ކެންޔާގެ 190 ކުޑަކުދިން ބަނޑަށް ޖައްސައިގެން މަރާލި ކަލްޓް ލީޑަރެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ

”އީސާގެފާނާ ބައްދަލުކުރުމަށްޓަކައި“ ދަރިން ބަނޑަށް ބައިތިއްބައިގެން 190 ކުޑަކުދިން މަރާލިކަމުގެ ކުށް, ކެންޔާގެ ނަސާރާ ކަލްޓް ލީޑަރެއް ކަމަށްވާ ޕޯލް މެކެންޒީގެ މައްޗަށް ސާބިތުވެއްޖެ އެވެ.

މެކެންޒީގެ އިތުރުން އޭނާގެ ކަލްޓްގެ އިތުރު 28 ލީޑަރެއްގެ މައްޗަށްވެސް މީހުން މެރުމުގެ ކުށް ވަނީ ސާބިތުވެފަ އެވެ. ނަމަވެސް އެ އެންމެންވެސް ވަނީ ކުށަށް އިންކާރުކޮށް, އެއްވެސް މީހަކު މަރުވާން މަޖުބޫރު ނުކުރާ ކަމަށް ތަކުރާރުކޮށް ބުނެފަ އެވެ.

މެކެންޒީ އާއި އޭނާގެ ކަލްޓްގެ އެހެން ލީޑަރުންގެ މައްޗަށް މީހުން މަރާލުމުގެ މައްސަލައިގެ އިތުރުން، ޓެރަރިޒަމްގެ އަމަލުތައް ހިންގުމާއި ހަރުކަށި ފިކުރު ފެތުރުމާއި ކުޑަކުދިން ތައުލީމުން މަހްރޫމްކުރުން ފަދަ ގިނަ ދައުވާތަކެއް ވެސް އުފުލާފައިވެ އެވެ.

ނަމަވެސް މިއީ މީހުން މަރާލުމުގެ ސީރިއަސް ދައުވާތަކެއް މެކެންޒީގެ މައްޗަށް ސާބިތުވި ފުރަތަމަ ފަހަރެވެ. މި މައްސަލައިގައި އޭނާއަށް އަދަބު ކަނޑައެޅުން އޮންނާނީ އަންނަ ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހު އެވެ.

މޮމްބާސާގައި އަށް ގަޑިއިރަށް ދެމިގެންދިޔަ ޝަރީއަތުގެ މަޖިލީހުގައި ހުކުމް އިއްވަވަމުން ފަނޑިޔާރު ޑަޔާނާ މޮޗާޗޭ ވިދާޅުވީ, މެކެންޒީއަކީ އީސާގެފާނުގެ ބަސް އިއްވާ މަންދޫބު ކަމަށް އޭނާއަށް ތަބާވި މީހުން ގަބޫލުކުރި ކަމަށެވެ.

ޝަރީއަތުގައި ހެކިބަސް ދެމުން މީހަކު ވަނީ މާބަންޑު އަންހެނަކަށް, އޭނާ ވިހެއި ތުއްތު ދަރިފުޅަށް ގާތުން ދިނުމަށް މެކެންޒީ މަނާކުރި ކަމަށެވެ. އޭގެ ސަބަބުން އެ ކުއްޖާ 12 ދުވަސް ފަހުން މަރުވި ކަމަށްވެސް އޭނާ ޝަރީއަތުގައި ބުނެފައިވެ އެވެ.

މި މައްސަލައިގައި މެކެންޒީގެ ކުރީގެ ސެކިއުރިޓީ ވެރިޔާ, އެނޮސް އަމަންޔާ ންގާލާގެ މައްޗަށް ދައުވާކުރި ނަމަވެސް އޭނާ ފަހުން ވަނީ ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދައި, ދައުލަތާ އެއްގޮތަށް ހެކިބަސް ދޭން ނިންމައިފަ އެވެ.

އިންޒާރު: މި ލިޔުމުގައި ބައެއް މީހުންނަށް އުނދަގޫވެދާނެ އަސަރުގަދަ މައުލޫމާތުތަކެއް ހިމެނިފައި ހުރެދާނެ އެވެ.

މެކެންޒީ ’ގުޑް ނިއުސް އިންޓަނޭޝަނަލް މިނިސްޓްރީޒް‘ އުފެއްދީ 2003 ގައެވެ. އޭގެ ފަހުން އައި 16 އަހަރުގެ ތެރޭގައި, އެ ފައްޅި މަގުބޫލުވެ, ކެންޔާގެ އެކި ކަންކޮޅުތަކުގައި އެ ފައްޅީގެ ގޮފިތައް ހުޅުވި އެވެ. އޭގެ ފަހުން އެ ފައްޅިން ’ޓައިމްސް ޓީވީ‘ ގެ ނަމުގައި ޓީވީ ސްޓޭޝަނެއް ހުޅުވައި, މަލިންޑީގައި ހުންނަ އޭނާގެ ފައްޅީގައި ދޭ ދީނީ ނަސޭހަތްތައް ދުރަށް ފޮނުވަމުން ދިޔަ އެވެ.

ގިޔާމަތް ދުވަހާ ގުޅޭގޮތުން އޭނާ ދިން ނަސޭހަތްތަކުގެ ތެރޭގައި؛ ތައުލީމަކީ ”ނުބައި“ އެއްޗެއް ކަމަށާއި ސިއްހީ ފަރުވާއަކީ ”އަގީދާއާ ހިލާފު“ ކަމެއް ކަމަށާއި ޑިޖިޓަލް އައިޑީ ކާޑުތަކަކީ ”ޝައިތާނާގެ ނިޝާނެއް“ ކަމަށް ސިފަކޮށް އުފައްދާފައިވާ ހިޔާލީ އަދި ދޮގު ވާހަކަތައް ހިމެނެ އެވެ.

ނަމަވެސް މައި ފައްޅި 2019 ގައި ބަންދުކުރި އެވެ. އޭގެ ފަހުން މެކެންޒީ ބަދަލުވީ ކެންޔާގެ އައްސޭރިފަށުގެ ސަރަހައްދެއް ކަމަށްވާ ޝަކަހޯލާ ޖަންގައްޔަށެވެ. އެތަނަށް ބަދަލުވެ، އޭނާއަށް ތަބާވާ މީހުންވެސް އޭނާގެ ފަހަތުން އެތަނަށް ދިއުމަށް ހިތްވަރު ދިނެވެ.

މެކެންޒީ ހައްޔަރުކުރީ 2023 ވަނަ އަހަރު, ޝަކަހޯލާ ޖަންގަލި ކޮނުމުގެ ތެރެއިން 400 އަށްވުރެ ގިނަ މީހުންގެ ހަށިގަނޑު ފެނުމާއި ގުޅިގެންނެވެ. ބުނެވޭ ގޮތުން އެއީ މެކެންޒީއަށް ތަބާވި މީހުންނެވެ.

ކަށްވަޅުތައް ކޮނުމުގައި ބައިވެރިވި މީހަކާ ހަވާލާދީ ބީބީސީގައި ބުނެފައިވާ ގޮތުން އެ މީހުންނަށް ފެނުނު ކޮންމެ ވަޅެއްގައި މަދުވެގެން ތިން ހަށިގަނޑު އޮތެވެ. އަދި ބައެއް މީހުންގެ ކަށިތަކަކީ އުމުރުން މަދު ހަފުތާތަކެއްވީ ތުއްތު ކުދިންގެ ކަށިތައް ކަމަށްވެސް ބުންޏެވެ.

”އެއްފަހަރަކު ވަޅެއްގެ ތެރެއިން އެއް ސަފަކަށް އަތުރާފައި ތިބި 12 ކުއްޖެއްގެ ހަށިގަނޑު ފެނުނު. އެއީ ވަރަށް ބޮޑު ވަޅެއް، ހަށިގަނޑުތައް ހުރީ އެއްޗެހިތަކެއް ފަތިޖަހާފައި ހުންނަހެން. އެކަތި މައްޗަށް އަނެކަތި.“ ކަށްވަޅުތައް ކޮނުމުގައި ބައިވެރިވި ޖޭމްސް ނަމަކަށް ކިޔާ މީހަކާ ހަވާލާދީ ބީބީސީގައި ބުނެފައިވެ އެވެ.

”ކަށްވަޅު ކޮނުނު މީހުން ބުނި ގޮތުގައި ބައެއް ކުދިންގެ ހަށިގަނޑުތައް ހުރީ ”އަތްފައި ބަނދެ، ބެޑްޝީޓުތަކުން އޮޅާލާފައި.“