Thu, 9 April, 2020, 12:42 am
ޖަޒީރާ ކެނޯރޭސް”ގެ އެއްވަނަ ކ. އަތޮޅު ޓީމަށް”

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ބާއްވާ “ޖަޒީރާ ކެނޯރޭސް”ގެ އެއްވަނަ ކ. އަތޮޅު ޓީމުން ހޯދައިފިއެވެ.

މާދަމާ ފާހަގަކުރާ ބައިނަލްއަގްވާމީ ފަތުރުވެރިކަމުގެ ދުވަހުގެ ހަރަކާތްތައް ވ. އަތޮޅުން ޖަޒީރާވަންތަ ކެނޯރޭހެއްގައި ފެށުމަށް މިއަދު ބޭއްވި ކެނޯ ރޭހުގައި ރާއްޖޭގެ ކޮންމެ އަތޮޅަކުން އަންހެން ޓީމަކާއި ފިރިހެން ޓީމެއް ވަނީ ބައިވެރިވެފައެވެ.

އެގޮތުން އަންހެން ޓީމުތައް ވ. ކެޔޮދޫއިން ފެށިގެން އެ އަތޮޅު ފެލިދޫއަށް ކެނޯގައި ފަލި ޖެހިއިރު، ވ. ފެލިދޫއިން އެ އަތޮޅު ތިނަދުއަށް ކެނޯގައި ދަތުރުކުރީ ފިރިހެން ޓީމުތަކުންނެވެ.

އެގޮތުން މިއަދު ވ. ތިނަދޫ އަތިރިމަތީގައި ބޭއްވި އެ ރޭހުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ކެނޯ ރޭހުގެ އެއްވަނަ ހޯދީ ކ. އަތޮޅު ޓީމުންނެވެ. އެ ޓީމަށް ތައްޓާއި މެޑަލްއާއެކު 30،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފައެވެ.

އެ ޓީމަށް އެވޯޑް ހަވާލުކޮށްދެއްވީ ކެނޯ ރޭސް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރި މެހެމާން، ނައިބް ރައީސް ފައިސަލް ނަސީމެވެ.

މުބާރާތުގެ ދެވަނަ އަށް ދިޔައީ ވ. އަތޮޅު ޓީމެވެ. އެ ޓީމަށް 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިންއިރު، ތިން ވަނައަށް ދިޔަ އައްޑޫ ޓީމަށް ދީފައިވަނީ ތައްޓާއި މެޑަލްއާއެކު 10،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ނައިބް ރައީސް ވަނީ ވ. ތިނަދޫ ކައުންސިލް އިދާރާގެ ވެބްސައިޓް ވެސް ލޯންޗު ކޮށްދެއްވައިފައެވެ.

މިއަހަރުގެ ބައިނަލްއަގްވާމީ ފަތުރުވެރިކަމުގެ ދުވަސް ރާއްޖޭގައި ފާހަގަކުރުމަށް ތަފާތު ހަތް ހަރަކާތެއް ވަނީ ބާއްވަން ނިންމައިފައެވެ. އެގޮތުން މިރޭ 12 ޖަހާއިރު ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ވ. އަތޮޅުގައި ހަވާ އަރުވާނެއެވެ.

އަދި މާދަމާ ފްރީ ޑައިވް ވޯލްޑް ޗެމްޕިއަން ވިލިއަމް ޓްރޫބްރިޖް އާއެކު ފްރީ ޑައިވް ވޯލްޑް ރެކޯޑް ގާއިމްކުރުމަށް 500 ބައިވެރިންނާއެކު ބާއްވާ ހާއްސަ ޑައިވް ހަރަކާތެއް ބަރޮސް މޯލްޑިވްސްގެ ފަޅުތެރޭގައި އޮންނާނެއެވެ.

އަދި މާދަމާ ރ. އަނގޮޅިތީމުގައި ވިޒިޓާސް ސެންޓަރެއް އެޅުމަށް ބިންގާ އެޅުމަށް ހަމަޖެހިފައިވާއިރު އޯޕެން ޑޭ އެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

Leave a comment

Your email address will not be published.