ކުރިއަށް އޮތް 5 އަހަރު ތެރޭގައި ޕެންޝަން ފަންޑު 60 ބިލިއަން ރުފިޔާއަށް އިތުރުކުރާނަން: ޔަޒްމީދު

ޕެންޝަން އޮފީހުގެ ސީއީއޯ ޔަޒްމީދު މުހައްމަދު ---

މޯލްޑިވްސް ރިޓަޔާމަންޓް ޕެންޝަން ސްކީމުން ބަލަހައްޓަމުން ގެންދާ ފައިސާގެ އަދަދު، ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ދެގުނަ ކުރައްވައި 60 ބިލިއަން ރުފިޔާއަށް އިތުރުކުރައްވާނެ ކަމަށް ޕެންޝަން އޮފީހުގެ ސީއީއޯ ޔަޒްމީދު މުހައްމަދު ވިދާޅުވެއްޖެ އެވެ.

ޕެންޝަން އޮފީހުން ހދ. ހަނިމާދޫގައި ކުރިއަށްގެންދިޔަ ”ތްރީ ޖެނެރޭޝަން ވޯކް“ (3ޖެން ވޯކް) ހަރަކާތް ފެށުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޔަޒްމީދު ވިދާޅުވީ, ޕެންޝަން އޮފީހުގެ ހަޔާތުގައި މިވީ 17 އަހަރު ދުވަސްތެރޭގައި ޕެންޝަން ފަންޑަށް ޖަމާވެފައިވަނި 30 ބިލިއަން ރުފިޔާއަށް ކަމަށެވެ.

ނަމަވެސް ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި އެ އަދަދު ދެގުނަކޮށް, 60 ބިލިއަން ރުފިޔާއަށް އިތުރުކުރުމަށްޓަކައި ޕްރޯއެކްޓިވްކޮށް މަސައްކަތްކޮށް އިންވެސްޓް ކުރެވޭނެ އިތުރު ފުރުސަތުތައް ހޯދައިގެން ޕެންޝަން ފަންޑު މިހާރަށްވުރެ ފުޅާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އޭގެ ނަފާ މެންބަރުންނަށް ލިބޭނެގޮތަށް ޕެންޝަން އޮފީހުގެ ހިންގުމުގެ ނިޒާމު ތަރުތީބު ކުރައްވާފައިވާ ކަމަށް ވިދާޅުވި އެވެ.

ޔަޒްމީދު އިތުރަށް ވިދާޅުވީ, ރިޓަޔާމަންޓް ޕެންޝަން ސްކީމުގައި ކޮންމެހެން ބައިވެރިވާންޖެހޭ ބައެއް ފަރާތްތަކުން، ސްކީމުގައި ބައިވެރިނުވެ ތިބި ކަމަށާއި އެ ފަރާތްތައް ޕެންޝަން ސިސްޓަމްގެ ތެރެއަށް ވެއްދުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދަވާ ކަމަށެވެ.