Fri, 29 May, 2020, 12:13 am
ވަރުގަދަ ބްރެޒިލް ކަޓުވާލައި، ބެލްޖިއަމް ސެމީ އަށް
0

ދުނިޔޭގެ ޗެމްޕިއަންކަން ފަސް ފަހަރު ހޯދާފައިވާ ބްރެޒިލް ކަޓުވާލުމަށްފަހު ސެމީގެ ޖާގައެއް ބެލްޖިއަމް އިން ހޯދައިފި އެވެ. ބްރެޒިލްގެ މައްޗަށް ބެލްޖިއަމް ކާމިޔާބު ހޯދީ 2-1 ގެ ނަތީޖާއަކުންނެވެ.

ރަޝިއާގެ ކަޒާން އެރީނާގައި މިރޭ ކުޅުނު މެޗުން ބެލްޖިއަމް މޮޅުވެ ސެމީގެ ދެވަނަ ޖާގަ ކަށަވަރުކުރިއިރު، މިއީ 1986 ވަނަ އަހަރަށްފަހު ވޯލްޑް ކަޕެއްގެ ސެމީ ފައިނަލަށް ބެލްޖިއަމް ދަތުރުކުރި ފުރަތަމަ ފަހަރެވެ. މެކްސިކޯގައި އެ އަހަރު ބޭއްވި މުބާރާތާ ބެލްޖިއަމް އަލްވަދާއުކިއީ ހަތަރު ވަނަ ޓީމުގެ ގޮތުގައެވެ.

ބްރެޒިލަށް ބަލާއިރު، ޖަޕާނާއި ކޮރެއާގައި 2002 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕަށްފަހު ބްރެޒިލް އަށް އަދި ވޯލްޑް ކަޕެއްގެ ފައިނަލަށް ދެވިފައެއް ނުވެއެވެ. އެގޮތުން 2006 އަދި 2010 ވަނަ އަހަރުގެ ބޭއްވި ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުން ބްރެޒިލް ކެޓިއިރު، އެންމެ ފަހުން އަމިއްލަ ގައުމުގައި ބޭއްވި ވޯލްޑް ކަޕްގެ ސެމީ އަށް ދަތުރުކޮށް، ޖަރުމަނު އަތުން 1-7 ގެ ބޮޑު ތަފާތަކުން ބަލިވެ، މުބާރާތާ ވަކިވެގެން ދާންޖެހުނެވެ.

މިރޭގެ މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ވަރުގަދަ، ބަލާހިތްވާ ފަދަ ކުޅުމެއް ފެނިގެންދިޔަ އެވެ. އެގޮތުން މެޗުގެ ފުރަތަމަ ކޮޅު ރަނގަޅަށް ކުޅެ ގިނަ ޕާސްތަކެއް ޖަހައިގެން އެޓޭކް ކުރަމުންދިޔައީ ބްރެޒިލް އިންނެވެ. އޭގެ ތެރެއިން ތިއާގޯ ސިލްވާއަށް ގޯލް ޖަހަން ލިބުނު ރަނުގެ ފުރުސަތު ފާހަގަކޮށްލެވެއެވެ.

މެޗުގައި ބެލްޖިއަމްގެ ފަރާތުން ބޮޑަށް ފެނިގެންދިޔައީ ލިބޭ ކައުންޓާ އެޓޭކް ތަކުގައި ބްރެޒިލްގެ ގޯލަށް ނުރައްކާ ކުރަމުންދިޔަ ތަނެވެ. އެގޮތުން މެޗުގެ 13 ވަނަ މިނެޓުގައި ބެލްޖިއަމްއިން މެޗުގެ ލީޑް ނެގިއެވެ. ނޭސާ ޗެޑްލީ ނަގައިދިން ކޯނަރު ގޯލަށް ވަނީ ފެނާންޑީނިއޯގެ ކޮނޑުގައި ޖެހިގެންނެވެ.

މެޗުގެ 31 ވަނަ މިނެޓުގައި ބެލްޖިއަމް އިން ދެވަނަ ލަނޑުވެސް ޖެހީ ކައުންޓާ އެޓޭކެއްގައި ލިބުނު ފުރުސަތަކުންނެވެ. ބްރެޒިލްގެ ހާފުގެ ތެރެއިން ލިބުނު ބޯޅަ ހިފައިގެން ރޮމެލޫ ލުކާކޫ ގޮސް ދިން ބޯޅަ ގޯލުގެ ކަނަށް ފޮނުވާލައިގެން އެ ލަނޑު ކާމިޔާބު ކޮށްދިނީ، މިރޭގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ކެވިން ޑިބްރޭނާއެވެ.

ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފުގައި ވެސް ބްރެޒިލްގެ ފަރާތުން ދަނޑު ޖަހަން ގިނަ މަސައްކަތްތަކެއް ކުރިއެވެ. އެގޮތުން އެޓޭކް ވަރުގަދަ ކުރުމަށް ދެވަނަ ހާފުގައި އެ ޓީމުގެ ކުރިއަށް ކުޅޭ ރޮބާޓޯ ފިރްމީނޯ އާއި ޑަގްލަސް ކޯސްޓާ ކުޅެން ނެރުނެވެ. ބްރެޒިލް އެގޮތުން ކުރި މަސައްކަތުން މެޗުގެ 76 ވަނަ މިނެޓުގައި ލަނޑެއް ޖަހައި އުއްމީދު އާކުރި އެވެ.

ކޫޓީނިއޯ ބެލްޖިއަމްގެ އޭރިއާ ތެރެއަށް ވައްޓާލި ބޯޅަ ބޮލުން ޖަހައި ގޯލުގެ ވާތް ފަރާތު ކަނަށް ފޮނުވާލީ، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ރެނާޓޯ އޮގަސްޓެވެ. އެ ލަނޑާއެކު މެޗުގެ ނަތީޖާ ހަމަހަމަ ކުރަން ބްރެޒިލް އިން އިތުރަށް މަސައްކަތްކުރި އެވެ. ނަމަވެސް އެކަމުގެ ހުރަކަށްވީ ބެލްޖިއަމްގެ ޑިފެންސް ލައިނާއި މޮޅު ކީޕަރު ކޯޓުވާ އެވެ.

މިރޭގެ މެޗުން ބެލްޖިއަމް މޮޅުވެ ސެމީން ޖާގައެއް ހޯދިއިރު، މިރޭ ކުޅުނު ފުރަތަމަ ކުއާޓާ ފައިނަލް މެޗުގައި އުރުގުއޭ ކަޓުވާލައި ފްރާންސް އިން ވަނީ ސެމީއަށް ދަތުރު ކޮށްފައެވެ.

Leave a comment

Your email address will not be published.