މުޙައްމަދު އިބްރާހިމް
07 July 2018
މަޤްބޫލު ޙަބަރު

ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ސްވިޑެން ބަލިކޮށް، އިނގިރޭސީން 28 އަހަރަށްފަހު ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

އެންމެ ފަހުން އިނގިރޭސީން ސެމީއަށް ދަތުރުކޮށްފައިވަނީ 1990 ވަނަ އަހަރެވެ. ރަޝިއާގެ ސަމާރާ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި ސްވިޑެން އަތުން އިނގިރޭސީން މޮޅުވީ 2-0ގެ ނަތީޖާއަކުންނެވެ.

މެޗުގެ 30 ވަނަ މިނެޓުގައި އިނގިރޭސީން ވަނީ ލީޑު ހޯދައިފައެވެ. އޭޝްލީ ޔަންގް ނަގައިދިން ކޯނަރަކުން އިނގިރޭސީންނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ހެރީ މެގުއަޔާއެވެ. އޭގެ އިތުރުން ފުރަތަމަ ހާފުގެ ތެރޭގައި އިނގިރޭސި ރަހީމް ސްޓާލިންއަށް ފުރުސަތުތަކެއް ލިބިގެންދިޔަ ނަމަވެސް، އެ ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ.

މެޗުގެ 58 ވަނަ މިނެޓުގައި އިނގިރޭސީން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ޔެސޭ ލިންގާޑް ނަގައިދިން ހުރަހަކުން އިނގިރޭސީންނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޑެލޭ އަލީއެވެ.

އެ ލަނޑަށްފަހު ސްވިޑެނުން ލަނޑެއް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. ނަމަވެސް ސްވިޑެންގެ ބާގްއާއި ވިކްޓަރ ކްލޭސަން ފޮނުވާލި ހަމަލާ، އިނގިރޭސި ކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ ދިފާއުކޮށްފައެވެ.

ސެމީގައި އިނގިރޭސީން ނުކުންނަން ޖެހޭނީ ރަޝިއާއާއި ކްރޮއޭޝިއާ ކުޅޭ ކުއާޓާގެ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.

Leave a Reply

Your email address will not be published.

haftha.mv ©