• Wed, 8 July, 2020, 5:10 pm

    ފަސް ލަނޑުން ރާއްޖެ ބަލިކޮށް، ޗައިނާއަށް ރަނގަޅު ފެށުމެއް

    Share on twitter
    Tweet
    Share on facebook
    Share
    Share on twitter
    Tweet
    Share on facebook
    Share

    ވޯލްޑް ކަޕް ކޮލިފައިންގައި ބޮޑު ތަފާތުން ރާއްޖެ ބަލިކޮށް، ވަރުގަދަ ޗައިނާއިން ފެށުން ރަނގަޅުކޮށްފިއެވެ.

    ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ރާއްޖޭގެ މައްޗަށް ޗައިނާއިން ކުރި ހޯދީ 5-0 ގެ ނަތީޖާއަކުންނެވެ. އޭގެން ދެ ލަނޑު ޗައިނާއިން ކާމިޔާބު ކުރީ ލިބުނު ޕެނަލްޓީ އިންނެވެ.

    ދޮޅު އަހަރަށްވުރެ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމާއެކު ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ވެސް ފެނިގެންދިޔަ މިރޭގެ މެޗުގައި ޗައިނާއިން އެންމެ ފުރަތަމަ ލީޑު ހޯދީ މެޗުގެ 33 ވަނަ މިނެޓުގައެވެ.

    ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ރާއްޖޭގެ ކެޕްޓަން އަކްރަމް އަބްދުލްޣަނީ (އަކޫ) ޕެނަލްޓީ އޭރިއާގެ ތެރެއަށް އަނިޔާވެގެން ވެއްޓިފައި އޮއްވާ، ޗައިނާއަށް އެ ލަނޑު ކާމިޔާބު ކޮށްދިނީ ލީ ލެއި ނަގައިދިން ހުރަހަކުން ވޫ ޒީ އެވެ.

    އަދި ފުރަތަމަ ލަނޑު ކާމިޔާބު ކުރިތާ 10 މިނެޓް ފަހުން، ޗައިނާއިން އިތުރު ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާކުރިއެވެ. އެ ލަނޑު ޗައިނާއަށް ކާމިޔާބު ކޮށްދިނީ ސްޕެއިންގެ ލަލީގާގައި ކުޅޭ އެސްޕަނިޔޯލްއަށް ކުޅޭ ވޫ ލެއިއެވެ.

    މެޗުގެ ފުރަތަމަ ހާފުގައި ޗައިނާއިން ވަރުގަދަ ކުޅުމެއް ކުޅެ ގިނަ ފުރުސަތުތަކެއް ތަނަވަސް ކުރި ނަމަވެސް، އެ ފުރުސަތުތަކުގެ ހުރަހަކަށްވީ ވަރުގަދަކޮށް ފެނުނު ރާއްޖޭގެ ޑިފެންސް ލައިނާއި ކީޕަރު ފައިސަލްއެވެ.

    ނަމަވެސް އަލީ އަޝްފާގަށް މާގިނަ ބޯޅަތަކެއް ނުލިބި، ރާއްޖެއަށް އެއްވެސް ހަމަލާއެއް އުފެދިފައި ނުވާއިރު، މެޗުގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ 2-0 ގެ ނަތީޖާއަކުން ޗައިނާ ކުރީގައި އޮވެގެންނެވެ.

    މެޗުގެ ދެވަނަ ހާފަށް ރާއްޖެއިން ނުކުތީ ބަދަލާއެކުއެވެ. އެގޮތުން ދަގަނޑޭގެ ބަދަލުގައި ހަސަން ނާއިޒް (ދާދު) ކުޅެން ނުކުތްއިރު، މެޗުގައި އޭނާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައެވެ.

    އަދި ދެވަނަ ހާފުގައި ރާއްޖޭގެ ފަރާތުން ވެސް ފެނިގެންދިޔައީ ކުރިއަށް ޖެހިގެން ޗައިނާގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތްކުރަން އުޅުނު ތަނެވެ.

    އެގޮތުން މެޗުގެ 48 ވަނަ މިނެޓުގައި ދާދު ދިން ބޯޅައަކުން ފޭދޫ އިއްބެ އުފައްދަން މަސައްކަތްކުރި ހަމަލާ ފާހަގަކޮށްލެވެއެވެ. ނަމަވެސް ޕެނަލްޓީ އޭރިއާ ތެރެއަށް ގަސްދުގައި ވެއްޓުނު ކަމަށް ނިންމައި، ރެފްރީ ވަނީ ފޭދޫ އިއްބެއަށް ރީނދޫ ކާޑެއް ދައްކައިފައެވެ.

    މެޗުގައި ރާއްޖެއަށް ލިބުނު އެންމެ ރަނގަޅު ދެ ފުރުސަތު ލިބުނީ މެޗުގެ 55 ވަނަ މިނެޓުގައެވެ. އެގޮތުން ރާއްޖެއަށް ލިބުނު ހިލޭ ޖެހުމަކުން ކެޕްޓަން އަކޫ ފޮނުވާލި ހަމަލާ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވިއިރު، އެ ބޯޅައިން ދާދު ފޮނުވާލި ހަމަލާ މަތަކުރީ ޗައިނާގެ ކީޕަރު ޔަން ޖުންގްލިންއެވެ.

    އަދި އޭގެ މިނެޓެއް ފަހުން ވެސް ރާއްޖެއަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ހަމްޕު ދިން ބޯޅައަކުން އައިސަމް ފޮނުވާލި ހަމަލާގެ ހުރަހަކަށް ވީވެސް ޗައިނާގެ ކީޕަރެވެ.

    މެޗުގައި ޗައިނާއަށް ލިބުނު ފުރަތަމަ ޕެނަލްޓީ ލިބުނީ މެޗުގެ 62 ވަނަ މިނެޓުގައެވެ. ކޯނަރެއްގެ ތެރެއިން ނިހާޓު ކުރި ފައުލަކާ ގުޅިގެން ޗައިނާއަށް ލިބުނު އެ ޕެނަލްޓީ ކާމިޔާބުކުރީ ޔަންގް ޒޫ އެވެ.

    މި ގޯލާއެކު މެޗުގެ އޮއިވަރު ބަދަލުވެ އަނެއްކާވެސް ޗައިނާގެ ރަނގަޅަށް ކުޅެ، ގިނަ ފުރުސަތުތަކެއް އުފަން މަސައްކަތްކުރިތަން ފެނިގެންދިޔައެވެ.

    އެގޮތުން މެޗުގެ 74 ވަނަ މިނެޓުގައި ޗައިނާގެ ވެއި ޝިހައޯ ފޮނުވާލި ބާރު ހަމަލާ ކީޕަރު ފައިސަލް ހޯދިއިރު، މެޗުގެ 77 ވަނަ މިނެޓުގައި ޗައިނާގެ ވޫ ލެއި ފޮނުވާލި ހަމަލާ ގޯލާ އަމާޒުނުވެ ދިޔައީ ބޭރަށެވެ.

    މިރޭގެ މެޗުގައި ޗައިނާއަށް ދެވަނަ ޕެނަލްޓީ ލިބުނީ މެޗުގެ 81 ވަނަ މިނެޓުގައި ކެޕްޓަން އަކޫ ކުރި ފައުލަކާ ގުޅިގެންނެވެ. އެ ފައުލާއެކު ދެވަނަ ރީނދޫ ކާޑު ދައްކައި، އަކޫ ވަނީ ދަނޑުން ފޮނުވާލައިފައެވެ.

    ޗައިނާއަށް ލިބުނު އެ ޕެނަލްޓީން އެ ޓީމަށް ހަތަރު ވަނަ ލަނޑު ކާމިޔާބު ކޮށްދިނީ، ބްރެޒިލަށް އުފަން ފޯވަޑް އަލްކެސަންއެވެ. މިރޭގެ މެޗަކީ އޭނާ ޗައިނާގެ ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗެވެ.

    ޗައިނާގެ ފަސް ވަނަ ލަނޑު ވެސް ކާމިޔާބު ކޮށްދިނީ އަލްކެސަންއެވެ. މެޗުގެ ދެވަނަ ހާފްގެ އިތުރު މިނެޓްގައި އެ ލަނޑު ކާމިޔާބު ކުރީ، ރާއްޖޭގެ ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ގޯލަށް ބޯޅަ ފޮނުވާލައިގެންނެވެ.

    މި ނަތީޖާއާއެކު މިރޭގެ މެޗު ނިމިގެންދިޔައީ 5-0ގެ ނަތީޖާއަކުން ޗައިނާ މޮޅުވެގެންނެވެ.

    ހިޔާލު ފާޅުކުރައްވާ

    Leave a Reply

    Your email address will not be published.

    This site uses Akismet to reduce spam. Learn how your comment data is processed.