މުޙައްމަދު އިބްރާހިމް
03 December 2019
މަޤްބޫލު ޙަބަރު

އާޖެންޓީނާ އަދި ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ ހަވަނަ ފަހަރަށް ބެލޮންޑިއޯ އެވޯޑު ހޯދައިފިއެވެ.

ފްރާންސްގެ ޕެރިސްގައި ރޭ ބޭއްވި ރަސްމިއްޔާތުގައި މެސީ ބެލޮންޑިއޯ އެވޯޑު ހޯދިއިރު، މިއީ 2015 ވަނަ އަހަރަށްފަހު މެސީއަށް އެ އެވޯޑް ލިބުނު ފުރަތަމަ ފަހަރެވެ. އަދި ބެލޮންޑިއޯ ހަ ވަނަ ފަހަރަށް ހޯދުމާއެކު އޭނާ ވެގެން ގޮސްފައިވަނީ އެ އެވޯޑް އެންމެ ގިނަ ފަހަރު ހޯދި ކުޅުންތެރިއާއަށެވެ.

ރޭ ބޭއްވި ރަސްމިއްޔާތުގައި ދެވަނަ ހޯދީ ލިވަޕޫލްގެ ނެދަލެންޑްސް ޑިފެންޑަރު ވާޖިލް ވެން ޑައިކްއެވެ. އަދި ތިންވަނަ ހޯދީ ފަސް ބެލޮންޑިއޯ ހޯދާފައިވާ ޕޯޗުގަލް އަދި ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

މިދިޔަ އަހަރު ބެލޮންޑިއޯ އެވޯޑް ހޯދީ ރެއާލް މެޑްރިޑް އަދި ކްރޮއޭޝިއާ މިޑްފީލްޑަރު ލޫކާ މޮޑްރިޗެވެ.

މިދިޔަ ސީޒަނުގައި މެސީ ވަނީ ސްޕެއިންގެ ބާސެލޯނާއާއެކު ސްޕެނިޝް ލީގު ކާމިޔާބުކޮށްފައެވެ. އެއީ ބާސާއާއެކު އޭނާ ހޯދި 10 ވަނަ ލަލީގާއެވެ. އޭގެ އިތުރުން މިދިޔަ ސީޒަންގައި ލަލީގާ އަދި ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ލަނޑު ކާމިޔާބުކުރި މެސީ ވަނީ، ފީފާ އިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް މިއަހަރު ހޯދައިފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©