މި އަހަރުގެ ތިންވަނަ ކުއާޓަރުގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 281 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެސްޓީއޯ އިން އިއްޔެ ވަނީ މި އަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ހިސާބުތައް އެ ކުންފުނީގެ ވެބްސައިޓްގައި ޝާއިއުކޮށްފަ އެވެ.
އެސްޓީއޯގެ މާލީ ހިސާބުތައް ދައްކާ ގޮތުން ތިންވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ވަނީ 6.48 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފަ އެވެ. އެއީ މީގެ ކުރީ ކުއާޓަރާއި އަޅާބަލައި އިރު ހަތް ޕަސެންޓުގެ ދަށްވުމެކެވެ.
އެސްޓީއޯ އިން ބުނީ، އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތަކަށް އައި ބަދަލާއެކު ތެލުގެ އަގު ދަށްވުން ކަމަށެވެ. ތެލުގެ އަގު ދަށްވި ނަމަވެސް، ތެޔޮ ވިކުނު އަދަދު އޭގެ ކުރީ ކުއާޓަރާއި އަޅާބަލައިއިރު އިތުރުވި ކަމަށް އެ ކުންފުނިން ބުންޏެވެ.
މާލީ ހިސާބުތައް ދައްކާ ގޮތުން، އެސްޓީއޯގެ އެހެނިހެން ވިޔަފާރިތަކުން ލިބުނު އާމްދަނީ އިތުރުވެ، މިދިޔަ ކުއާޓަރުގައި އެ ކުންފުންޏަށް ވަނީ، ޖުމްލަ ފައިދާގެ ގޮތުގައި 738 މިލިއަން ރުފިޔާ ލިބިފަ އެވެ.
އަދި އެ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި ވަނީ 400 މިލިއަން ރުފިޔާ ލިބިފަ އެވެ. އެއީ މީގެ ކުރީ ކުއާޓަރާއި އަޅާބަލައި އިރު 23 ޕަސެންޓުގެ އިތުރުވުމެކެވެ.
އޭގެ މައިގަނޑު ސަބަބެއް ކަމަށް އެސްޓީއޯއިން ބުނީ މެޑިކަލް ސެގްމަންޓްގެ ރިސްޓްރަކްޗަރ އާއި ގުޅިގެން ހަރަދު ކުޑަކުރެވުމާއި އަދި އެހެނިހެން ހަރަދުތައްވެސް ޖުމްލަކޮށް ކުޑަކުރެވިފައިވުމެވެ.
މާލީ ހިސާބުތައް ދައްކާ ގޮތުން ޖުމުލަ ފައިދާ ދަށްވި ނަމަވެސް އިދާރީ ހިންގުމުގެ ހަރަދު ކުޑަކުރެވުމާއެކު ތިންވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ވަނީ 352 މިލިއަން ރުފިޔާ ލިބިފަ އެވެ. އެއީ މީގެ ކުރީ ކުއާޓަރާއި އަޅާބަލައި އިރު ފަސް ޕަސެންޓުގެ އިތުރުވުމެކެވެ. އަދި ޓެކުހަށް ކެނޑުމަށްފަހު، އެ ކުއާޓަރުގެ އެ ކުންފުންޏަށް ވަނީ ސާފު ފައިދާގެ ގޮތުގައި 281 މިލިއަން ރުފިޔާ ލިބިފަ އެވެ.


