Sun, 23 February, 2020, 2:28 am
އެޓޫ: ފުޓްބޯޅަ ކެރިއަރު ނިންމާލުމުގެ ވިސްނުމެއް ނެތް!

ފުޓްބޯޅަ ކެރިއަރު ނިންމާލުމުގެ ވިސްނުމެއް އަދި ނެތް ކަމަށް ބާސެލޯނާ އާއި އިންޓަމިލާންގައި ކާމިޔާބު ހޯދި ކެމަރޫންގެ ކުރީގެ ކެޕްޓަން ސެމިއުލް އެޓޫ ބުނެފިއެވެ.

އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހަތަރު ފަހަރު ހޯދާފައިވާ އެޓޫ މިހާރު ކުޅެމުން އަންނަނީ ގަތަރު ލީގަށެވެ.

ތުރުކީގެ ކުލަބަކަށް ކުޅުމަށްފަހު އެޓޫ ގަތަރު ލީގުގެ ގަތަރު ސްޕޯޓްސް ކުލަބަށް ބަދަލުވީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގައެވެ. އަދި އޭނާ އެކުލަބާއެކު ހަދާފައިވާ ކޮންޓުރެކްޓް ކުރިއަށް އޮތް ހޫނު މޫސުމުގެ ތެރޭގައި ހަމަވާނެއެވެ.

ސައުތް އެފްރިކާއަށް ޕްރޮމޯޝަނަލް ޓުއާއަކަށް ގޮސް އުޅޭ އެޓޫ ބުނީ، އޭނާގެ ވިސްނުމަކީ އަދިވެސް ގަތަރު ލީގަށް ކުޅުން ކަމަށެވެ.

“އަހަރެންގެ އުމުރާ ބަލާފައި އަހަރެން ބޭނުންވަނީ ގަތަރުގައި މަޑުކުރަން. އަދި އިތުރު އެއް އަހަރު ކުޅެ އެއަށްފަހު ވާގޮތެއް ބަލާނީ. އަހަންނަކީ މާ ދުރަށް ވިސްނާ މީހެއް ނޫން،” އުމުރުން 37 އަހަރުގެ އެފްރިކަން ލެގެންޑް ބުނެފައިވެއެވެ.

މީގެ ކުރިން ސްޕެއިން، ރަޝިއާ އަދި އިޓަލީގައި ކުޅެފައިވާ އެޓޫގެ 21 އަހަރުވީ ކެރިއަރުގައި 13 ކުލަބަށް ކުޅެފައިވާއިރު، އޭނާގެ ކެރިއަރުގައި އެންމެ ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފައިވަނީ 2004 ވަނަ އަހަރުން 2009 ވަނަ އަހަރަށް ބާސެލޯނާގައެވެ.

ކެމަރޫންއާއެކު ވިދިވިދިގެން ދެ އަހަރު އެފްރިކަން ކަޕް އޮފް ނޭޝަންސް ކާމިޔާބު ކޮށްދީފައިވާ އެޓޫ ހޯދި ކާމިޔާބީތަކުގެ ތެރޭގައި ތިން ފަހަރު ލަ ލީގާ ކްރައުންސް ހޯދާފައިވާއިރު، ބާސެލޯނާއާއެކު ދެ ފަހަރެއްގެ މަތީން ޗެމްޕިއަންސް ލީގް ކާމިޔާބުކޮށްފައިވެއެވެ.

އޭގެ އިތުރުން ކޯޗު ހޯޒޭ މޮރީނިއޯގެ ކޯޗު ކަމުގައި އިންޓަ މިލާނުން 2010 ވަނަ އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ޓީމުގައި ވެސް އެޓޫ ހިމެނެއެވެ.