.
04 October 2017
މަޤްބޫލު ޙަބަރު

ލިވަޕޫލްގެ ކޯޗު ޖާރގަން ކްލޮޕް އެ ކުލަބު ދޫކޮށް ޖަރުމަންވިލާތުގެ ބަޔާން މިއުނިކްއާއި ހަވާލުވެދާނެކަމަށް ބެލެވޭ ރިޕޯޓްތަކެއް އާންމުވެއްޖެއެވެ. މިގޮތުން ކުރިން ޖަރުމަންވިލާތް އަދި ބަޔާންއަށް ކުޅުނު މެޓްޒެލްޑާރ ފަދަ ބައެއް މަޝްހޫރު ފަރާތްތަކުން ވަނީ ކްލޮޕްއަކީ ބަޔާން މިއުނިކްއަށް ވަރަށް މުހިންމު ކޯޗެއްކަމަށް ބުނެފައެވެ.

އަދި ބަޔާންގެ ކުރީގެ ކޯޗު ގާޑިއޯލާގެ އަތެއް މިކަމުގައިވާކަމަށްވެސް ބައެއް ރިޕޯޓްތަކުގައި ވަނީ ހާމަކޮށްފައެވެ. ގާޑިއޯލާ ވަނީ ޖަރުމަންވިލާތަށް ވަރަށް ފަހުން ކުރި ޒިޔާރަތެއްގައި ބަޔާންގެ އިސް އޮފިޝަލުންތަކަކާއި ބައްދަލުކޮށް ބަޔާންއިން ގެންނަން އުޅޭ އާ ކޯޗާއި ދޭތެރޭ ހިތްހަމަޖެހޭކަމަށް ބުނެފައެވެ.

ކްލޮޕް އަކީ ކުރިން ބަޔާންގެ ވާދަވެރި ބޮރޫޝިއާ ޑޯޓްމަންޑްގެ ކޯޗެކެވެ. ޑޯޓްމަންޑްގެ ސަޕޯޓަރުންގެ މެދުގައި ވަރަށް މަގުބޫލު ވެފައިވާ ކްލޮޕް ދެން ފެނިގެންދާނީ ބަޔާން މިއުނިކްއިންބާ؟ މިއީ ވުމަށްވުރެ ނުވުން ގާތްކަމެއްކަމަށް ގަބޫލުކުރާ ފަރާތްތައްވެސް މަދެއް ނޫނެވެ. މި ފަރާތްތަކުން ވަނީ ކްލޮޕްގެ ސްޓައިލްއަކީ ބަޔާންގެ ސްޓައިލްއެއް ނޫންކަމަށާއި އަދި އަވަސް ފުޓުބޯޅައާއި ގެގެންޕްރެސިންގް ސްޓައިލަށް ބަޔާން މިއުނިކް ނުފެއްތޭނެކަމަށް ގަބޫލުކުރާކަމަށް ބުނެފައެވެ. އަދި ކްލޮޕް ލިވަޕޫލްގައި ހުރީ ވަރަށް އުފަލުންކަމަށާއި ލިވަޕޫލްއަށް ކާމިޔާބީ ހޯދައިދިނުމަށްފަހު ނޫނީ ކްލޮޕް ނުދާނެކަމަށާއި މީގެ އިތުރުންވެސް ޑޯޓްމަންޑްއަށް ކްލޮޕްކުރާ ލޯތްބެއްގެ ސަބަބުންވެސް ބަޔާންއަށް އޭނާ ނުދާނެކަމަށްވެސް އެފަރާތްތަކުން ބުނެފައިވެއެވެ.

ކްލޮޕްގެ އިތުރުންވެސް ބަޔާންއިން ވަނީ ކްލޮޕްއަށް ފަހު ޑޯޓްމަންޑް ކޯޗުކަމާއި ހަވާލުވި ތޯމަސް ޓުޗެލް ނޫނީ ހޮފެންހަމްގެ ކޯޗު ޖޫލިއަން ނެގެލްސްމެންވެސް އެ ޓީމުގެ ކޯޗުކަމަށް ގެނައުމުގެ ފުރުސަތު އެބަ އޮތްކަމަށް ބުނެފައެވެ. މިހުރިހާ ވާހަކަތަކެއް މިގޮތަށް ހުރި އިރު ޔޫރަޕްގެ ގަދަ ބާރެއްކަމުގައިވާ ބަޔާންއާއި ދެން ހަވާލުވާނީ ކާކުބާ؟ ކޮލޮޕް ހަވާލުވެދާނެބާއެވެ.

haftha.mv ©