Wed, 29 January, 2020, 4:33 am
ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ކަމުން ސެގާޓް ވަކިކުރަން ނިންމައިފި

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމުން ޕީޓަ ސެގާޓް ވަކިކުރަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފިއެވެ.

އޭނާގެ އެއްބަސްވުން އުވާލަން ނިންމާފައިވާކަން ހާމަކުރީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރެއްވި ޓްވީޓެއްގައެވެ.

ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ހެޑްކޯޗާއެކު ކުރެވުނު މަޝްވަރާތަކަށް ފަހު، އޭނާއާ އެކު އެފްއޭއެމުން ހަދާފައިވާ ކޮންޓްރެކްޓް ވަގުތުން އުވާލުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެފްއޭއެމް އިން ވަނީ ސެގަޓު ޓީމަށް ހޯދައިދިން ކާމިޔާބީތަކަށާއި ކުރިއެރުންތަކަށް ޝުކުރު އަދާކޮށްފައެވެ.

މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމާ ހަވާލުވި އަފްގާނިސްތާނުގެ ކުރީގެ ކޯޗު ސެގާޓު ގައުމީ ޓީމުގެ ކޯޗު ކަމުން ވަކިކުރަން ނިންމާފައި މިވަނީ، ރަން މެޑެއްޔަކަށް އަމާޒުކޮށްގެން ސައުތު އޭޝިއަން ގޭމްސްއަށް ދިޔަ ގައުމީ ފުޓްބޯޅަ ޓީމު މޮޅެެއް ނުލިބި ނިންމާލުމާ ގުޅިގެންނެވެ.

އެގޮތުން، މިދިޔަ އަހަރުގެ ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމު މި ވަގުތު އޮތީ ފަސް ޓީމު ވާދަކުރާ މުބާރާތުގެ ތާވަލުގެ ފުލުގައެވެ.

އެގޮތުން ފުރަތަމަ މެޗުގައި ލަންކާ އަތުން 0-0ގެ ނަތީޖާއަކުން އެއްވަރު ކުރިއިރު، ރާއްޖެ އާއި ބަންގުލަދޭޝް ބައްދަލުކުރި މެޗު ވެސް ނިންމާލީ 1-1ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ. ނަމަވެސް ރާއްޖޭގެ ތިންވަނަ މެޗުގައި 2-1ގެ ނަތީޖާއަކުން ފުޓްބޯޅައިން ދެކުނު އޭޝިއާގެ އެންމެ ބަލި ޓީމުގެ ގޮތުގައި ލޭބަލްކުރެވިފައިވާ ބޫޓާން އަތުން ބަލިވިއިރު، މިއަދު ކުޅުނު މެޗުގައި ނޭޕާލް އަތުން ބަލިވީ ވެސް 2-1ގެ ނަތީޖާއަކުންނެވެ.

ސެގަޓަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީއަކީ މިދިޔަ އަހަރު ބަންގުލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމެވެ.

ޒުވާން ކުޅުންތެރިން ގޮވައިގެން ގޮސް ސެގާޓް އެ މުބާރާތުގެ ތަށި އުފުލާލީ، ގުރޫޕް ސްޓޭޖުގައި ލިބުނު ހަނި ފުރުސަތުން ސެމީއަށް ގޮސް ސެމީގައި ނޭޕާލް 3-0 އިން ބަލިކޮށް އަދި ފައިނަލުގައި އިންޑިއާ 2-1 އިން ބަލިކޮށްގެންނެވެ.

އެއީ ރާއްޖެއިން ކާމިޔާބުކުރި ދެވަނަ ސާފް ޗެމްޕިއަންޝިޕެވެ. ރާއްޖެއިން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕެއް ކާމިޔާބުކުރީ 2008 ގައެވެ.

Leave a comment

Your email address will not be published.