ށ. ފޯކައިދޫގައި ހުންނަ ފެނަކަ އޮފީހުގެ މުދަލަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ފޯކައިދޫ ފެނަކަ ބްރާންޗުގައި މަސައްކަތް ކުރަމުން ދިޔަ 13 މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާއި ގުޅިގެން މި ހަފްތާގެ ތެރޭގައި އެރަށުގައި ވަނީ މުޒާހަރާތަކެއް ކުރިއަށް ގެންގޮސްފައެވެ. ހަފްތާ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފޯކައިދޫގައި ކުރިއަށް ދިޔަ މިމުޒާހަރާގެ ތެރެއިން ބައެއް މީހުން ވަނީ ފެނަކަ އޮފީހަށް ވެސް ވަދެގެންފައެވެ.
މީސްމީޑިއާގައި އަމިއްލަ ފަރާތަކުން އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ފޯކައިދޫ ކައުންސިލްގެ ރައީސް އިސްވެހުރެ، ސަރުކާރުގެ މުދަލަށް ގެއްލުން ދީފައިވާ ކަމަށެވެ. އަދި އެކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ރައްޔިތުންގެ ހައްގުގައި ރައްޔިތުންނަށް އަނިޔާ ކުރުމަކީ ދެރަކަމެއް ކަމަށެވެ.
މިކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ފޯކައިދޫ ފެނަކަ އޮފީހުގެ މުދަލަށް ގެއްލުންދީފައިވާ މައްސަލަ މިމަހުގެ 1 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާތީ، މައްސަލަ ތަހުގީގު ކުރަމުން ދާކަމަށެވެ.


