Wed, 3 June, 2020, 5:19 pm
މޮޅު ކުޅުންތެރިޔާއަށް ވާދަ ކުރާ ކުޅުންތެރިންގެ ނަންތަށް އިއުލާން ކޮށްފި
0

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި މޯލްޑިވްސްފުޓްބޯލް ޑޮޓް ކޮމް ގުޅިގެން ބާއްވާ މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގެ މޮޅު ކުޅުންތެރިޔާއަށް ވާދަ ކުރާ ހަ ކުޅުންތެރިންގެ ނަން މިއަދު އިއުލާން ކޮށްފިއެވެ.

މި އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަ ކުރާ ހަ ކުޅުންތެރިންނަކީ މާޒިޔާގެ ނާއިޒް ހަސަން، ޓީސީ ސްޕޯޓްސް ކްލަބްގެ އިބްރާހިމް މަހުދީ ހުސެއިން އަދި އިބްރާހިމް ވަހީދު ހަސަން، ކްލަބް އީގަލްސްގެ އަހުމަދު ރިޒުވާން، ނިއު ރޭޑިއަންޓްގެ އަލީ ފާސިރު އަދި ނިއު ރޭޑިއަންޓާއި ޓީސީ އަށް މި ސީޒަނުގައި ކުޅުނު އަލީ އަޝްފާގް އެވެ.

ނާއިޒް ހަސަން (ދާދު) – މާޒިޔާ ސރކ

މާޒިޔާގައި ހޭދަކުރި ފުރަތަމަ ސީޒަންގެ ކުރީކޮޅު، ދާދު އަށް ރަނގަޅު ފޯމެއްގައި ނުކުޅެވުނު ނަމަވެސް، ސީޒަންގެ ދެވަނަ ބައިގައި އޭނާ ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. މާޒިޔާ އިން ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ހޯދިއިރު، ދާދުގެ ދައުރު ބޮޑެވެ. ސާފް ސުޒުކީ ކަޕް ރާއްޖޭގެ ޤައުމީ ޓީމުން ކާމިޔާބުކުރިއިރު، އެ މުބާރާތުގައި ވެސް ދާދު ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) – ޓީސީ ސްޕޯޓްސް ކްލަބް

ޓީސީ ސްޕޯޓްސްއާއެކު ދިވެހި ލީގު ކާމިޔާބުކޮށް، ޤައުމީ ޓީމާއެކު ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި އިއްބެ އަށް މިދިޔަ ސީޒަނަކީ ކާމިޔާބު ސީޒަނެވެ. މުޅި ސީޒަންގައި ވެސް އިއްބެ ވަނީ ރަނގަޅު ކުޅުމެއް ދައްކައި، މުހިންމު ލަނޑުތަކެއް ޓީސީ އާއި ޤައުމީ ޓީމަށް ކާމިޔާބުކޮށްދީފަ އެވެ. ފާއިތުވި ދެ ސީޒަނަށް ބަލާއިރު، އިއްބެ އަކީ މި ވަގުުތު ރާއްޖޭގައި ތިބި އެންމެ ރަނގަޅު ފޯވަޑުންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއްކަން ޔަޤީނެވެ.

އިބްރާހިމް ވަހީދު ހަސަން (އިއްބެ) – ޓީސީ ސްޕޯޓްސް ކްލަބް

މިދިޔަ ސީޒަން އަކީ އިއްބެ އަށް ކާމިޔާބު ސީޒަނެކެވެ. ޓީސީއާއެކު ދިވެހި ލީގު ކާމިޔާބުކުރިއިރު، ޤައުމީ ޓީމަށް ސާފް ސުޒުކީ ކަޕް ކާމިޔާބުކޮށްދިނުމުގައި އޭނާގެ ދައުރު ބޮޑެވެ. އިއްބެ އަކީ މެދުތެރެއަށް ކުޅެމުން މުހިންމު ލަނޑުތަކެއް ކާމިޔާބުކުރާ ކުޅުންތެރިއެކެވެ. މިދިޔަ ސީޒަންގައި އެއް ފެންވަރެއްގައި ކުޅުން ހިފެހެއްޓި އެއް ކުޅުންތެރިޔަކީ ހަމަ ޤައިމު ވެސް އިއްބެ އެވެ.

އަހުމަދު ރިޒުވާން (ރިޒޭ) – ކްލަބް އީގަލްސް

މިދިިޔަ ސީޒަނަކީ ރިޒޭގެ ކެރިއަރުގައި މިހާތަނަށް އެންމެ ފާހަގަކޮށްލެވޭ ސީޒަނެވެ. ރިޒޭ މިދިޔަ ސީޒަން ނިންމާލީ 35 ލަނޑާއެކު އެވެ. ސީޒަންގެ މެދުތެރެއިން އީގަލްސްގެ ފޯވަޑްލައިޑް ރިޒޭ ލީޑުކުރަން ފެށި ހިސާބުން، އޭނާގެ ލަނޑު ޖެހުމުގެ ރޭޓް މެކުހަށް ޖެހި އެވެ. އެގޮތުން ޖެހިޖެހިގެން ފަސް މެޗުގައި ހެޓްރިކް ހަދައި، ރިޒޭ ވަނީ ދުނިޔޭގެ ރެކޯޑަކާ ވެސް އެއްވަރުކޮށްފަ އެވެ. ރިޒޭގެ ލަނޑު ޖެހުމުގެ ފޯމާއެކު، އޭނާ އަށް ވަނީ އަލުން ޤައުމީ ޓީމުން ވެސް ޖާގަ ލިބިފަ އެވެ.

އަލީ ފާސިރު (ސެންޓޭ) – ނިއު ރޭޑިއަންޓް

މޮޅު ކުޅުންތެރިޔާގެ މަޤާމު 2017 ވަނަ އަހަރު ހޯދި ސެންޓޭ ވަނީ މި ސީޒަންގައި މާލޭ ލީގު ނިއު ރޭޑިއަންޓާއެކު ކާމިޔާބުކޮށް، ރާއްޖޭގެ ޤައުމީ ޓީމާއެކު ސާފް ސުޒުކީ ކަޕް ކާމިޔާބުކޮށްފަ އެވެ. މުޅި ސީޒަނަށް ބަލާއިރު، ސެންޓޭގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ އެވެ. ސެންޓޭ މި ސީޒަން ނިންމާލީ ޖުމްލަ 28 ލަނޑާއެކު އެވެ.

އަލީ އަޝްފާގް (ދަގަނޑޭ) – ނިއު ރޭޑިއަންޓް/ޓީސީ ސްޕޯޓްސް

މި ސީޒަންގައި 42 ލަނޑު ޖަހައި، ސީޒަންގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަޤާމާއެކު ނިންމާލި ދަގަނޑޭ ވަނީ މުޅި ސީޒަންގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. ސީޒަންގައި ފުރަތަމަ ބައިގައި ނިއު ރޭޑިއަންޓަށް ކުޅެ، ދަގަނޑޭ ވަނީ ނިއުއާއެކު މާލޭ ލީގު ކާމިޔާބުކޮށްފަ އެވެ. އަދި ސީޒަންގެ ދެވަނަ ޓްރާންސްފާގައި ޓީސީ ސްޕޯޓްސް އަށް ބަދަލުވެ، އެ ޓީމަށް ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކޮށްދިނުމުގައި އެންމެ މުހިންމު ރޯލެއް އަދާކުރީ ދަގަނޑޭ އެވެ.

މިމަހުގެ 29 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގައި ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ އާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށް ދޭ ރަން ބޫޓުގެ އިތުރުން އެންމެ އުންމީދީ ޒުވާން ކުޅުންތެރިޔާ ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެންމެ ރީތި ގޯލު (ޖޫލޭ އެވޯޑް)ގެ އިތުރުން ފޭން އެވޯޑް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މި އަހަރު އަލަށް އަންހެން ކުޅުންތެރިންގެ އަގުވަޒަން ކުރުމުގެ ގޮތުން ދެ އެވޯޑެއް ދިނުމުގެ އިތުރުން އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާ އާއި އެންމެ މޮޅު ގޯލުކީޕަރު ހޮވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގައި ވޯޓް ދިނުމަށް ހަމަޖެހިފައިވަނީ ފުރަތަމަ ޑިވިޝަނުގެ ކޯޗުންނާއި ކެޕްޓަރުންގެ އިތުރުން ދެވަނަ ޑިވިޝަނާއި ތިންވަނަ ޑިވިޝަނުގެ ކޯޗުންގެ އިތުރުން ބައެއް ކުޅިވަރު ނޫސްވެރިންނެވެ.