Fri, 5 June, 2020, 12:37 pm
ވީއޭއެމް ގެ ނޯމަލައިޒޭޝަން ކޮމެޓީ ބަލައިނުގަންނަން: ޝަވީދު
2

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ނޯމަލައިޒޭޝަން ކޮމެޓީން ބައްވާ އިންތިޚާބެއް އަދި އެކޮމެޓިވެސް ބަލައިނުގަންނަކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ ރައީސް މުޙައްމަދު ޝަވީދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމް ސްޕޯޓްސްގަ ވާހަކަދައްކަމުން މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ ރައީސް މުޙައްމަދު ޝަވީދު ވިދާޅުވީ ވޮލީގެ މައިއިދާރާ އެފްއައިވީބީއިން ބަލައިނުގަންނަ ކޮމެޓީއެއް މޯލްޑިވްސް އޮލިމްޕިކް ކޮމެޓީއިންވެސް ބަލައިނުގަންނާނެކަމަށެވެ.

މޯލްޑިވްސް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ ނޯމަލައިޒޭޝަން ކޮމެޓީން ވަނީ މޯލްޑިވްސް ވޮލީބޯލް އެސޯސިއޭޝަންގެ ހިންގާ ޤަވާއިދަށް ބަދަލުތަކެއް ގެނެސް، މިމަހުގެ 24ވަނަ ދުވަހު ވީއޭއެމްގެ އިންތިޚާބެއް ބާއްވަން މަސައްކަތް ކުރަމުންނެވެ. ވީއެމްގެ މިހާރު އެކުލަވަލާފައިވާ ނޯމަލައިޒޭޝަން ކޮމެޓީއަކީ ސްޕޯޓްސް ކޮމިޝަނާރ ހީނާ އަޙްމަދު ސަލީމްގެ ބެލުމުގެ ދަށުން އެކުލަވާލާފައިވާ ކޮމެޓީއެކެވެ.

ޝަވީދު ވިދާޅުވީ މިއީ ސްޕޯޓްސް ކޮމިޝަނާރ ހީނާ ސަލީމްގެ ބޮޑު ފެއިލިއަރއެއްކަމަށާއި އެފްއައިވީބީއިން ނޯމަލައިޒޭޝަން ކޮމެޓީންބަލައި ނުގަންނަން ނިންމި ހިސާބުން ކޮމެޓީ އުވާލަން ޖެހޭކަމަށެވެ. އަދި ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަޙުލޫފަށްވެސް ވީއޭއެމްގެ ކަންތައްތައް ދަނީ ގޯސްކޮށްކަން ވަރަށް ރަގަނޅަށް ކިޔައިދީފައިވާނެކަމަށް ޝަވީދު ވިދާޅުވިއެވެ.

ޝަވީދު ވިދާޅުވީ ވީއޭއެމްގެ ކަންތައްތައް ހައްލުކުރުމަށް މިހާރު އެފްއައިވީބީއާ ވާހަކަދައްކަމުން އަންނަކަމަށާ، އެފްއައިވީބީއިން ބޭނުންވަނީ ސްޕޯޓްސް ކޮމިޝަންގެ ބެލުމުގެ ދަށުން މިހާރު އެކުލަވާލާފައިވާ ނޯމަލައިޒޭޝަން ކޮމެޓީ އުވާލުމަށްފަހު، ކުރީގެ ރައީސް މުޙައްމަދު ލަތީފަށް ވީއޭއެމް ހަވާލުކުރުމަށްކަމަށް ޝަވީދު ވިދާޅުވިއެވެ.

” އެފްއައިވީބީއިން ރާއްޖެ ސަސްޕެންޑްކޮށްފިނަމަ އޭގެ ގެއްލުންލިބޭނީ ހަމައެކަނި ވޮލީބޯލް އެސޯސިއޭޝަނަށް ނޫން. އޭގެ ސަބަބުން ވަރަށްބޮޑު ގެއްލުމެއް ވޮލީކުޅޭ ކުޅުންތެރިންނަށްވެސް ލިބިގެންދާނެ. މަދުބައެއްގެ ސަބަބުން ކުރެވޭ މިފަދަކަމަކުން ރާއްޖޭގެ ކުޅިވަރަށް އޭގެ ގެއްލުން ލިބިގެންދާނީ.” މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ ރައީސް މުހައްމަދު ޝަވީދު ވިދާޅުވިއެވެ.

ވީއޭއެމްގެ ނޯމަލައިޒޭޗަން ކޮމެޓީ ބަލައި ނުގަންނަކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ ރައީސް ޝަވީދު ކުރިން ވިދާޅުވެފައިވާއިރު ޝަވީދު ވަނީ ކުރިން އެމްއޯސީއިން ސްޕޯޓްސް ކޮމިޝަންއިން އެކުލަވާލާފައިވާ ނޯމަލައިޒޭޝަން ކޮމެޓީ ބަލައިގަންގަކަމަށް އަންގާފައިވަނީ އެވަގުތުގެ މަސްލަހަތަށް ބަލާފަކަމަށެވެ. އެއީ މިހާރުގެ ކުޅިވަރު މިނިސްޓަރ އަހުމަދު މަހުލޫފް ކުޅިވަރަށް ކޮށްދެމުން އަންނަ ކަންތަށްތަކަށް ބަލާފައި މިނިސްޓަރަށް ކޮށްދެއްވި ކަމެއްކަމަށެވެ.

Leave a comment

Your email address will not be published.