Sat, 18 January, 2020, 2:05 pm
އުރުގުއޭ ބަލިކޮށް ފްރާންސް ސެމީ އަށް

އުރުގުއޭ އަތުން 2-0 އަކުން ބަލިކޮށް ވޯލްޑް ކަޕްގެ 2018ގެ ސެމީ ފައިނަލްގެ ފުރަތަމަ ޖާގަ ފްރާންސުން ހޯދައިފި އެވެ. މިއީ 12 އަހަރަށްފަހު ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ފްރާންސް ދަތުރުކުރި ފުރަތަމަ ފަހަރެވެ.

ރަޝިއާގެ ނިޒްނީ ނޮވްގްރާޑް ސްޓޭއަމްގައި މިރޭ ކުޅުނު މެޗަށް ދެ ޓީމުން ނުކުތްއިރު، އުރުގުއޭއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޓީމުގެ އެންމެ މުހިއްމު ފޯވަޑް އެޑިސަން ކަވާނީ އަނިޔާގެ ސަބަބުން ބެންޗުގައި އިންނަންޖެހުމެވެ.

ކަވާނީއާ ނުލައި މެޗުގައި އުރުގުއޭގެ އެޓޭކް ފެނުނީ ވަރަށް ދަށްކޮށެވެ. އޭގެ ބަދަލުގައި މެޗުގައި ފްރާންސްގެ ޒުވާން ހުނަރުވެރި ފޯވާޑް ލައިންގެ ފަރާތުން ފެނުނީ ވަރުގަދަކޮށެވެ. ނަމަވެސް މާގިނަ ފުރުސަތުތަކެއް ތަނަވަސް ކުރި ތަނެއް ނުފެނެއެވެ.

މެޗުގައި ފްރާންސް އިން ލީޑު ނެގީ ފުރަތަމަ ހާފު ނިމެން ހަ މިނެޓަށް ވެފައިވަނިކޮށެވެ. އެންޓޮއިން ގްރިޒްމަން ނެގި ހުރަހަކުން ބޮލުން ޖަހައި އެ ލަނޑު ކާމިޔާބު ކޮށްދިނީ، ސެންޓްރަލް ޑިފެންޑަރު ރަފޭލް ވަރާން އެވެ. އެ ލަނޑަށްފަހު އުރުގުއޭއަށް ވެސް މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ރަނުގެ ފުރުސަތެއް ލިބުނެވެ.

ނަމަވެސް މާޓިން ކަސަރޭންސްގެ ބޮލުން ފޮނުވާލި ހަމަލާ ފްރާންސްގެ ކެޕްޓަން އަދި ގޯލްކީޕަރު ހޯގޫ ލޮރިސް މަތަކުރިއެވެ.

ދެވަނަ ހާފް ފެށިގެން ވެސް އުރުގުއޭގެ ގޯލަށް ފްރާންސް އިން ގިނަ ހަމަލާތަކެއް އުފެއްދި އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މެޗުގެ 62 މިނެޓުގައި ފްރާންސް އިން މެޗުގެ ލީޑް ފުޅާކުރި އެވެ. އޭރިއާގެ ބޭރުން ގްރީޒްމަން ފޮނުވާލި ހަމަލާ އުރުގުއޭގެ ގޯލް ކީޕަރު ފެނާންޑޯ މުސްލެރާއަށް ރަނގަޅަށް ނުހިފި ވަނީ ގޯލަށެވެ.

މެޗުގައި ފްރާންސްއަށް ތިން ވަނަ ލަނޑެއް ޖަހާނެ ފުރުސަތު ވެސް ލިބުނެވެ. ނަމަވެސް ކޮރެންޓީން ޓޮލީސޯއަށް ލިބުނު ފުރުސަތުގައި އުފެއްދި ހަމަލާ ދިޔައީ ކުޑަތަންކޮޅެއް މަތިންނެވެ.

Leave a comment

Your email address will not be published.