކަލުގެ ފަހަތުގައި އިން ށ. ފޯކައިދޫ/ މަގުމަތީގެ, އައިޝަތު މާހިދާ, 26އ. ވަނީ ނިޔާވެފަ އެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ތ. ދިޔަމިގިލި/ އައްސޭރި, މާހު ހަސަން, 21އ. އެވެ. އޭނާއަކީ މާހިދާ އިން ސައިކަލުގައި ޖެހި އެކްސިޑެންޓުވި ސައިކަލު ދުއްވަން އިން މީހާ އެވެ.

އޭނާގެ ބަންދަށް ފުރަތަމަ ޖެހީ 15 ދުވަހެވެ. ނަމަވެސް ބަންދާމެދު ގޮތެއް ނިންމަން ދެވަނަ ފަހަރަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ.

ފުލުހުން ކުރިން ބުނެފައިވާ ގޮތުން މާހުއަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް މީހެއް ނޫނެވެ.