ގާތުން ދިނުން: ދަރިއާއި މައިމީހާއަށްވެސް ފައިދާ ބޮޑު

ގާތުން ދޭ ކިރަކީ ތުއްތު ދަރިފުޅު ހެދި ބޮޑުވުމަށް ބޭނުންވާ އެތައް މާއްދާއެއް އެކުލެވޭ އެއްޗެކެވެ. އޭގެން ކުޑަ ދަރިފުޅަށް ބޭނުންވާ ނިއުޓްރިޝަން ލިއްބައިދެ އެވެ. އިންފެކްޝަންތަކުން ނާއި ބަލިތަކުން ދަރިފުޅު ދުރުކޮށްދެއެވެ.

މައިމީހާގެ ގާތުން ދޭ ކިރުގެ ސަބަބުން ކުޑަ ދަރިފުޅު ބަނޑު ހަރުވުން ބޭރަށް ހިންގުންފަދަ ކަންކަންނުވާއިރު، ގުދުރަތީ އެ ބުއިމުގެ ސަބަބުން ދަރިފުޅު ހެދި ބޮޑުވެ ފުރާވަރަށްދާ ފަހުން ވެސް އޭގެ ފައިދާ ލިއްބައިދެ އެވެ. އޭގެ ތެރޭގައި ހަކުރު ބަލި، ކޮލެސްޓްރޯލް މަތިވުން ފަދަ ބަލިތަކުން ދުރުކޮށްދެއެވެ.

ގާތުން އެންމެ މަދުވެގެން ހަ މަސް ދުވަހު ބުއްދޭން ވާނެ ކަމަށް ބުނެ އެވެ. އެގޮތުން އެންމެ ފުރަތަމަ ތިން މަހު ބުއްދޭއިރު އޭގައި އެންޓިބޮޑީސް ހިމެނޭ ކަމުގައި ފާހަގަކުރެ އެވެ. މި އެންޓިބޮޑީސް ދަރިފުޅު ބަލިތަކުންނާއި ބެކްޓީރިއާ އަދި ވައިރަސްތަކުން ދުރުކޮށްދެއެވެ. ކަންފަތަށް ދިމާވާ ބަލިތަކާއި ގޭހުގެ މައްސަލައާއި ނޭޥާ ހިއްލުންފަދަ ބަލިތަކުން ވެސް ކުޑަދަރިފުޅު ރައްކާތެރު ކޮށްދެއެވެ.

ގާތުން ބުއް ދޭނަމަ މައިންނަށްވެސް ފައިދާތަކެއް އެބަ ހުއްޓެވެ. އެގޮތުން ރަހިމުގެ ކެންސަރުން ދުރުކޮށްދިނުމާއި ހޯމޯން ނިއުޓްރިލައިޒް ކޮށްދިނުން ހިމެނެއެވެ.

ނަމަވެސް ގާތުން ބުއްދޭއިރު މައިން ވިސްނަންޖެހޭ ކަމެއް އެބަ އޮތެވެ. އެއީ ކެއުމުގައި ކެލޮރީ، ޕްރޮޓީން، ވިޓަމިންސް އާއި މިނެރަލްގެ އިތުރުން ފައިބާ އެކުލެވޭ ކެއުންތައް ކެއުމެވެ. ގިނައިން ތަރުކާރީ އާއި މޭވާ ކެއުން ވެސް މުހިންމެވެ.

ވިޓަމިން ސީ އާ ގުޅޭގޮތުން އާންމުކޮށް ނޭނގޭ ބައެއް ކަންކަން

ވިޓަމިން ސީ އޭ ބުނުމުން އެންމެ ފުރަތަމަ ވެސް ސިފަ ކުރެވޭނީ އޮރެންޖެއް ނުވަތަ އެހެން ކޮންމެވެސް ކަހަލަ މޭވާއެކެވެ. އެއީ ގިނަ ބަޔަކަށް އެނގިފައި އޮންނަ ގޮތުގައި ވިޓަމިން ސީ ލިބޭ މޭވާ އާއި ތަރުކާރީތަކުގެ ތެރޭގައި ހިމެނެނީ އޮރެންޖް ފަދަ ސިޓްރަސް މޭވާތަކެވެ.

ނަމަވެސް ވިޓަމިން ސީގެ ދާއިރާ އިންތިހާ ފުޅަލެވެ. މޭވާއިންނާއި ތަރުކާރީން ހަށިގަނޑަށް ވިޓަމިން ސީ ލިބެ އެވެ. އެއާއެކު ވިޓަމިން ސީ އިން ހަށިގަނޑަށް ގިނަގުނަ ފައިދާ ކުރުވައެވެ.

އެގޮތުން، ފެހިކަން ގަދަ މިރުސް، ޗިލީ ޕެޕަރ، އަލަނާސި، ސްޓްރޯބެރީ، ބްރޮކޮލީ، ފަޅޯ، ކިވީ، ފެހި ފަތް، އަނބު އަދި ކައްޓަލައަކީ ވިޓަމިން ސީ ލިބޭ ބައެއް މޭވާ އާއި ތަރުކާރީ އެވެ. އަދި ވިޓަމިން ސީ ގިނަވެގެން ހަށިގަނޑަށް ގެއްލުމެއް ނެތެވެ. އެހެންނަމަވެސް ބައެއް އެހެން ވިޓަމިންސް ހަށިގަނޑުގައި މާ ގިނަވެއްޖެނަމަ ބައެއް ކަހަލަ ގެއްލުން ހަށިގަނޑަށް ލިބެ އެވެ.

އެގޮތުން ހަށިގަނޑުގައި ވިޓަމިން ޑީ އިތުރުވެއްޖެނަމަ ކިޑްނީގައި ހިލަ އުފެދޭގޮތްވެ އެވެ. މަސް ގަނޑަށް ތަދުވާގޮތްވެ އެވެ. ހަށިގަނޑުގެ ބަރުދަން ލުއިވުމުގެ އިތުރުން އަބަދު ކަރުހިއްކާފައި ހުރުމަކީވެސް ވިޓަމިން ޑީ ހަށިގަނޑަށް މާ ގިނައިން ބޭނުން ކުރެވޭނަމަ ލިބޭ ގެއްލުމެކެވެ.

ހަމަ އެގޮތަށް ހަށިގަނޑުގައި ވިޓަމިން އީ މާ ގިނަވެއްޖެ ނަމަވެސް ވެދާނެ ނުރައްކާތަކެއް އެބަހުއްޓެވެ. އެގޮތުން ސިކުނޑިން ލޭ ބޭރު ވުމާއި ސްޓްރޯކް ޖެހުން ފަދަ ކަންތައްތައް ހިމެނެއެވެ.

އިންޑިއާއަކީއަންހެނުންނާއި ޖަނަވާރުންނަށް ރައްކާތެރި ތަނެއް ނޫން:  ޖޯންއަބްރަހަމް

މިފަހަކަށް އައިސް ބޮލީވުޑްގެ ތަރި ޖޯން އަބްރަހަމް ފާހަގަކުރެވިފައިވަނީ، އިންޑިއާއަށް މިހާރު ދިމާވެފައިވާ ބޮޑެތި މައްސަލަތަކުގެ މައްޗަށް ބަސް ބުނާ މީހެއްގެ ގޮތުގައެވެ.

އެގޮތުން “ފޯސް” ގެ ތަރި ވަނީ އިންޑިއާގައި ކޮރަޕްޝަން އިތުރުވުމާއި އަންހެނުންނާއި، ޖަނަވާރުންނަށް ޖިންސީ އަނިޔާއާއި ފުރައްސާރަ ކުރުމާ ދެކޮޅަށް ތެދުވެ ވާހަކަދައްކައިފައެވެ. އެގޮތުން އިންޑިއާގެ ނޫހެއް ކަމަށްވާ، މުމްބާއީ މިރާއަށް ދިން އިންޓަވިއުއެއްގައި ޖޯން ވަނީ އިންޑިއާއަކީ އަންހެނުންނަށް އެންމެ ނުރައްކާތެރި ގައުމުކަމަށް ވެސް ބުނެފައެވެ.

“އިންޑިއާގެ ރައްޔިތަކަށްވެ ފަހްރުވެރިވާ ހާލުގައި، ގައުމުގައި ހިންގާ ކަންކަމަށް ފާޑުކިޔުމަކީ ވެސް އަހަރެންގެ ހައްގެއް. އެހެންކަމުން އަހަރެން މި ބުނަނީ އިންޑިއާއަކީ އަންހެނުންނާއި ޖަނަވާރުންނަށް ވެސް ރައްކާތެރި ތަނެއް ނޫން. އަހަރެމެންނަކީ [އިންޑިއާ މީހުން] އަންހެނަކަށް  ބަލާލައިގެން އޭނާގެ އައުރަ ނަގާލާ މަދު ގައުމުތަކުގެ ތެރެއިން ގައުމެއް. އެކަން ދަނީ ގޯސްވަމުން. އެއީ ދެރަކަމެއް. މިކަންތައްތަކާމެދު  އަހަރެން ދިރިއުޅޭ ގައުމާއި މުޖުތަމައުއާ ސުވާލު ކުރަން ބޭނުންވޭ،” ޖޯން ބުނެފައިވެ އެވެ.

ޖޯން އިތުރަށް ބުނީ، އެފަދަ ކުށްކުރާ ގޮތްކުޑަ މީހުންނަށް މަރުގެ ބިރުވެރިކަން އިހްސާސް ކޮށްދޭންޖެހޭ ކަމަށެވެ.

ޖޯން އަބްރަހަމް އަންނަނީ މި އަހަރު ގިނަ ފިލްމުތަކެއް ކުޅެމުންނެވެ. އެގޮތުން މިހާރު “ޕަރްމާނޫ” ރިލީޒް ކޮށްފައިވާއިރު ކަރޮޕްޝަނާ ދެކޮޅަށް ހަނގުރާމަކުރުމުގެ މައްޗަށް ތައްޔާރުކުރި ފިލްމު، “ސަތުޔަމޭވް ޖަޔަތޭ” މިމަހުގެ 15 ގައި ރިލީޒް ކުރާނެ އެވެ. އެއަށްފަހު “ރޯ – ރޯމިއޯ އަކްބަރު ވޮލްޓަރ” އަދި “ބަތުލާ ހައުސް” މި އަހަރުގެ ސެޕްޓެމްބަރުގައި ރިލީޒް ކުރާނެ އެވެ.

“ގުޑް ނިއުސް” އަކީ އިޖުތިމާއީ ކަމަކާ ގުޅުން ހުރި ފިލްމެއް ނޫން: އަކްޝޭ

ކަރަން ޖޯހަރުގެ ފިލްމެއް ކަމުގައިވާ “ގުޑް ނިއުސް” އަށް އަކްޝޭ ކުމާރު ސޮއެ ކޮށްފައިވާއިރު އެ ފިލްމަކީ އިޖްތިމާއީ ކަމަކާއި ގުޅުން ހުރި ފިލްމެއް ނޫންކަމުގައި އަކްޝޭ ބުނެފި އެވެ.

އޭނާ މިހެން ބުނެފައިވަނީ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުންނެވެ.

އަކްޝޭ ބުނެފައިވަނީ އޭނާ އަކީ ހުރިހާ ވައްތަރެއްގެ ފިލްމެއްވެސް ކުޅޭނެ މީހެއް ކަމަށާއި މިހާރު ކުޅެމުން އަންނަ ހައުސްފުލް ހަތަރަކީވެސް ހެއްވާ މަޖާ ފިލްމެއް ކަމަށެވެ.

އަކްޝޭ ވަނީ މި ފަހުން އިޖްތިމާއީ މައްސަލަތަކާއި ގުޅުންހުރި ކާމިޔާބު ހަތަރު ފިލްމެއް ކުޅެފަ އެވެ. އެއީ “އެއަރލިފްޓާއި” “ޓޮއިލެޓް އެކް ޕްރޭމް ކަތާ” އާއި “ޕެޑްމޭން” ގެ އިތުރުން މިހާރު ރިލީޒް ކުރަން ތައްޔާރުވެފައިވާ ފިލްމު “ގޯލްޑް” އެވެ.

ބޮލީވުޑް ހަބަރުތައް ގެނެސްދެ ނޫސްތަކުން ރިޕޯޓްކޮށްފައިވާގޮތުގައި ފިލްމު “ގުޑް ނިއުސް” އަކީ ދަރިއަކު ހޯދަން ދެމަފިރިއަކު ކުރާ މަސައްކަތް ދއްކުވައިދޭ ހެއްވާ މަޖާ ކަންތައްތަކެއް އެކުލެވޭ ފިލްމެކެވެ. މި ފިލްމުގައި އަކްޝޭ އާއެކު ބަތޮލާގެ ރޯލުން ފެނިގެންދާނީ ކަރީނާ ކަޕޫރެވެ.

އިރުގެ ދޯދިތަކުން ކޮލެސްޓްރޯލް ދަށްކޮށްދޭ ކަމަށް ދިރާސާއަކުން ދައްކައިފި

އިރުގެ ދޯދިން ވިޓަމިން ޑީ ލިބޭކަމީ މީގެ ކުރިންވެސް ހޯދިފައިވާ ހޯދުމެކެވެ. ނަމަވެސް އިރުގެ ދޯދިތަކުން ހަށިގަނޑަށް ވިޓަމިން ޑީ ލިބުމުގެ އިތުރުން ހަށިގަނޑުގެ ކޮލެސްޓްރޯލް މިންވަރު ވެސް ދަށްކޮށްދޭކަމަށް ދިރާސާއަކުން މިހާރު ވަނީ ދައްކައިފި އެވެ.

ދުއިސައްތަ ފިރިހެނުން ބައިވެރިކޮށްގެން އިންޑިއާގެ ޕޫނޭގައި ހުންނަ ޖެހާންގީރު ހޮސްޕިޓަލާއި އިނގިރޭސިވިލާތުގެ މެންޗެސްޓާ ޗިލްޑްރެންސް ހޮސްޕިޓަލް ގުޅިގެން ހެދި އެ ދިރާސާގައި ބައިވެރިވި ފިރިހެނުންގެ ތެރެއިން ހަ މަސް ދުވަހު އިރުގެ ދޯދިތައް ހޯދި މީހުންގެ ހަށިގަނޑުން ކޮލެސްޓްރޯލް ލެވެލް ދަށްވެފައިވާކަމަށް ވަނީ ދައްކާފައެވެ.

ހަށިގަނޑުން ވިޓަމިން ޑީ މަދުވުމަކީ ބައެއް ގައުމުތަކުގައި އާންމު ކަމެކެވެ. އެކަން އެގޮތަށްވަނީ އިރުގެ ދޯދިތަކުން ރައްކާތެރިވުމަށް ކުރެވޭ މަސައްކަތުން ކަމުގައި ދިރާސާ ހެދުމުގައި ބައިވެރިވި ދެ ޑޮކްޓަރުން ކަމަށްވާ ޑރ. ވިވޭކް ޕަތުވަރުދަން އަދި ޑރ. އަނޫރާދާ ކާދިލްކަރު ވިދާޅުވި އެވެ.

އަދި އެ ދިރާސާކުރި ޓީމުން މިހާރު ތައްޔާރުވަމުން އަންނަނީ އިރުގެ ދޯދިތަކުގެ ސަބަބުން ކޮލެސްޓްރޯލް ދަށްވާ މިންވަރު ދެނެގަތުމަށް ދުނިޔޭ ފެންވަރުގެ ބޮޑު ދިރާސާއެއް ކުރުމަށެވެ.

 ނަމަވެސް އިރުގެ ދޯދީގެ ސަބަބުން ކޮލެސްޓްރޯލް ދަށްކޮށްދޭ ކަމަށް ދިރާސާއަކުން ދައްކާއިރު، ކޮންމެ ކޮންމެ ވަގުތެއްގައި އިރުގެ ދޯދިތަކަށް އިންސާނުން ދީލާލުމަކީ ރައްކާތެރި ގޮތެއް ނޫންކަމުގައި ބައެއް ދިރާސާތަކުން ދައްކައެވެ. އެގޮތުން އިރުގެ ދޯދިތަކަށް ހަށިގަނޑު ދީލާލަން އެންމެ ރަނގަޅީ ހެނދުނު ވަގުތުގައި ކަމަށާއި އަދި އެ ނޫން، މާ ބޮޑަށް ހޫނު ގަދަ ވަގުތުތަކުގައި އިރުގެ ދޯދިތަކަށް ހަށިގަނޑު ދީލާލާނަމަ ހަމުގެ ކެންސަރު ޖެހުމުގެ ފުރުސަތު އޮންނަ ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.

ކޮރަޕްޓް އޮފިޝަލުންގެ ލިސްޓެއް ބޮޑުވަޒީރު އަބާދީ އާންމުކުރައްވަނީ

ސަރުކާރުގައި މިވަގުތު ތިބި ކޮރަޕްޓް އޮފިޝަލުންގެ ލިސްޓު ދާދި އަވަހަށް ހާމަކުރައްވާނެ ކަމަށް އިރާގުގެ ބޮޑުވަޒީރު ހައިދަރު އަލް-އަބާދީ ވިދާޅުވެއްޖެ އެވެ.

އަބާދީ އިއްޔެ ވިދާޅުވީ އެ ލިސްޓް އާންމު ކުރުމުގެ ކަންކަން ވަރަށް ބާރު ސްޕީޑެއްގައި މިހާރު ކުރިއަށްދާކަމަށެވެ.

އެ ލިސްޓް އާންމުކުރައްވާނެކަން އަބާދީ ހާމަކުރައްވާފައިމިވަނީ ސަރުކާރުން ރައްޔިތުންގެ ޒަރޫރީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ފެއިލްވެފައިވާ ކަމަށާއި ސަރުކާރުގައި އިންތިހާއަށް ކޮރަޕްޝަން އޮތްކަމަށް ބުނެ އެ ގައުމުގެ ރައްޔިތުން މުޒާހަރާ ކުރަމުން އަންނަތާ ދުވަސްކޮޅެއް ވެފައިވަނިކޮށެވެ. އަދި މުޒާހަރާގެ ބައިވެރިންގެ ޑިމާންޑްތަކަށް އިޖާބަ ދިނުމަކީ މުހިންމު ކަމެއް ކަމުގައިވެސް އަބާދީ މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

ކޮރަޕްޓް އޮފިޝަލުންތަކެއްގެ ވާހަކަ އަބާދީ ދައްކަވާއިރު ބައިނަލްއަގްވާމީ ގޮތުންނާއި އެ ގައުމުގެ އެތެރެއިން ވެސް އިތުރު ފިއްތުންތަކެއް އޭނާއަށް އަންނަނީ ކުރިމަތިވަމުންނެވެ. އެއީ މިދިޔަ މެއި މަހު ނެގި އާންމު އިންތިހާބުގެ ވޯޓު ކަންކަން އަދިވެސް ކޮޅެއްގައި ޖެއްސިފައި ނެތުމުންނެވެ.

އެ އިންތިހާބުގައި އަބާދީގެ ކޯލިޝަނަށް ތިން ވަނަ ލިބުނުއިރު، ބޮޑުތަނުން ކުރި ހޯދާފައި އޮތީ ޝިއަޢީ ލީޑަރު މުގްތަދާ އަލް ސަދުރު އެވެ.

ނަމަވެސް އެ އިންތިހާބުގައި މަކަރު ހަދާފައިވާކަމަށްބުނެ އެ ގައުމުގެ ސުޕްރީމް ކޯޓުން ވަނީ ވޯޓު އަލުން ގުނުމަށް އަމުރުކޮށްފައެވެ. އެގޮތުން ވޯޓް ގުނުމުގައި މެޝިން ބޭނުން ކުރުމުގެ ބަދަލުގައި އަތުން ގުނުމަށް އެ އަމުރުގައި ބުނެފައިވެއެވެ. ފުރަތަމަ ނަތީޖާ އިއުލާނުކުރީ މެޝިނުން ވޯޓު ގުނުމަށްފަހުގައި އެވެ.

ހައްޖުވެރިންނަށް އެހީވުމަށް މިއަހަރު 120 ކަނބަލުން ބައިވެރިވާނެ: ސައުދީ

މިއަހަރު ހައްޖުގެ އަޅުކަން އަދާކުރަން ސައުދީއަށް ދާ ހައްޖުވެރިންނަށް އެހޭތެރިވުމުގައި 120 ކަނބަލުން ގައިޑުންގެ ގޮތުގައި ހަރަކާތްތެރިވާނެކަމުގައި ސައުދީން ހާމަކޮށްފި އެވެ.

ސައުދީން ބުނެފައިވަނީ އެ 120 ގައިޑުންގެ އިތުރުންވެސް ހައްޖާއި ގުޅުންހުރި އެކި އެކި މަސައްކަތްތަކުގައި އިތުރު ކަނބަލުން ބައިވެރިވާނެ ކަމަށެވެ.

ހައްޖުގެ ކަންކަމުގައި އެހީތެރިވުމަށް އެކުލަވާލާފައިވާ ކަނބަލުންގެ ޓީމުގެ ސުޕަވައިޒަރު ލީނާ ކާޝިމް ބުނެފައިވާގޮތުގައި ނުވަ ދާއިރާއެއްގައި މި އަހަރު ކަނބަލުން ހަރަކާތްތެރިވާނެ އެވެ.

ސައުދީން އަންނަނީ ކަނބަލުން ބާރުވެރި ކުރުވުމަށް ގިނަ ކަންތައްތަކެއް ކުރަމުންނެވެ. އެގޮތުން ގަރުކަނަށްވުރެ ގިނަ ދުވަސް ފަހުން ކަނބަލުންނަށް ދުއްވުމުގެ ހުއްދަ ދީފައި ވެ އެވެ. އަދި ކަނބަލުންނަށް ހާއްސަ ކުޅިވަރު މުބާރާތްތައްވެސް އަންނަނީ ސައުދީގައި މިހާރު ބާއްވަމުންނެވެ.

ސައުދީގައި ކަނބަލުން ބާރުވެރި ކުރުވުމުގެ މަސައްކަތްކުރަމުން އަންނަނީ 2030 އަށް އެ ގައުމުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމުގެ ގޮތުން ކުރެވޭ މަސައްކަތްތަކުގެ ދަށުންނެވެ.

ފިލްމު ހަދަންވާނީ ހަގީގީ ބަތޮލުންގެ ހަޔާތުގެ މައްޗަށް: އަކްޝޭ

ބަޔޯ ޕިކް ތައް ހަދަންވާނީ ހަގީގީ ބަތޮލުންނަށް ކަމަށާއި ފިލްމުތަކުގެ ބަތޮލުންގެ ހަޔާތުގެ މައްޗަށް ނޫންކަމުގައި ބޮލީވުޑް ބަތޮލު އަކްޝޭ ކުމާރު ބުނެފި އެވެ.

އޭނާ މިހެން ބުނެފައިމިވަނީ ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް އުފެއްދި ބަޔޯ ޕިކް “ސަންޖޫ” އަށް ވިޔަފާރީގެ ގޮތުން ބޮޑު ކުރިއެރުމެއް ލިބިފައިވީނަމަވެސް ފާޑުކިޔުންތައް ގިނަވެފައިވާ ދަނޑިވަޅެއްގައި އެވެ.

ސަންޖޫ އަށް ފާޑުކިޔާ މީހުން ބުނަނީ އެ ފިލްމުގައި މަސައްކަތްކޮށްފައިވަނީ ސަންޖޭ ދަތަކީ އެއްވެސް ކުށެއް ނެތް އަދި ހަޔާތުގައި ލައްގަނޑެއް ނެތް ހުދު ފޮތިކޮޅަކަށް ހަދަން ކަމަށެވެ. އަދި އެ ފިލްމުގައި އޮޅުވާލުންތައް ގިނަ ކަމަށެވެ.

އަކްޝޭ ބުނެފައިވަނީ ބަޔޯ ޕިކް ހަދަން ވާނީ ތަޕަން ދާސް އަދި އަރުނަޗާލަމް މުރުގަނަންތަމް ފަދަ ހަގީގީ ބަތޮލުންގެ ހަޔާތުގެ މައްޗަށް ކަމަށެވެ. އަކްޝޭ މިހާރު ކުޅެމުން އަންނަ ފިލްމު ގޯލްޑަކީ ތަޕަން ދާސްގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ. ޕެޑްމޭނަކީ އަރުނަޗާލަމް މުރުގަނަންތަމްގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ.

އަކްޝޭ އިތުރަށް ބުނެފައިވަނީ އޭނާގެ ހަޔާތުގެ މައްޗަށް ފޮތެއްވެސް ނުލިޔާނެ ކަމަށާއި އަދި ފިލްމެއްވެސް ނު އުފައްދާނެ ކަމަށެވެ.

ހައްޖުގެ އަޅުކަން އަދާކުރަން ދާ ފަރާތްތަކަށް މާމެލާމެލީގެ މަރުހަބާއެއް

ހައްޖުގެ އަޅުކަން އަދާކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން މުސްލިމުން ސައުދީއަރަބިއްޔާއަށް ދަތުރު ކުރަމުން އަންނައިރު ހައްޖުގެ އަޅުކަން އަދާކުރަން ދާ ފަރާތްތަކަށް ހޫނު މަރުހަބާއެއް ސައުދީން ކިޔަ އެވެ.

އެގޮތުން އިއްޔެ އިނގިރޭސިވިލާތުން ދިޔަ ފުރަތަމަ ގްރޫޕަށް މަރުހަބާ ދަންނަވާފައިވަނީ މާމެލާމެލިންނެވެ.

އަދި ކަނޑުމަކުން ސޫދާނުން އިއްޔެ ދިޔަ 2300 ހައްޖުވެރިންނަށްވެސް ފޮނި ކާތަކެއްޗާއި ސިއްހީ މައުލޫމާތު އެކުލެވޭ ލީފްލެޓްތަކާއެކު ހޫނު މަރުހަބާއެއް ކިޔާފައި ވެ އެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރަން ދާ ފަރާތްތަކަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައިދިނުމަށް ސައުދީން އަންނަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ހައްޖުގެ ބައިވެރިންނަށް މަރުހަބާ ކިޔުމަށް އެކަނިވެސް 115 ޓީމު އެކުލަވާލާފައިވާކަމަށް ސައުދީން ބުނެ އެވެ.

މިއަހަރު ގެ ހައްޖުގެ އަޅުކަން އަދާކުރުމަށް 1.8 މިލިޔަން މުސްލިމުން ސައުދީއަށް ދާނެ ކަމަށް އަންދާޒާކޮށްފައި ވެ އެވެ.

ރޮހިންގާ މުސްލިމުންނަށް އަނިޔާކުރިތޯ ކަށަވަރުކުރަން މިޔަންމާއިން ކޮމިޝަނެއް އެކުލަވާލައިފި

މިޔަންމާގެ ރާކިން ސްޓޭޓްގައި ދިރިއުޅެމުންދިޔަ ރޮހިންގާ ދަރިކޮޅުގެ މުސްލިމުންނަށް ލާއިންސާނީ އަމަލު ހިންގާފައިވޭތޯ ކަށަވަރު ކުރުމަށް އިންކުއަރީ ކޮމިޝަނެއް އެކުލަވާލާފައިވާ ކަމަށް މިޔަންމާއިން ބުނެފި އެވެ.

މިޔަންމާ ސަރުކާރުން ބުނީ، ހަތަރު މެމްބަރުންގެ މައްޗަށް އެކުލެވޭ އެ ކޮމިޝަނުގައި ތިބޭނީ މިޔަންމާގެ ދެ އޮފިޝަލަކާއި އިތުރު ދެ ގައުމެއްގެ ދެ އޮފިޝަލުން ކަމަށެވެ. އެގޮތުން ފިލިޕިންސްގެ ޑިޕްލޮމެޓް ރޮސާރިއޯ މަނާލޯ އާއި ޖަޕާނުގެ ކުރީގެ އެމްބެސެޑަރު ކެންޒޯ އޮޝީމާ އެ ކޮމިޝަނުގައި ހިމެނޭނެ ކަމަށް އެގައުމުން ބުނެއެވެ.

ރޮހިންގާ މުސްލިމުންނަށް އަނިޔާ ކުރިކަން ކަށަވަރު ކުރަން ކޮމިޝަނެއް އެކުލަވާލާފައިމިވަނީ އެ މައްސަލަ ތަހުގީގު ކުރުމަށް އެތައް ގައުމަކުން ގޮވާލަމުންދާ ދަނޑިވަޅެއްގައި އެވެ.

ރޮހިންގާ މުސްލިމުންނާ ދެކޮޅަށް ހިންގި ލާއިންސާނީ އަނިޔާތަކަށް ކެތް ނުކުރެވިގެން ހަތް ލައްކައަށްވުރެ ގިނަ މުސްލިމުން އެ ގައުމު ދޫކޮށް އަވަށްޓެރި ބަންގާޅަށް ހިޖުރަކޮށް، ރެފިއުޖީ ހާލުގައި ދިރިއުޅެމުންދާއިރު، އެ ހާދިސާ އދ އިން ސިފަކޮށްފައިވަނީ ނަސްލެއް ނައްތާލުމުގެ އަމަލެއް ކަމުގައި އެވެ.