މުޙައްމަދު އިބްރާހިމް
11 July 2018
މަޤްބޫލު ޙަބަރު

ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލުން ބެލްޖިއަމް ކަޓުވާލައި، ފައިނަލުގެ ފުރަތަމަ ޖާގަ ފްރާންސުން ހޯދައިފި އެވެ.

ރަޝިއާގެ ސެއިންޓް ޕީޓާސްބާގް ސްޓޭޑިއަމްގައި މިރޭ ކުޅުނު ސެމީ ފައިނަލު ފުރަތަމަ މެޗުގައި މެޗުގައި ބެލްޖިއަމްގެ މައްޗަށް ފްރާންސުން ކުރި ހޯދީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ފެނުނު ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ ފްރާންސްގެ ޑިފެންޑަރު ސެމިއަލް އުމްޓިޓީ އެވެ.

މިރޭގެ މެޗުން މޮޅުވެ ފްރާންސް ފައިނަލަށް ދަތުރުކުރިއިރު، މިއީ 2006 ވަނަ އަހަރު ފަހުން ފްރާންސް ފައިނަލުގައި ކުޅޭ ފުރަތަމަ ފަހަރެވެ. ދެހާސް ހަވަނަ އަހަރުގެ ފައިނަލުގައި ކުޅެ ފްރާންސް ބަލިވީ އިޓަލީ އަތުންނެވެ.

މެޗުގެ ފުރަތަަމަ ކޮޅަށް ބަލާއިރު މެޗް ކޮންޓްރޯލް ކޮށްގެން ކުޅުނީ ބެލްޖިއަމް އިންނެވެ. އެގޮތުން އެ ޓީމުން ގިނަ ހަމަލާތަކެއް ފްރާންސްގެ ގޯލަށް ފޮނުވާލިއިރު، އެ ޓީމުގެ ކެޕްޓަން އެޑެން ހަޒާޑް ފޮނުވާލި ދެ ހަމަލާއެއް ފާހަގަކޮށްލެވެއެވެ.

ނަމަވެސް މެޗުގެ ފުރަތަމަ 25 މިނެޓަށްފަހު ފްރާންސް އިން ވެސް ބެލްޖިއަމްގެ ގޯލަށް ނުރައްކާ ކުރަން ފެށިއެވެ. އެގޮތުން ބެލްޖިއަމްގެ ގޯލަށް ސީދާކޮށް ފުރަތަމަ ހަމަލާ ފޮނުވާލީ ބްލައިސް މަޓުއިޑީއެވެ. އޭގެ ފަހުން ކުރިއަށް ކުޅޭ އޮލިވިއޭ ޖިރޫޑާއި އެންޓޮއިން ގްރީޒްމަން ފޮނުވާލި ހަމަލާތައް ދިޔައީ ގޯލާ ސީދާނުވެ އެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރީން ފްރާންސް އަށް ލީޑު ނަގާނެ ރަނގަޅު ފުރުސަތެއް ލިބުނެވެ. ނަމަވެސް އޭރިއާ ތެރެއިން މުޅިން ހުސްކޮށް ކަހަލަ ގޮތަކަށް ހުރެ އެޓީމުގެ ފުލްބެކް ބެންޖަމިން ޕަވާޑް ފޮނުވާލި ހަމަލާ ބެލްޖިއަމްގެ ކީޕަރު ކޯޓުއާ ވަނީ އެ ހަމަލާ މަތަކޮށްފައެވެ.

މެޗުގައި ފެނުނު ހަމައެކަނި ގޯލް ފެނިގެންދިޔައީ ދެވަނަ ހާފްގެ ކުރީކޮޅު އެވެ. މެޗުގެ 51 މިނެޓުގައި އެ ލަނޑު ކާމިޔާބު ކޮށްދިނީ ސެމިއުލް އުމްޓީޓީއެވެ. ގްރިޒްމަން އޭރިއާ ތެރެއަށް ނަގައިދިން ކޯނަރަކުން އުމްޓީޓީ އެ ލަނޑު ކާމިޔާބު ކުރީ ގޯލުގެ ކައިރީ ކަނަށް ފޮނުވާލައިގެންނެވެ.

އަދި އޭގެ ތިން މިނެޓް ފަހުން ފްރާންސްގެ ކިލިއަން އެމްބާޕޭ ދިން ރީތި ޕާސްއަކުން ޖިރޫޑްއަށް ލީޑު ފުޅާކުރަން ފުރުސަތު ލިބުނު ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ބެލްޖިއަމް ކުޅުންތެރިން ވަނީ ބްލޮކްކޮށްފަ އެވެ.

މިރޭގެ މެޗުން ބެލްޖިއަމް ބަލިވުމާއެކު އެ ޓީމުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ފައިނަލުގައި ކުޅުމުގެ ހުވަފެނަށް ވެސް ވަނީ ނިމުމެއް އައިސްފަ އެވެ. ބެލްޖިއަމުން އެންމެ ފަހުން ވޯލްޑް ކަޕް ސެމީ ފައިނަލުގައި ކުޅުނީ 1986 ވަނަ އަހަރު އެވެ. އެ ފަހަރު އެ ޓީމު ކެޓީ ސެމީގައި އާޖެންޓީނާ އަތުންނެވެ.

Leave a Reply

Your email address will not be published.

haftha.mv ©