ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ ރިޒުގު ތަނަސްވެ, އުމުރުގައި ބަރަކާތްލެއްވުމަށް މެދުވެރިވާ ސަބަބެކެވެ.

ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ ދުނިޔެމަތީގައި ރިޒުޤު ތަނަވަސްވެ، ޢުމުރުގައި ބަރަކާތްލެއްވުމަށް މެދުވެރިވާ ސަބަބެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

”ޢާއިލީގުޅުން ހަރުދަނާކުރުމުގެ މުހިންމުކަން“ މި މައުޟޫއުއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ, މިއަދު އަހަރެމެން އެންމެންގެ ވެސް ޝަކުވާއަކީ، މުޖުތަމަޢުގެ އަފުރާދުންގެ އަޚުލާޤީ ފެންވަރު، ދުވަހުންދުވަހަށް ދަށްވެ, ޢާއިލާގެ ތެރޭގައި އޮންނާންވާ ގުޅުންތައް ކެނޑި, ޢާއިލާތައް ރޫޅި ވިއްސިވިހާލިވާ ވާހަކަ އާއި އެ ކަންތައްތައް އިޞްލާޙުކުރާން މަސައްކަތްކުރާން ވެއްޖެ ވާހަކަ ކަމަށެވެ.

ނަމަވެސް މުޖުތަމަޢުގެ އަފުރާދުންގެ އަޚުލާޤީ ފެންވަރު ދަށްވާން ދިމާވާ އެންމެ ބޮޑު އެއް ސަބަބަކީ، ބޮޑުވަމުން އަންނަ އަހަރެމެންގެ ދަރީން ތަރުބިޔަތުކުރެވޭ ގޮތާއި އެ ދަރީންނަށް ދެވޭ ތަޢުލީމު ކަމަށް ބުންޏެވެ.

ހުތުބާގައި ބުނީ, ކޮންމެ ކުއްޖަކުވެސް އެކި ގޮތްގޮތަށް ބައްޓަންވަނީ އެ ކުއްޖާއަށް ދެވޭ ތަޢުލީމަކާއި ތަރުބިޔަތަކުންނާއި އެ ކުއްޖާ ގެންގުޅެ ބޮޑުކުރެވޭ ގޮތަކުން ކަމަށެވެ. އެގޮތުން މައިންބަފައިންނާއި ބަލަދުވެރީންނާއި ބެލެނިވެރީން ތުއްތު ކުދީން ގެންގުޅެ ބޮޑުކުރާ އިރު، ދީނީ ކަންކަން ދަސްކޮށްދިނުމުގެ އިތުރަށް، އެ ކުދީންގެ މައިންބަފައިންނަށް ކިޔަމަންގަނެ ކަމޭހިތުމަށާއި ގާތްތިމާގެ މީހުންނާ ގުޅުން ބަދަހިކުރާން ދަސްކޮށްދޭން ޖެހޭ ކަމަށް ބުންޏެވެ. އަދި ބުނީ, އެ ކުދީންގެ ތިމާގެ މީހުންނަކީ ކޮބައިކަން ބުނެދީ, އެ ކުދީން ރަޙިމުގެ ގޮތުން ގުޅިފައިވަނީ ކޮންބަޔަކާކަން އަންގައިދޭންޖެހޭ ކަމަށެވެ.

އިސްލާމްދީނުގައި ދަމަހައްޓާން އަންގަވައިފައިވާ ޢާއިލީ ގުޅުންތަކުގެ ތެރެއިން އެންމެ މުހިންމު ގުޅުމަކީ ރަހިމުގެ ގުޅުންކަން ފާހަގަކޮށް ހުތުބާގައި ބުނީ,  އަދި ގާތްތިމާގެކަމުގެ ގުޅުން ކަނޑައިލުމަކީ ނުރައްކާތެރިކަމެއް ކަމަށާއި އެއީ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ބުންޏެވެ.

މި ކަމާ ގުޅޭ ގޮތުން މާތް ނަބިއްޔާ ހަދީޡް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެ އެވެ.

”ރަޙިމުގެ ގުޅުން ކަނޑައިލާ މީހާ ސުވަރުގެއަކަށް ނުވަންނާނެއެވެ.“

ހުތުބާގައި ބުނީ, ޢާއިލާތަކުގެ މެދުގައި ގުޅުން ބަދަހިކުރެވޭނީ އަހަރެމެންނަށް ލިބޭ ދަރީން ރަނގަޅު ގޮތުގައި ތަރުބިޔަތުކޮށްގެން ކަމަށާއި އެކަން ކުރެވޭނީ ތަރުބިޔަތުކުރާން ތިބި ބަޔަކީ، އެ ކަމުގެ ޤާބިލުކަން ލިބިގެންވާ ބަޔަކަށް ވެގެން ކަމަށެވެ. ޢާއިލާއެއްގައި ދެމަފިރީންގެ މަސްއޫލިއްޔަތަކީ ކޮބައިކަން ކީރިތި ރަސޫލާ އަހަރެމެންނަށް ބަޔާންކޮށްދެއްވާފައިވާއިރު, ޢާއިލާއެއްގައި ނަމަ ދެމަފިރީންގެ އެންމެ އިސް މަސްއޫލިއްޔަތަކީ ދަރީންގެ ޙައްޤުތަކަށް ރައްކާތެރިކުރުން ކަމަށްވެސް ބުންޏެވެ.

އަހަރެމެންގެ ދަރީންނަކީ ރަޙިމުގެ ގުޅުން ދަމަހައްޓާ، ހެޔޮލަފާ ޤާބިލު ބަޔަކަށްހެދުމަކީ، އެ ކުދީންނަށްދެވޭ ތަޢުލީމުން އެކަނި ކުރެވޭނޭ ކަމެއް ނޫންކަން ފާހަގަކޮށް ހުތުބާގައި ބުނީ, ތަޢުލީމާ އެކު ތަރުބިޔަތު ވެސް ދޭންޖެހޭ ކަމަށާއި ދަރީން ތަރުބިޔަތުކުރުމުގައި އެ ކުދީންނަށް ބޭނުންވާނޭ އެންމެހައި މާއްދީ ކަންތައްތައް ފުރިހަމަކޮށްދިނުމުގެ އިތުރަށް، އެ ކުދީންނަށް ނަސޭހަތްތެރިވެ، އެ ކުދީންނަކީ އިސްލާމީ އަދަބުތަކާއި ޝަރުޢީ ޙުކުމްތަކަށް ޙުރުމަތްތެރިކޮށްހިތާ ބަޔަކަށްހެދުމަށް މަސައްކަތްކުރާން ޖެހޭނެ ކަމަށެވެ.

އެގޮތުން ކުރެވޭ މަސައްކަތުގެ އެންމެ އެދެވޭ ނަތީޖާ ފެންނާނީ މައިންބަފައިން ދަރީންނަށް ރިވެތި ނަމޫނާއަކަށް ވެގެން ކަމަށާއި މާތް ވެގެންވާ އިސްލާމްދީނުގައި މައިންބަފައިންނަށް އިރުޝާދުދެއްވައިފައިވަނީ އެބައިމީހުންގެ ދަރީންނަށް ޅަފަތުގައި ރިވެތި އަދަބު ދަސްކޮށްދިނުމަށް ކަމަށް ހުތުބާގައި ބުންޏެވެ. އަދި ބުނީ, ދީނީ ވާޖިބުތަކަށް ޙުރުމަތްތެރިކޮށްހިތުމަށް ބާރުއެޅުމަކީ ވެސް މައިންބަފައިންގެ ވާޖިބެއް ކަމަށެވެ.