ފުލުސް މީހާގެ ގައިގައި ސައިކަލުން ޖެއްސި މީހާ އާއި އޭނާގެ ފަހަތުގައި އިން މީހާގެ ފޮޓޯ އާންމުކޮށްފި

17 އޮކްޓޫބަރު 2026 ވަނަ ދުވަހުގެ ފަތިހު ބްރިޖު ހައިވޭގައި ޑިއުޓީގައި ހުރި ޓްރެފިކް ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން ދެ މީހުން ----

ސިނަމާލެ ބްރިޖު ހައިވޭގައި ޓްރެފިކް ބަލަހައްޓަން އުޅުނު ފުލުސް އޮފިސަރެއްގެ ގައިގައި ސައިކަލުން ޖެއްސި ހާދިސާއާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން ދެ މީހުންގެ ފޮޓޯއާއި ވަނަވަރު ފުލުހުން އާންމުކޮށްފި އެވެ.

މި ހާދިސާގައި ހިނގާފައިވަނީ އިއްޔެ ފަތިހު 4:29 ހާއިރު, ސިނަމާލެ ބްރިޖު ހައިވޭގައި މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ލޭނުގައި ނުރައްކާތެރިކޮށް ދުއްވުން ހުއްޓުވުމަށް ފުލުހުން ޖަހަފައިވާ ވެހިކަލް ޗެކްޕޮއިންޓެއްގައެވެ.

ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު މުހައްމަދު ވިދާޅުވި ގޮތުގައި މިއީ ގަސްދުގައި ބަޔަކު ކުރި ކަމެކެވެ. އެގޮތުން މި ހާދިސާގައި ގަޑިއަކު 100 ކިލޯމީޓަރަށްވުރެ ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލު ޗެކްޕޮއިންޓުގައި ޖަހާފައި ހުރި ބެރިކޭޑުގައި ޖެހި, އެތަނުގައި ޑިއުޓީގައި ހުރި ފުލުސް އޮފިސަރުގެ ގައިގައި ޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.

ފުލުހުން ބުނީ, އެ ހާދިސާއާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކުރި ކަމަށާއި އެ މީހުންގެ ބަންދަށް އިއްޔެ ފަސް ދުވަސް ކޯޓުން ޖަހާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ފޮޓޯ އާންމުކޮށްފައިވާ ދެ މީހުންނަކީ ހދ. ކުޅުދުއްފުށި/ އުއްދަޑިމާގެ, އަބްދުالله ސައްމާހް ހަސަން ސާދިގު (20އ) އާއި ކ. ގާފަރު/ މަލަ, އަހުމަދު ސިނާޒް (30އ) އެވެ.

ފުލުހުން ބުނީ, މި ދެ މީހުންގެ ތެރެއިން ސައްމާހުއަކީ ފުލުސް އޮފިސަރުގެ ގައިގައި ޖެއްސި ސައިކަލު ދުއްވަން އިން މީހާ ކަމަށާއި ސިނާޒަކީ އެ ސައިކަލުގެ ފަހަތުގައި އިން މީހާ ކަމަށެވެ. ދެން މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ދެ ދިވެހި ފިރިހެނުން ކަމަށާއި އެ ހަތަރު މީހުންގެ ވެސް ޔޫރިން ވަގުތީ ނަތީޖާއިން ޑުރަގަށް ޕޮޒިޓިވް ވެފައިވާ ކަމަށްވެސް ބުންޏެވެ.

މި ހާދިސާގައި އަނިޔާވި ފުލުސް މީހާގެ މޫނުމައްޗަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު, އެ އޮފިސަރަށް އޭޑީކޭ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.