ޔޫރަޕްގެ ގައުމުތަކުގައި ދިރިއުޅުމުގެ ހަރަދުތައް އިންތިހާއަށް އުފުލެމުންދާތީ، އެކަމާ ދެކޮޅަށް އަޑުއުފުލުމަށްޓަކައި އެތައް ބަޔަކު މަގުތަކަށް ނުކުމެ މުޒާހަރާކުރަން ފަށައިފި އެވެ.
ބެލްޖިއަމް، ފްރާންސް، އިޓަލީ އަދި ޕޯޗުގަލްގައި އިއްޔެ ފެށި މި މުޒާހަރާތަކާ ގުޅިގެން ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ގައުމުތަކުގެ ސަރުކާރުތަކަށް ވަނީ ބޮޑެތި ޕްރެޝަރުތަކަކާ ކުރިމަތިލާން ޖެހިފަ އެވެ.
އެގޮތުން ފާއިތުވި އެތައް އަހަރެއްގެ ތެރޭގައި ފްރާންސް ނުދެކޭ ފަދަ ހަލަބޮލި މުޒާހަރާތަކެއް އެ ގައުމުގައި ކުރަމުންދާއިރު, އެ ގައުމުގެ އިންޓީރިއާ މިނިސްޓްރީން ބުނި ގޮތުގައި 550،000 އަށް ވުރެ ގިނަ މީހުން ދަނީ އެ މުޒާހަރާތަކުގައި ބައިވެރިވަމުންނެވެ.
ފްރާންސްގެ ބޮޑުވަޒީރު ސެބަސްޓިއަން ލެކޯނޫ ވިދާޅުވީ އެ މުޒާހަރާތަކުން މިހާތަނަށް 1،200 މީހުން ހައްޔަރުކޮށްފައިވާއިރު, 150 ފުލުހަކަށް އަނިޔާވެފައިވާ ކަމަށެވެ. އަދި ”ގެއްލުންތައް މިއަށްވުރެ ބޮޑުނުވެ ސަލާމަތްވީ ހަމަ ކިރިޔާ“ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
ފްރާންސްގެ ނިއުސް އޭޖެންސީ އޭއެފްޕީން ރިޕޯޓުކޮށްފައިވާ ގޮތުން, ޕެރިސް، މާސޭ، ނީސް، ނޯންޓް، ބޯޑޯ، ލިމޯޖް، ލިލް، ޓުލޫޒް އަދި ސްޓްރާސްބޯގްގައި ކުރިއަށް ގެންދިޔަ މުޒާހަރާތަކުގައި އެތައް ފިހާރައެއް ވަނީ ލޫޓުވައިފަ އެވެ. އަދި ޕެރިހުގެ އެތައް މަގެއް އެއްކޮށް ސުންނާފަތިވެފައިވާ ކަމަށް އެ ސިޓީގެ މޭޔަރު އެމަނުއެލް ގްރެގުއާ ވަނީ ވިދާޅުވެފަ އެވެ.
ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި ޔުނިވާސިޓީ ރަޖިސްޓްރޭޝަން ފީއާ ދެކޮޅަށް ދަރިވަރުން އެތައް ހަފުތާއެއް ވަންދެން މުޒާހަރާ ކުރަމުންދާއިރު، ފުލުހުންނާ ދިމާއަށް ތަކެތި އުކައި އަލިފާން ރޯކުރުމުގެ ސަބަބުން މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭހާއި ފެން ޖަހައިފަ އެވެ.
ޕޯޗުގަލްގެ ވެރިރަށް ލިޒްބަންގައި އެތައް ހާސް ބަޔަކު މުޒާހަރާ ކުރަމުންދަނީ ދިރިއުޅުމުގެ ހަރަދުތައް އަތްނުފޯރާ ފަށަށް ދިއުމާއި ކުޑަ މުސާރަ އަދި ބޮޑެތި ސިޓީތަކުން ބޯހިޔާވަހިކަން ނުލިބޭ މައްސަލައާ ދެކޮޅަށެވެ. އެގޮތުން 2017 ވަނަ އަހަރުން ފެށިގެން ޕޯޗުގަލްގައި ގެދޮރުގެ އަގު ދެގުނައަށްވުރެ ބޮޑުވެފައިވާއިރު، އަލަށް ކުއްޔަށްދޭ ތަންތަނުގެ ކުލި ވެސް ވަނީ ގާތްގަނޑަކަށް އެ މިންވަރަށް ވަނީ އުފުލިފަ އެވެ.
ޕޯޗުގަލްގެ ޕާލަމެންޓަރީ އެފެއާޒް މިނިސްޓަރު ކާލޯސް އަބްރޫ އަމޯރިމް މިދިޔަ ހުކުރު ދުވަހު ވިދާޅުވީ މަގުމަތީގައި އަޑުގަދަކުރިޔަސް ސަރުކާރުން ބޯނުލަނބާނެ ކަމަށެވެ.
އިޓަލީގެ މިލާންގައި ކުރިއަށްދާ މުޒާހަރާތަކުގައި މުޒާހަރާގެ ބައިވެރިން ވަނީ ފުލުހުންނާ ކުރިމަތިލައި، ފިހާރަތައް ލޫޓުވައި އަދި އިމާރާތްތަކާއި މުދާތަކުގައި ހުޅު ޖަހައިފަ އެވެ. މީގެ ސަބަބުން އާންމުކޮށް ފަތުރުވެރިން ގިނައިން ގޮސް އުޅޭ ޕިއާޒާ ޑެލް ޑުއޯމޯ އާއި އަގުބޮޑު ޝޮޕިން އާކޭޑް ވަނީ އެއްކޮށް ފަޅުވެފަ އެވެ.
ހަނގުރާމައާއި ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާ ދެކޮޅަށް ކުރިއަށްދިޔަ މި ހިނގާލުން ސުލްހަވެރިކަމާއެކު ފެށި ނަމަވެސް މުޒާހަރާ ހޫނުވީ މޫނު ނިވާކޮށްގެން ތިބި ބަޔަކު ހިނގާލުމާއި ގުޅި ފުލުހުންނާ ދިމާއަށް އެއްޗެހި އުކުމުންނެވެ. އެ ހިސާބުން މުޒާހަރާ ރޫޅާލުމަށް ފުލުހުން ވަނީ ފެނާއި ކަރުނަގޭސް ބޭނުންކޮށްފައެވެ.
އިޓަލީގެ ލާޕްރެސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހަމަނުޖެހުންތަކުގައި މަދުވެގެން ދެ ފުލުހަކަށް އަނިޔާވެ، މުޒާހަރާގެ ބައިވެރިންގެ ތެރެއިން ގާތްގަނޑަކަށް 50 މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރެއިން ގިނައީ ކުޑަކުދިންނެވެ.


