ވިލިމާލޭގައި ފުލުހުން ހިންގި ޑުރަގް އޮޕަރޭޝަނެއްގައި ތިން ފިލްމީ ތަރިއަކާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ، އެ އިދާރާއިން ވިލިމާލޭގައި ކުރިއަށް ގެންދާ އެންޓި ނާކޮޓިކްސް އޮޕަރޭޝަނެއްގައި ދިވެހި 4 ފިރިހެނަކު ހައްޔަރުކޮށް ބަލައި ފާސްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ 3 މީހަކު ހިމެނޭ ކަމަށްވެސް ފުލުހުން ބުންޏެވެ.
އެ މީހުންގެ ނަން ފުލުހުން ހާމަނުކުރި ނަމަވެސް، ’ހަފްތާ‘ އަށް އެނގިފައިވާ ގޮތުގައި ހައްޔަރުކުރި އިސްމާއިލް ޖުމައިހް (ޖުމޭ)، އަހުމަދު އަޒްމީލު (އަޒޭ) އަދި މުހައްމަދު ވިޝާލް (ރޯމަން) ހިމެނެ އެވެ.
އެ މީހުން ހައްޔަރުކޮށްގެން މިހާރު މާލެ ގެނެސްފައިވާއިރު، އެ މީހުންގެ އަތުން ޑުރަގް ފެނުނު ކަމެއް އަދި ސާފެއް ނުވެ އެވެ.


