މިދިޔަ ހަފުތާ ބަންދުގައި ފްރާންސްގައި ހިންގި ހަމަނުޖެހުންތަކާއި ވައްކަމާއި ލޫޓުވުންތަކާ ގުޅިގެން, ޕެރިހުގެ މެދުތެރޭގެ ބައެއް ސަރަހައްދުތަކާއި ބައެއް ރަށްރަށުގައި ރކާފިއު ހިންގަން ނިންމައިފި އެވެ.
ޕެރިހުގެ ފުލުހުން ބުނި ގޮތުގައި, ކާފިއު ހިންގަން ނިންމާފައިވަނީ ހަފުތާ ބަންދުގައި މުޒާހަރާގެ ބައިވެރިން އެއްވި ޕްލާސް ޑި ލާ ރެޕަބްލިކް އަދި ލެ އާލް ވިޔަފާރި ސަރަހައްދުގައި ކޮންމެ ދުވަހެއްގެ ރޭގަނޑު 11:00 އިން ހެނދުނު 06:00 އަށެވެ. އަދި ޕެރިހުގެ މެދުތެރޭގެ އެހެން ބައެއް ސަރަހައްދުތަކުގައި ހުއްދަނެތި އެއްވުންތައް ބޭއްވުން ވެސް ވަނީ މަނާކޮށްފަ އެވެ.
އޭގެ އިތުރުން މާސޭ، ބޯޑޯ، ނީސް އަދި ލިއޯންގެ އިތުރުން އުތުރުގެ ރަށެއް ކަމަށްވާ ލީލް އަދި އެހެނިހެން ޓައުންތަކުގައި ޒުވާނުން ބޭރަށް ނުކުތުމާއި މީހުން އެއްވުން ކޮންޓްރޯލް ކުރުމުގެ ފިޔަވަޅުތަކެއް އަޅަންވެސް ވަނީ ނިންމައިފަ އެވެ.
މި ފިޔަވަޅުތައް އަޅަން ނިންމާފައި މިވަނީ ހަމަނުޖެހުންތަކަށް ތައްޔާރުވެފައިވާ މިންވަރާމެދު އިދިކޮޅު ސިޔާސީ ފަރާތްތަކުގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ. އަދި ދާހިލީ ވަޒީރު ލޯރެންޓް ނުނޭޒް ވަނީ ބައެއް ރަށްތަކުގައި ފުލުހުންގެ ބާރު ކެނޑިފައިވާ ކަމަށްވެސް އިއުތިރާފުވެވަޑައިގެންފަ އެވެ.
ކާފިއު އިއުލާންކުރަން ނިންމިކަން އިއުލާންކުރަމުން ބޮޑުވަޒީރު ސެބަސްޓިއަން ލެކޯނޫ ވަނީ ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުން އެކަށީގެންވާކަމުގެ އިޝާރާތެއްވެސް ކުރައްވައިފަ އެވެ.
އޭނާ ވިދާޅުވީ, މުޒާހަރާތަކުގައި ގެއްލުން ލިބުނު ސަރަހައްދުތައް އިޔާދަކުރުމަށް ސަރުކާރުން ފައިސާ ކަނޑައަޅާނެ ކަމަށާއި އެ ފައިސާ ހޯދާނީ ހަމަނުޖެހުން އުފެއްދި ފަރާތްތަކުގެ އަތުން ކަމަށެވެ. އެގޮތުން އެކަމުގައި އިސްކޮށް އުޅުނު މީހުން ދެނެގަތުމަށްޓަކައި 200 ތަހުގީގު އޮފިސަރުންގެ ޓީމަކުން ސީސީޓީވީ ފުޓޭޖުތައް ބަލައި ދިރާސާކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ހަމަނުޖެހުންތަކާއި ވައްކަންތަކުގެ ސަބަބުން މަސައްކަތަށް ނުނިކުމެވުނު މީހުންނަށް ޕާޝަލް އަންއެމްޕްލޯއިމަންޓް ފަންޑެއް ވެސް އޭނާ އިއުލާން ކުރެއްވި އެވެ.
ފްރާންސްގައި މުޒާހަރާތައް ފެށުނީ ސްކޫލްތަކުގެ ހާލަތު ރަނގަޅުކުރުމަށް ގޮވާލައި ދަރިވަރުން ނުކުތުމުންނެވެ. ނަމަވެސް ތެލުގެ އަގު އުފުލުމާއި ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާއި ސްކޫލްތައް ހިމެނޭހެން އާންމު ހިދުމަތްތަކުގެ ފެންވަރު ދަށަށް ދިއުމާއި ގުޅިގެން މުޒާހަރާތައް އިތުރަށް ވަރުގަދަވި އެވެ.
އެގޮތުން މިދިޔަ ހަފުތާ ބަންދުގައި ގާތްގަނޑަކަށް 550،000 މީހުން މަގުތަކަށް ނުކުމެ މުޒާހަރާ ކުރި އިރު, މުޒާހަރާތަކުގައި ލޭބާ ޔޫނިއަންތަކާއި އެކި އިހުތިޖާޖީ ގްރޫޕްތައްވެސް ބައިވެރިވި އެވެ.
އޮފިޝަލުން ވިދާޅުވި ގޮތުގައި އެ މުޒާހަރާތަކުގައި 2،500 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. އޭއެފްޕީ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ފުލުހުން ބޭނުންކުރި ކްރައުޑް-ކޮންޓްރޯލް ގްރެނޭޑެއް ގޮވައި މުޒާހަރާގެ ބައިވެރިއެއްގެ އަތް ވަނީ ބުރިވެފަ އެވެ. އަދި ގާތްގަނޑަކަށް 1،000 އެއްހާ ފުލުހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފަ އެވެ.


