Fri, 5 June, 2020, 12:38 pm
ނޭމާރ، އަލްވޭޒް އަދި ކަވާނީގެ މެދުގައި ބޮޑު ހަނގުރާމައެއް
0

ފްރާންސްގެ ޕެރިސް ސެއިންޓް ޖާރމެއިން އަކީ މިފަހަރުގެ ޗެމްޕިއަންސް ލީގަށް އެންމެ ވަރުގަދަޔަށް ތައްޔާރޔވާނެ ކަމަށް ބެލެވިފައިވާ އެއް ޓީމެވެ. ގިނަ ހަރަދުތަކެއް ކުރުމަށްފަހު އެޓީމަށް ދުނިޔޭގައި ތިބި އެންމެ މޮޅެތި ކުޅުންތެރިންގެ ތެރެއިން ކުޅުންތެރިން ގެނެވިފައިވާއިރު މިފަހަކަށް އައިސް ޕީއެސްޖީގެ ތެރޭގައި ބޮޑެތި މައްސަލަތަކެއް އުޅޭކަމަށް ވަނީ ރިޕޯޓްކުރެވިފައެވެ. އަދި އެކަން މިހާރު އެ ޓީމު ކުޅޭ މެޗަތަކުގެތެރޭގައި ދަނޑުމަތިންވެސް މިވަނީ ހާމަވާން ފަށައިފައެވެ.

ޕީއެސްޖީގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައިވާ އުރުގުއޭގެ ތަރި އެޑިންސަން ކަވާނީ އާއި މިފަހަރުގެ ޓްރާންސްފާރގައި 222 މިލިއަން ޔޫރޯއަށް ޕީއެސްޖީއިން ގެނައި ބްރެޒިލްގެ ތަރި ނޭމާރއާއި ދެމެދު މައްސަލަތަކެއް އުޅޭކަން މިފަހަކަށް އައިސް ކޫލުނު މެޗްތަކުން ދަނޑުމަތިން ވަނީ ހާމަވާން ފަށައިފައެވެ.

ޕީއެސްޖީގެ ޕެނަލްޓީ އަދި ފްރީ ކިކް ނެގުމުގެ މަސްއޫލިއްޔަތާއި ހަވާލުވުމަށް މި ދެ ކުޅުންތެރިންގެ ދެމެދުގައި މައްސަލަޖެހެމުންދާއިރު މި ދޭތެރެއަށް ނޭމާރ އާއި އެކު ބާސެލޯނާ އަދި ބްރެޒިލްގެ ގައުމީ ޓީމަށްވެސް ކުޅުނު ޑެނި އަލްވޭޒްވެސް ވަނީ ވަދެފައެވެ. ނޭމާރ އައުމުގެ ކުރިން ޕީއެސްޖީގައި ޕެނަލްޓީ ޖަހަމުންދިޔައީ ކަވާނީއެވެ. އެހެންނަމަވެސް މިހާރު ޕެނަލްޓީއެއް ލިބޭ ކޮންމެފަހަރަކުވެސް ނޭމާރ ދަނީ ޕެނަލްޓީ ޖެހުމަށް ކަވާނީ އާއި ޒުވާބުކުރަމުންނެވެ.

ޕީއެސްޖީގެ ބައެއް ސަޕޯޓަރުންވަނީ ކިތަންމެ ބޮޑު އަގެއްގައި ނޭމާރ ޕީއެސްޖީއިން ގެނައިނަމަވެސް ކަވާނީ އަކީ ޕީއެސްޖީގައި ހުރި އެންމެ ސީނިއާރ އެއް ކުޅުންތެރިޔާކަމަށްވުމާއިއެކު އަދި މީގެ ކުރިންވެސް ޕެނަލްޓީ ޖެހުމުގެ ޒިންމާ އުފުލަމުން އައީ ކަވާނީކަމަށްވުމުން އެކަން ނޭމާރ ހުއްޓާލައި ކަވާނީއަށް އިހްތިރާމްކުރުމަށް ގޮވާލައިފައެވެ.

އަދި ކަވާނީއާއި ނޭމާއާއި ދެމީހުންގެ މެދަށް އަލްވޭޒް ވަނުމަކީ ވަރަށް ހަޑިކަމެއްކަމަށްވެސް އެފަރާތްތަކުންވަނީ ބުނެފައެވެ. އެހެންނަމަވެސް އަނެއްބައި ފަރާތްތަކުން ވަނީ މިހާރު ދަނޑުމަތީގައި ޕީއެސްޖީގެ އެންމެ އިސް މީހަކީ ނޭމާރ ކަމަށާއި އަދި ބޮޑު އަގެއްގައި ގެނައުމުން ނޭމާރ އޭނާގެ ފެންވަރު ވީހާވެސް ބޮޑަކަށް ޕީއެސްޖީގައި ދައްކަން ބޭނުންވާނެކަމަށް ބުނެފައެވެ.

މައުލޫމާތު ލިބޭގޮތުގައި ޕީއެސްޖީގެ ކޯޗު އުނައި އެމެރީ ވަނީ މި ދެކުޅުންތެރިން އަމިއްލައަށް ވާހަކަދައްކައިގެން މައްސަލަ ހައްލުކުރުމަށް އިރުޝާދުދީފައެވެ. އަދި އެގޮތަށް ކަންތަށް ނުވެއްޖެ ހިނދެއްގައި ކޯޗު ގޮތް ނިންމާނެކަމުގެ އިންޒާރުވެސް ދެކުލުންތެރިންނަށް ކޯޗް ވަނީ ދީފައެވެ. އެހެންނަމަވެސް ދެ ކުޅުންތެރިން ވާހަކަދައްކައިގެން މިކަން ހައްލުކުރާނެކަމަކަށް ނުބެލެވެއެވެ. ސަބަބަކީ އެންމެ ފަހުން ލިބުނު ހަބަރުތަކުން ބުނާގޮތުގައި ޕީއެސްޖީގެ ޗޭންޖިންގ ރޫމް ތެރޭގައި ނޭމާރ އާއި ކަވާނީ އާއި ދެމެދު ހިނގައިދިޔަ އަރާރުމެއްގައި އަތްއިސްކުރާ ހިސާބަށް ނުދިޔަ ހަމައެކަނި ސަބަބަކީ ކެޕްޓަން ތިއާގޯ ސިލްވާ އަދި މާކިނޮސް އެދޭތެރެއަށް ވަދެ ހުއްޓުވުމުންކަމަށް ބުނާ ރިޕޯޓްތަކެއް އާންމުވެފައިވާތީއެވެ.