ދުނިޔޭގެ ފެންވަރުގެ މެރީނާއަކާއި ވޯޓާފްރަންޓެއް ހަދަން ރަސްމާލޭގެ އެއްބައިގައި ދިނީ އެ ތަނަށް ބޭނުންވާ ތަރައްގީ އަވަހަށް ގެނައުމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
”މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ“ގެ ނަމުގައި އެ މަޝްރޫއު ހިންގަން ދީފައިވަނީ އަބޫ ދާބީގެ މަޝްހޫރު ކުންފުނި, އީގަލް ހިލްސްއަށެވެ. އެ ކުންފުންޏަށް ވަނީ ރަސްމާލެއިން ދެ ހުޅުމާލެއަށްވުރެ ބޮޑު ބިމެއް ދީފަ އެވެ.
ރައީސް އޮފީހުން ގެނެސްދޭ ”ދަ ޕަލްސް“ ޕްރޮގްރާމުގައި ރައީސް ވިދާޅުވީ, ހުޅުމާލެ ހިއްކިގެންދިޔައިރުގައި އެ ތަނަށް އިންވެސްޓްމަންޓްތައް އައިސް, ވިޔަފާރިތައް އުފެދި, މީހުން އުޅެން ފެށީ އެތައް ޒަމާނެއް ފަހުން ކަމަށެވެ. ނަމަވެސް ރައްޔިތުންނަށް ތަރައްގީގެ ކަންކަން ސަރުކާރުން ފޯރުކޮށްދޭންޖެހޭނީ އެގޮތަށް ނޫން ކަމަށާއި އެއަށްވުރެ ޕްލޭން ކުރެވިގެން ބާރު ސްޕީޑުގައި ރައްޔިތުންނަށް ތަރައްގީ, ހާއްސަކޮށް ބޯހިޔާވަހިކަން ހޯދައިދޭންޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ, ރަސްމާލެއިން ގޯއްޗާއި ފްލެޓް ލިބޭ މީހުންނަށް އެ ތަންތަނަށް ވަދެވޭ ގޮތް ހެދުމަށްޓަކައި އެތަނަށް ގެންނަންޖެހޭ ތަރައްގީގެ ވީހާވެސް އަވަހަކަށް ގެނައުމަކީ ސަރުކާރުގެ ސިޔާސަތު ކަމަށެވެ.
”އެގޮތުން ރަސްމާލޭގެ ބިމުގެ އެއްބައިގައި ބޮޑު އިންވެސްޓްމަންޓް މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމި މައިގަނޑު ސަބަބަކީ. ދެން މި މަޝްރޫއުއަކީ އިރާދަކުރެއްވިއްޔާ މުޅި ރަސްމާލޭގެ ތަރައްގީ ދުވަސްކޮޅެއްގެ ތެރޭގައި ހަގީގަތަކަށް ހަދައިދޭނެ މުހިންމު މަޝްރޫއެއް,“ ރައީސް ވިދާޅުވި އެވެ.


