މުޙައްމަދު އިބްރާހިމް
31 January 2019
މަޤްބޫލު ޙަބަރު

ޕެރިސް ސެއިންޓް ޖާމައިން އަދި ބްރެޒިލްގެ ފޯވާޑް ނޭމާގެ ކުޑަހުޅަށް ލިބުނު އަނިޔާގެ ސަބަބުން 10 ހަފްތާއަށް ކުޅުމާ ދުރަށް ދާންޖެހި، ޗެމްޕިއަންސް ލީގުގެ ގަދަ 16ގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ ދެ ލެގުގައި ވެސް އޭނާ ނުކުޅެވޭނެކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ނޭމާއަށް އަނިޔާވީ، ފްރެންޗް ކަޕްގައި މިދިޔަ ހަފްތާގެ ބުދަ ދުވަހު ސްޓްރަސްބާގް އާ ދެކޮޅަށްކުޅެ 2-0 އިން ޕީއެސްޖީ މޮޅުވި މެޗުގެ 62 ވަނަ މިނެޓުގައެވެ. އަނިޔާވެގެން ބޭލިއިރު ނޭމާއަށް ހުރީ ވެސް ރޮވިފައެވެ.

ނޭމާގެ އަނިޔާއާ ގުޅިގެން ފުރާންސްގެ ޗެމްޕިއަނުން ނެރުނު ބަޔާނެއްގައި ބުނީ، ނޭމާގެ ކަނާތު ފައިގެ ކުޅަހުޅަށް ލިބުނު އަނިޔާއާ ގުޅިގެން ދުނިޔޭގައި ތިބި މަޝްހޫރު ސިއްހީ މާހިރުން ގެނެސް ފުރިހަމަ ރިވިއުއެއް ހެދި ކަމަށެވެ.

“ސްޕެޝަލިސްޓުންގެ ފުރިހަމަ އެނަލިސިސް އަކަށްފަހު، އޮޕަރޭޝަން ނުކޮށް ނޭމާގެ ކުޑަހުޅަށް ފަރުވާ ދިނުމަށް ވަނީ އެއްބަސްވެވިފައި،” ޕީއެސްޖީގެ ބަޔާނުގައި ބުނެފައިވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އެ ނިންމުމަށް ނޭމާވެސް އެއްބަސްވެފައިވާ ކަމަށާއި ކުރިއަށްއޮތް 10 ހަފްތާތެރޭގައި ނޭމާއަށް އެނބުރި ކުޅުމަށް ދަނޑަށް ނުކުމެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ގާތްގަނޑަކަށް ދެ މަހާއި ބައިގެ މުއްދަތަކަށް ނޭމާ ކުޅުމާ ދުރަށް ދާންޖެހިފައިވާއިރު، މިދިޔަ އަހަރުގެ މާޗް މަހު ފްރެންޗް ލީގު ކަޕްގެ މެޗެއްގައި ވެސް ނޭމާގެ ފައި ފުރޮޅާލައި ކުޑަހުޅު ދުޅަވެ އަދި ފައިތިލައިގެ ކަށިކޮޅެއް ރެނދުލުމުގެ ސަބަބުން މުޅި ސީޒަނުގައި ނުކުޅެވި ދިޔައެވެ. އޭނާ އެއަށްފަހު ފެނިގެންދިޔައީ އަނިޔާއިން ރަނގަޅުވެ ވޯލްޑް ކަޕުންނެވެ.

ނޭމާއާ ނުލާ ޕީއެސްޖީ ޔުނައިޓެޑާ ދެކޮޅަށް ކުޅެންޖެހޭއިރު، ޗެމްޕިއަންސް ލީގުގައި ޔުނައިޓެޑް ދަނޑުގައި ކުޅޭ މެޗު އޮންނާނީ އަންނަ މަހުގެ 12 ވަނަ ދުވަހުއެވެ. އަދި ދެވަނަ ލެގު ކުޅޭނީ މާޗް ހައެއްގައެވެ.

haftha.mv ©