މުޙައްމަދު އިބްރާހިމް
02 December 2019
މަޤްބޫލު ޙަބަރު

ރ. އަލިފުށީގައި ހަރަކާތްތެރިވާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އަލިފުށި އޯލް މެމްބާސް އިންޓަގްރޭޓެޑް އެމިޓީ އެސޯސިއޭޝަން (އާމިއާ) އިން އިންތިޒާމު ކޮށްގެން އަލިފުށީގެ ޒުވާނުންގެ މެދުގައި ބާއްވާ ބިދަބިން އާމިއާ ފުޓްސަލް ޗެލެންޖު 2019 ފަށައިފިއެވެ.

އަލިފުށީގެ ބަނދަރު ސަރަހައްދުގައި ރޭ ބޭއްވި ބިދަބިން އާމިއާ ފުޓްސަލް ޗެލެންޖު 2019 ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރ. އަތޮޅު ކައުންސިލުގެ ރައީސް އަލީ ޝާހިދެވެ.

މުބާރާތް ފެށުމުގެ ރަސްމިއްޔާތަށްފަހު ރޭ ވަނީ ހަތަރު މެޗެއް ކުޅެފައެވެ. އެއީ “ގުރޫޕު އޭ”ގެ ދެ މެޗާއި “ގުރޫޕު ބީ” ގެ ދެ މެޗެވެ. އެގޮތުން “ގުރޫޕް އޭ” ގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ އެލްޖީ އާއި ވެނީލާ ސްޕޯޓްސް ކުލަބެވެ. އެ މެޗު 5-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އެލްޖީއެވެ.

އެ މެޗުގައި އެލްޖީއަށް ލަނޑުތައް ކާމިޔާބު ކޮށްދިނީ އަބްދުލް ސަމީއު ހަސަނާއި މުހައްމަދު އަޒްލީފާއި އަބްދުﷲ ޒިޔާން އަދި އިސްމާއިލް ނަސީމެވެ. މެޗުގައި ސަމީއު ވަނީ އެލްޖީއަށް ދެ ލަނޑު ކާމިޔާބު ކޮށްދީފައެވެ. ވެނީލާ ސްޕޯޓްސް ކުލަބުން ކާމިޔާބުކުރި ދެ ލަނޑު ވެސް ޖަހައިދިނީ އިބްރާހިމް ސައިފެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އެލްޖީ އެފްސީގެ ޒިޔާނެވެ.

ރޭ ކުޅުނު ދެ ވަނަ މެޗުގައި ބައްދަލުކުރީ “ގުރޫޕު ބީ” ދެ ޓީމު ކަމަށްވާ އަފާން ސްޕޯޓްސް އާއި ފެޑެރޭއެވެ. އެ މެޗު ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ.

އެ މެޗުގައި ފެޑެރޭގެ ލަނޑުތައް ކާމިޔާބު ކޮށްދިނީ އިބްރާހިމް ސަލާމް އާއި އަލީ މާއިސް އެވެ. އަދި އަފާން އަށް ލަނޑުތައް ކާމިޔާބު ކޮށްދިނީ އިބްރާހިމް ޝާހިދާއި އާދަމް އިމްރާނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އަފާން ސްޕޯޓްސްގެ ގޯލްކީޕަރ އަހުމަދު ސޮބާހެވެ.

ރޭ ކުޅުނު “ގުރޫޕު އޭ” ގެ ދެވަނަ މެޗުގައި ބައްދަލުކުރީ އެފްސީ ކުޑަދޮންބެ އާއި އެފްސީ ލޯންޗު ހިޔަނިއެވެ. އެ މެޗު 4-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އެފްސީ ކުޑަ ދޮންބެއެވެ.

އެ މެޗުގައި އެފްސީ ކުޑަ ދޮންބެއަށް ލަނޑުތައް ކާމިޔާބު ކޮށްދިނީ އަބްދުﷲ ހަމީދާއި ނާއިލް އަބްދުﷲ އަދި މުހައްމަދު ލިޔާހެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ މެޗުގައި އެފްސީ ކުޑަ ދޮންބެއަށް ދެ ލަނޑު ކާމިޔާބު ކޮށްދިން އަބްދުﷲ ހަމީދެވެ.

ރޭ ކުޅުނު އެންމެ ފަހު މެޗުގައި “ގުރޫޕު ބީ” އިން ވާދަކުރީ ފޯރި އެފްސީ އާއި ބުލެކް ޕީސްއެވެ. އެ މެޗު ފަސޭހަކަމާއެކު ކާމިޔާބުކުރީ ފޯރި އެފްސީއެވެ. އެއީ 8-0 ގެ ނަތީޖާއަކުން ބުލެކް ޕީސް ބަލިކޮށްގެންނެވެ.

އެ މެޗުގައި މަމްދޫހް އަބްދުލް ގާދިރު ވަނީ ހަތަރު ލަނޑުޖަހައި، މުބާރާތުގެ ފުރަތަމަ ހެޓްރިކް ހަދައިފައެވެ. އެ ޓީމަށް އަނެއް ލަނޑުތައް ކާމިޔާބު ކޮށްދިނީ އަނޫފް އާދަމާއި އަހުމަދު ރަޝީދާއި އަހުމަދު ޝާފީ އަދި މުހައްމަދު މާހީއެވެ. މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ މަމްދޫހެވެ.

މިއަހަރުގެ މުބާރާތުގައި ޖުމްލަ 10 ޓީމުން ވާދަކުރާއިރު “ގުރޫޕް އޭ” ގައި ހިމެނޭ ޓީމުތަކަކީ އެލްޖީ އެފްސީ، ވެނީލާ ސްޕޯޓްސް، ބުލެކް ޕީސް، ފޯރި އެފްސީ އަދި ހައި ބޯ ރާހިއެވެ. “ގުރޫޕް ބީ” ގައި ވާދަކުރާ ފަސް ޓީމަކީ ފެޑެރޭ، އަފާން ސްޕޯޓްސް، އެފްސީ ކުޑަދޮންބެ، ލޯންޗު ހިޔަނި އަދި ވެލާ ސްޕޯޓްސް ކުލަބެވެ.

އެ މުބާރާތުގެ ގްރޫޕް ސްޓޭޖު މެޗުތަކަށްފަހު، ދެ ގްރޫޕުގެ އެއްވަނަ އަދި ދެވަނަ ހޯދާ ޓީމުތައް ސެމީ ފައިނަލަށް ނުކުންނާނެއެވެ. އަންނަ ހޮނިހިރު ދުވަހު ކުޅޭ ސެމީގެ މެޗުތައް ކާމިޔާބުކުރާ ދެ ޓީމު ފައިނަލް މެޗަށް ނުކުންނާނީ މިމަހުގެ ނުވަ ވަނަ ދުވަހުއެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، ރަނަރަޕް ޓީމަށް ފައިސާގެ އިނާމެއްގެ ގޮތުގައި ހުށަހަޅާފައިވަނީ 10،000 ރުފިޔާއެވެ. އޭގެ އިތުރުން މުބާރާތުގެ ފެއާ ޕުލޭ ޓީމާއި ފެއާ ޕުލޭ ކުޅުންތެރިޔާގެ އިތުރުން އެންމެ މޮޅު ފަސް ކުޅުންތެރިންނާއި ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާ ހޮވުމަށް ވެސް ހަމަޖެހިފައިވެއެވެ.

މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ރާއްޖޭގެ ޒުވާން ހުނަރުވެރި ބޮޑުބެރު ގުރޫޕް ބިދަބިން ބޮޑުބެރު ގުރޫޕެވެ. މުބާރާތުގެ މެއިން ސްޕޮންސަރަކީ ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑެވެ. ކޯ-ސްޕޮންސަރަކީ ހޭންޑީއެވެ. މުބާރާތުގެ އިވެންޓް ޕާޓްނަރަކީ ސައިޓް އެންޑް ސައުންޑެވެ. މީޑިއާ ޕާޓްނަރަކީ ޗެނަލް 13 އެވެ. އޮންލައިން މީޑިއާ ޕާޓްނަރަކީ ހަފްތާއެވެ. އަދި ފުޑް އެންޑް ބެވަރޭޖްސް ޕާޓްނަރަކީ ޕެޕިނޯ އެލް ކެފޭ އަދި ޓްރެވެލް ޕާޓްނަރަކީ ރަމްޒު ސްޕީޑެވެ.

އާމިއާ އިން ބުނީ، މި މުބާރާތް ކުރިއަށް ދަނީ ސިންގަލް ޔޫސް ޕްލާސްޓިކާ ދެކޮޅަށް ކަމަށެވެ. އެގޮތުން މުބާރާތް ތިމާވެއްޓާ ރަހުމަތްތެރި މުބާރާތަކަށް ހެދުމަށްޓަކައި ޓީމު ތަކާއި ސަޕޯޓަރުންގެެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް އާމިއާ އިން ބުނެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©