• Tue, 7 July, 2020, 11:07 pm

  ފިލިޕީންސް އަތުން ބަލިވެ، ކޮލިފައިވުމަށް ރާއްޖެއަށް ހުރަސްތަކެއް

  Share on twitter
  Tweet
  Share on facebook
  Share
  Share on twitter
  Tweet
  Share on facebook
  Share

  ފީފާ ވޯލްޑު ކަޕް ކޮލިފިކޭޝަނުގައި ފިލިޕީންސް އަތުން 2-1 އިން ބަލިވެ، އޭޝިއަން ކަޕަށް ކޮލިފައިވުމުގެ ފުރުސަތު ރާއްޖެއަށް ހަނިވެއްޖެއެވެ.

  ގަލޮޅު ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ގިނަ ވަގުތު މެޗު ކޮންޓްރޯލް ކޮށްގެން ކުޅެ ރަނގަޅު ފުރުސަތުތަކެއް ރާއްޖޭގެ ޓީމުން ހޯދިއެވެ. ނަމަވެސް މެޗުން ފިލިޕީންސް މޮޅުވުމުން އެގައުމު ވަނީ ހަތް ޕޮއިންޓް ހަމަކޮށް، ރާއްޖެއާ ދެމެދު އޮތް ފަރަގު ހަތަރު ޕޮއިންޓަށް ބޮޑުކޮށްފައެވެ.

  މިއަދުގެ މެޗުގެ ފުރަތަމަ އެގާރައިގައި ރާއްޖޭގައި މިވަގުތު ހުރި އެންމެ ތަޖުރިބާކާރު ފޯވާޑް، އަލީ އަޝްފާގު (ދަގަނޑޭ) އަދި ނާއިޒް ހަސަން (ދާދު) ހިމަނާފައެއްނުވެއެވެ. އޭގެ ބަދަލުގައި ފޯވާޑުންގެ ގޮތުގައި ފުރަތަމަ ކުޅެން ނުކުތީ އަސަދުﷲ އަބްދުﷲ އާއި އަލީ ފާސިރު (ސެންޓޭ)އެވެ.

  މެޗުގައި ރާއްޖޭގެ ފަރާތުން ފެނުނު ފުރަތަމަ ހަމަލާ ފެނުނީ ހަމްޒާ މުހައްމަދު (ހަމްޕު)ގެ ފަރާތުންނެވެ. އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ޖައްސާލި ބޯޅަ އޭރިއާ ރޮނގު މަތިން ކަހަލަ ގޮތަކަށް ހަމްޕު ފޮނުވާލުމުން ފިލިޕީންސްގެ ގޯލްކީޕަރު ނީލް އެތެރިޖް ވަނީ ކޯނަރަކަށް ބޭރުކޮށްލާފައެވެ.

  މެޗުގައި ފިލިޕީންސަށް ލީޑު ނަގަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ މެޗުގެ 32 ވަނަ މިނެޓުގައި ފިލިޕީންސް އިން ނެގި ކޯނަރެއް ރާއްޖޭގެ ޕެނަލްޓީ އޭރިއާ ތެރެއިން އަހްމަދު ނޫމާން (ހެލްމެޓް) އަތުގައި ޖެހުމުން ފިލިޕީންސަށް ލިބުނު ޕެނަލްޓީއެވެ.

  ނަމަވެސް ޕެޓްރިކް ރެއިޝެލްޓް ފޮނުވާލި ޕެނަލްޓީ ރާއްޖޭގެ ގޯލްކީޕަރު މުހައްމަދު ފައިސަލް ދިފާއުކުރިއެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

  ދެވަނަ ހާފު ފަށައިގެން ވެސް ރާއްޖޭގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 49 ވަނަ މިނެޓުގައި ރާއްޖެ އަށް ވަނީ މުޅި މެޗުގައި ވެސް ލިބުނު އެންމެ ހުސް ފުރުސަތު ލިބިފައެވެ.

  ކައުންޓާ އެޓޭކެއްގައި ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) ނުރައްކާކުރުމުގެ ކުރިން ފިލިޕީންސްގެ ކީޕަރު ނީލް ލިއޮނާޑް އެތެރިޖް ވަނީ އެ ބޯޅަށް ދިފާއުކޮށްފައެވެ.

  މެޗުގައި ފިލިޕީންސް އިން ލީޑު ނެގީ މެޗުގެ 56 ވަނަ މިނެޓުގައެވެ. މެދުތެރެއިން ހުސެއިން ނިހާން (ނިހާޓް) އަށް ސަލާމަތްނުކުރެވު ބޯޅައެއް ހޯދައި، ހުސްކޮށް ހުރެ ރާއްޖޭގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ހަމަލާއަކުން އެ ލަނޑު ކާމިޔާބުކުރީ އިއާން ރަމްސޭއެވެ.

  އެގޯލަށްފަހު ސެންޓޭ އަދި އަސައްކޮގެ ބަދަލުގައި ދާދު އަދި ދަގަނޑޭ ކުޅެން ނުކުތެވެ.

  ނަމަވެސް ފަސް މިނެޓު ފަހުން ރާއްޖޭގެ ޑިފެންޑަރުންނަށް ރަނގަޅަށް ބޯޅަ ދިފާއުނުކުރެވުމުގެ ފިލިޕީންސް އިން އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކުރިއެވެ. ފިލިޕީންސްގެ އިއާން ރަމްސޭ އާއި ޕެޓްރިކް ރީޝެލްޓް ފޮނުވާލި ދެ ހަމަލާއެއް ރާއްޖޭގެ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެ، ލިބުނު ރީބައުންސް ބޯޅައަކުން އެ ލަނޑު ޖެހީ ޖޯން ޕެޓްރިކް ސްޓްރޯސްއެވެ.

  މެޗުގައި ރާއްޖެއަށް ދެން ރަނގަޅު ހަމަލާއެއް އުފެއްދުނީ މެޗުގެ 76 ވަނަ މިނެޓުގައި، ދެވަނަ ހާފުގައި ކުޅެން ނުކުތް އިތުބާރު ފޯވާޑް ރިޒޭގެ ފަރާތުންނެވެ. ފޭދޫ އިއްބެ އަރިމަތިން އަރައި އޭރިއާ ތެރެއަށް ވަދެ ހުސްކޮށް ހުރި ރިޒޭ އަށް ޖައްސާލި ބޯޅަ އޭނާ ގޯލަށް ފޮނުވާލި ނަމަވެސް، ފިލިޕީންސްގެ ކީޕަރު އެތެރިޖް ވަނީ އެ ބޯޅަ މަތަކޮށްފައެވެ.

  އޭގެ ތިން މިނެޓް ފަހުން ދަގަނޑޭއަށް ވެސް ހަމަލާއެއް އުފެއްދިއެވެ. ފިލިޕީންސް ގޯލުގެ ވާތް ފަރާތުގައި ހަނި އޭންގަލުން ފޮނުވާލި އެ ބޯޅަ ދިޔައީ ދަނޑި މަތިންނެވެ.

  މެޗުގައި ރާއްޖޭގެ ފަރާތުން ފެނުނު ހަމައެކަނި ލަނޑު ކާމިޔާބުކުރީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައެވެ. ދަގަނޑޭ އޭރިއާ ތެރެއަށް އޮއްސާލި ރީތި ބޯޅައަކުން ރާއްޖެއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ދާދުއެވެ.

  ފިލިޕީންސް އަށް މިއަދު ލިބުނު މޮޅާއެކު ހަތް ޕޮއިންޓް ހަމަކޮށް ތިން ވަނައިގައި އޮތްއިރު، ގްރޫޕުގެ ދެ ވަނައިގައި އޮތް ޗައިނާ އަށް ވެސް ލިބިފައިވަނީ ފިލިޕީންސްއާ އެއްވަރަށް ހަތް ޕޮއިންޓެވެ. ފިލިޕީންސް އަށްވުރެ ޗައިނާ ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ.

  ނަމަވެސް ނުވަ ޕޮއިންޓާއެކު މިވަގުތު ގުރޫޕުގެ އެއްވަނައިގައި އޮތް ސީރިއާއާ ދެކޮޅށް ޗައިނާއިން މިރޭ ކުޅޭ މެޗުން މޮޅުވެއްޖެނަމަ، އެ ޓީމަށް އެއްވަނައަށް އެރޭނެއެވެ.

  ކޮލިފައިންގައި ދެން ރާއްޖެ ނުކުންނަން ޖެހޭނީ ގުއާމްއާ ދެކޮޅަށެވެ. އަންނަ އަންގާރަ ދުވަހު އެ މެޗު ވެސް ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައެވެ.

  ހިޔާލު ފާޅުކުރައްވާ

  Leave a Reply

  Your email address will not be published.

  This site uses Akismet to reduce spam. Learn how your comment data is processed.