އަޙްމަދު
02 October 2017
މަޤްބޫލު ޙަބަރު

އާސެނަލްގެ ހުނަރުވެރި ފޯވަޑް އެލެކްސިސް ސަންޗޭޒް ހޯދުމަށް އިޓަލީގެ އޭސީ މިލާނުން ޝައުގުވެރިވާކަމަށް ބުނާ ރިޕޯޓްތަކެއް އާންމުވެއްޖެއެވެ. ސަންޗޭޒް އަކީ އާސެނަލްގައި މަޑުކުރަން ބޭނުންނުވާ ކުޅުންތެރިޔެއްކަމަށް ބެލެވިފައިވާއިރު އޭނާ ހޯދުމަށް ޔޫރަޕްގެ އެންމެ މުއްސަނދި ކުލަބުތަކުން ދަނީ އަދިވެސް އުންމީދު ކަނޑާނުލައި މަސައްކަތްކުރަމުންނެވެ.

ބާސެލޯނާ ދޫކޮށް އާސެނަލްއަށް ބަދަލުވިފަހުން ސަންޗޭޒް ވަނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި އޭނާ ހިމެނޭވަރުގެ މޮޅު ކުޅުމެއް ޕްރެމިއާރ ލީގުގައި ދައްކުވައިދީފައެވެ.

ސަންޗޭޒް ހޯދުމަށް ޕީއެސްޖީ އަދި މެންޗެސްޓާރ ސިޓީއިންވެސް ޝައުގުވެރިވާއިރު ސަންޗޭޒް ހޯދުމަށް ކުރިން ބަޔާން މިއުނިކުންވެސް ވަނީ މަސައްކަތްކޮށްފައެވެ.

އޭސީ މިލާނުން އަނެއްކާވެސް އެ ޓީމުގެ ރަން ޒަމާނުގެ ދުވަސްތަކަށް އެނބުރި ދިޔުމަށް ބޮޑެތި ހަރަދުތަކެއްކޮށް ޒުވާން ގިނަ ކުޅުންތެރިން ހޯދުމަށް މަސައްކަތް ކުރަމުންދާއިރު ސަންޗޭޒް ގެންދިއުމަށް އެ ކުލަބުން އޮތީ އާސެނަލްއަށް 85 މިލިއަން ޔޫރޯގެ ހުށަހެޅުމެއް ހުށަހަޅަން ތައްޔާރަށްކަމަށް މި ރިޕޯޓްތަކުގައި ވަނީ ބުނެފައެވެ.

މި އަގު އާސެނަލްއިން ގަބޫލުކޮށްފި ނަމަ ސަންޗޭޒް ވެގެންދާނީ މިލާންގެ ތާރީހުގައިވެސް އެކުލަބަށް ގެންދާނެ އެންމެ އަގުބޮޑު ކުޅުންތެރިޔާއަށެވެ. އެހެންނަމަވެސް އޭސީ މިލާންގެ ރަންޒަމާނުގެ ކާމިޔާބީއާއި ހަމަޔަށް ގެންދެވޭނެނަމަ ސަންޗޭޒްގެ މި އަގަކީ އޭސީ މިލާނުން އުފަލާއިއެކު ފާހަގަކުނެ އަގެއްކަން ޔަގީނެވެ.

haftha.mv ©