Wed, 3 June, 2020, 6:51 pm
އެވޯޑް ހަފްލާއަށް ރެއާލް މެޑްރިޑްގެ ކުރީގެ ޑިފެންޑަރ ސަލްގާޑޯ ރާއްޖެ އަތުވެއްޖެ
0

އަންނަ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ފުޓްބޯލް އެވޯޑްސް ގައި ބައިވެރިވުމަށްޓަކައި ރެއާލް މެޑްރިޑްގެ ކުރީގެ ޑިފެންޑަރ މިޝޭލް ސަލްގާޑޯ މިއަދު ރާއްޖެ އަތުވެއްޖެއެވެ.

މޯލްޑިވްސް ފުޓްބޯލް ޑޮޓް ކޮމް އާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދާ އެވޯޑް ގައި މި ފަހަރު އެންމެ ފާހަގަކޮށްލެވޭ ކަމެއްގެ ގޮތުގައި ކުރިއަށްދަނީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލުކީޕަރު، އިމްރާން މުހައްމަދު ގައުމީ ޓީމަށް އަލްވަދާއު ކިއުމުގެ ގޮތުން މި މަހުގެ 30 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ މެޗެވެ.

މި މެޗްގައި އިމްރާނާއި އެކު ކުޅެފައިވާ ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ޓީމެއް އިމްރާން އެކުލަވާލާފައިވާއިރު އެފްއޭއެމް އިން ވަނީ އެހާރާއި މިހާރުގެ ކުޅުންތެރިން އެކުލެވޭގޮތަށް އެފްއޭ 11 ޓީމު ވެސް އެކުލަވާލާފައެވެ. މި މެޗްގައި އެފްއޭ 11 ގެ ޓީމަށް ސަލްގާޑޯ ގެ އިތުރުން މެންޗެސްޓަރ ޔުނައިޓެޑްގެ ކުރީގެ ކީޕަރު ޕީޓަރ ޝުމައިކަލް ކުޅުމަށްވަނީ ހަމަޖެހިފައެވެ.

މިމަހުގެ 28 ވަނަ ދުވަހުގެ ހަވީރު ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގައި ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ އާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށް ދޭ ރަން ބޫޓުގެ އިތުރުން އެންމެ އުންމީދީ ޒުވާން ކުޅުންތެރިޔާ ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެންމެ ރީތި ގޯލު (ޖޫލޭ އެވޯޑް)ގެ އިތުރުން ފޭން އެވޯޑް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މި އަހަރު އަލަށް އަންހެން ކުޅުންތެރިންގެ އަގުވަޒަން ކުރުމުގެ ގޮތުން ދެ އެވޯޑެއް ދިނުމުގެ އިތުރުން އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާ އާއި އެންމެ މޮޅު ގޯލުކީޕަރު ހޮވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގައި ވޯޓް ދިނުމަށް ހަމަޖެހިފައިވަނީ ފުރަތަމަ ޑިވިޝަނުގެ ކޯޗުންނާއި ކެޕްޓަރުންގެ އިތުރުން ދެވަނަ ޑިވިޝަނާއި ތިންވަނަ ޑިވިޝަނުގެ ކޯޗުންގެ އިތުރުން ބައެއް ކުޅިވަރު ނޫސްވެރިންނެވެ.