.
27 June 2018
މަޤްބޫލު ޙަބަރު

ނައިޖީރިއާ 2-1 ން ބަލިކޮށް ފީފާ ވޯލްޑް ކަޕްގެ ދެވަނަ ބުރަށް އާޖެންޓީނާ ދަތުރުކޮށްފިއެވެ.

ބުދަދުވަހުގެ ރޭ ކުޅުނު މި މެޗުން މޮޅުވެ ގްރޫޕް ޑީގެ ދެވަނަ ޓީމުގެ ގޮތުގައި 4 ޕޮއިންޓާއިއެކު އާޖެންޓީނާ ދެވަނަ ބުރަށް ދަތުރުކުރިއިރު މި ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކުރީ ކްރޮއޭޝިޔާއެވެ. އެޓީމު ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް ނުވަ ޕޮއިންޓު ހޯދާފައެވެ. މުބާރާތުން ކެޓި ނައިޖީރިޔާ އަށް ތިން ޕޮއިންޓާއެކު ލިބުނީ ގްރޫޕްގެ ތިންވަނައެވެ. ގްރޫޕްގެ ފުލަށްދިޔަ އައިސްލޭންޑަށް ލިބުނީ އެންމެ ޕޮއިންޓެކެވެ.

ގްރޫޕް ސްޓޭޖުގެ ފުރަތަމަ ދެ މެޗުގައި އާޖެންޓީނާއިން މާއެދެވޭ ކުޅުމެއް ނުދެއްކުނުނަމަވެސް، ފުުރަތަމަ ލަނޑު ޖަހާ މެޗްގެ ލީޑްނެގީ ބަދަލުތަކާއެކު ނުކުތް އާޖެންޓީނާއިންނެވެ. މި ގޯލް މެޗުގެ 14 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އާޖެންޓީނާގެ ހުނަރުވެރި ފޯވާޑް އަދި ކެޕްޓަން ލިއޮނެލް މެސީ އެވެ. މިއީ މިފަހަރުގެ ވޯލްޑް ކަޕްގައި މެސީ ޖެހި ފުރަތަމަ ގޯލެވެ. އަދި މިއީ މިފަހަރުގެ ވޯލްޑް ކަޕްގެ 100 ވަނަ ގޯލެވެ.

މި ގޯލަށްފަހު ވެސް އާޖެންޓީނާ އިން ވަނީ ނައިޖީރިއާގެ ގޯލަށް ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލާފައެވެ. އެގޮތުން ހިގުއައިން ފޮނުވާލި ހަމަލާ ނައިޖީރިއާގެ ކީޕަރު ދިފާއުކުރިއިރު މެސީ ފޮނުވާލި ހިލޭޖެހުމެއް ވަނީ ގޯލުގެ ދަނޑި އަށް އަމާޒުވެފައެވެ.

އާޖެންޓީނާ ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގެ ކުރީކޮޅު ލިބުނު ޕެނަލްޓީއަކުން ނައިޖީރިޔާ އިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. ނައިޖީރިޔާ އަށް މި ޕެނަލްޓީ ލިބުނީ މެޗްގެ 51 ވަނަ މިނިޓްގައި އެޓީމުގެ ކުޅުންތެރިއަކަށް އާޖެންޓީނާގެ މަޝެރާނޯ ކުރި ފައުލަކާއި ގުޅިގެންނެވެ. މި ޕެނަލްޓީ ކާމިޔާބުކޮށްދީ ވިކްޓަ މޯސެސްއެވެ.

ދެވަނަ ބުރަށް ކޮލިފައިނުވެ އާޖެންޓީނާ މުބަރާތުން ކަޓަން ދަނިކޮށް އެޓީމު ސަލާމަތްކޮށްދިނީ މެޗު ނިމެން ދަނިކޮށް ޑިފެންޑަރު މާކޯސް ރޯހޯ އެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ނައިޖީރިއާގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.

ދެވަނަ ބުރުގައި އާޖެންޓީނާ ބައްދަލުކުރަން ޖެހޭނީ ގްރޫޕް ސީގެ އެއްވަނަ ހޯދި ފްރާންސް އާއެވެ.

Leave a Reply

Your email address will not be published.

haftha.mv ©