މުޙައްމަދު އިބްރާހިމް
12 January 2019
މަޤްބޫލު ޙަބަރު

ބާސެލޯނާގެ ޒުވާން ސްޓައިކަރު މުނީރް އަލް ހައްދާދީ ސެވިއްޔާއަށް ބަދަލުވުމާ ގުޅޭގޮތުން އެ ދެ ކުލަބުން އެއްބަސްވުމަކަށް އަތުވެއްޖެއެވެ.

ބާސެލޯނާގެ ރަސްމީ ވެބްސައިޓުގައި ބުނެފައިވާ ގޮތުން، އުމުރުން އެންމެ 18 އަހަރުގައި އެ ކުލަބަށް ކުޅެން ފެށި މުނީރު ސެވިއްޔާއަށް ބަދަލުވަނީ އެއް މިލިއަން ޔޫރޯގެ ފީ އަކަށެވެ.

އުމުރުން މިހާރު 23 އަހަރުގެ މުނީރު ސެވިއްޔާއަށް ބަދަލުވުގެ އެއްބަސްވުމަކަށް އައިސްފައި މިވަނީ، ބާސެލޯނާއާއެކު އޭނާ ހަދާފައިވާ އެއްބަސްވުން ހަމަވުމަށް ހަ މަސް ދުވަސް ބާކީ އޮއްވައެވެ.

ނަމަވެސް ބާސެލޯނާއާއި ސެވިއްޔާއާ ދެމެދު މިހާރު ވެފައިވާ އެއްބަސްވުމުގެ ދަށުން މިމަހުގެ ތެރޭގައި މުނީރު ސެވިއްޔާއަށް ބަދަލުވާނެއެވެ.

ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑުން ފުޓްބޯޅަ ކެރިއަރު ފެށި މުނީރު ބާސެލޯނާއަށް ބަދަވީ 2011 ވަނަ އަހަރުއެވެ. އެގޮތުން ބާސެލޯނާއަށް ޖުމްލަ 56 މެޗް ކުޅެދީފައިވާއިރު އެކުލަބާއެކު ސްޕެނިޝް ލީގާއި ކޮޕަ ޑެލް ރޭ އާއި ސްޕެނިޝް ސުޕަ ކަޕްސް ދެ ފަހަރު ކާމިޔާބުކޮށްފައިވެއެވެ.

އޭގެ އިތުރުން އެކުލަބާއެކު މުނީރު ވަނީ ޗެމްޕިއަންސް ލީގާއި ފީފާ ކުލަބް ވޯލްޑް ކަޕް އަދި ޔުއެފާ ސުޕަ ކަޕް ވެސް އުފުލާލައިފައެވެ.

ސެވިއްޔާއަށް މުނީރު ބަދަލުވުމުގެ އެއްބަސްވުމަކަށް އައިސްފައިވާއިރު، ސްޕެއިންގެ ރިޓަޔާޑް ފުޓްބޯޅަ ކުޅުންތެރިޔާ ޕަބްލޯ މަޗިންގެ ކޯޗުކަމުގައި ކުޅެމުންދާ ސެވިއްޔާ އޮތީ ސްޕެނިޝް ލީގުގެ ތިން ވަނައިގައެވެ.

haftha.mv ©