Fri, 28 February, 2020, 5:08 pm
މާޒިޔާގެ ފޯވަޑް ލައިން ވަރުގަދަ، ފޭދޫ އިއްބެ ހުއްޓުވަންޖެހޭ : ލެމޯސް

މާޒިޔާގެ ފޯވަޑް ލައިން ވަރުގަދަ ކަމަށް އެންމެ ފަހުން އެއްބަސްވެ އެ ޓީމު ބަލިކުރާނަމަ ފޯވަޑް އިބްރާހީމް މަހުދީ ހުސައިން ހުއްޓުވަންޖެހޭ ކަމަށް ބަނގްލަދޭޝްގެ ޑާކާ އަބަހާނީގެ ކޯޗު މާރިއޯ ލެމޯސް ބުނެފި އެވެ.

މި ދެ ޓީމު މިއަދު ގަލޮޅު ދަނޑުގައި އޭއެފްސީ ކަޕުގެ ޕްރިލިމިނަރީގެ ފަހު މެޗަށް ނުކުރުމުގެ ކުރިން ޕޯޗުގަލްގެ ކޯޗު މާޒިޔާގެ ފޯވަޑް ލައިން ވަރުގަދަކަމަށް އެއްބަސްވީ މީގެ ދެ ހަފުތާކުރިން މާޒިޔާ އަކީ އެޓޭކް ބަލި ޑިފެންސް ވަރުގަދަ ޓީމެއް ކަމަށް ބުނުމަށްފަހު އެވެ. ނަމަވެސް ޑާކާގައި މިދިޔަ ހަފުތާގައި ކުޅުނު މެޗު 2-2އިން އެއްވަރުވެ، މިއަދު ކުޅޭ މެޗަށް ނުކުންނައިރު އެޑްވާންޓޭޖް އޮތީ މާޒިޔާ އަށެވެ. މި މެޗު ދެ ލަނޑަށްވުރެ ކުޑަތަފާތަކުން އެއްވަރުވިޔަސް އަބަހާނީ ކަޓައި ޕްލޭއޯފް މެޗަށް ކޮލިފައިވާނީ މާޒިޔާ އެވެ.

ކޯޗު ލެމޯސް މާޒިޔާގެ ފޯވަޑް ލައިނުން އެންމެ ބޮޑަށް ފާހަގަކުރި ކުޅުންތެރިއަކީ އައްޑޫސިޓީގެ ފޭދޫ އަށް އުފަން ފޭދޫ އިއްބެ އެވެ. އޭނާ އަކީ ޑާކާގައި ކުޅުނު މެޗުގައި މާޒިޔާގެ ދެ ވަނަ ގޯލު ޖަހައިން ކުޅުންތެރިޔާ އެވެ. ފުރަތަމަ ލަނޑު ޖެހީ ބިދޭސީ ފޯވަޑް ކެނޯލިސް އެވެ. މި ދެ ކުޅުންތެރިންގެ އިތުރުން މާޒިޔާގެ ފޯވަޑް ލައިނުގައި ތިބީ އަސަދުﷲ އަބްދުﷲ އާއި ނާއިޒް ހަސަން (ދާދު) އެވެ. މިހުރިހާ ކުޅުންތެރިންނަކީ ވެސް ގައުމީ ޓީމުގެ ކުޅުންތެރިންނެވެ.

“މާޒިޔާގެ ފޯވަޑް ލައިން ހުއްޓުވަންޖެހޭ. މަހުދީ ކަހަލަ ކުޅުންތެރިން. އެމީހުން ޑްރިބްލްކުރަން ފުރުސަތުދީގެންނުވާނެ. އެމީހުން ހުއްޓުވަން އަހަރުމެން ވަރަށް ރަނގަޅަށް ޑިފެންސް ކުރަންޖެހޭނެ،” ކޯޗު ބުންޏެވެ.

އޭނާ އާއި މިޑްފީލްޑްރު މަމްނޫނުލް އިސްލާމް ބުނީ މާޒިޔާކޮޅަށް ގޯލުޖެހޭހާ މޮޅު ފޯވަޑުން އަބަހާނީ ޓީމުގައި ވެސް އެބަތިބި ކަމަށެވެ. ކޯޗު ބުނީ މެޗުގައި ގޯލު ޖަހަން ފުރުސަތު ލިބޭނެ ކަމަށާއި ނިންމާލުން ރަނގަޅު ކުރަންޖެހޭނެ ކަމަށެވެ. އަދި ނޮކްއައުޓް މިފަދަ މެޗުތަކުން މޮޅުވުމުގެ ތަޖުރިބާ ވެސް ޓީމުގައި އެބަހުރި ކަމަށެވެ.

“އަހަރުމެން ޓީމުގައި ގޯލުޖެހޭހާ މޮޅު ފޯވަޑުން އެބަތިބި. އަހަރުމެން މިދިޔަ ހަތަރު ދުވަހު މަސައްކަތް މިކުރީ ޑިފެންސް ރަނގަޅު ކުރަން. ކޯޗުވަނީ ކޮންމެ ކުޅުންތެރިއަކަށް އޮތް ރޯލު ވަރަށް ރަނގަޅަށް ބުނެދީފައި. މި މެޗުން މޮޅުވާން އަހަރުމެން ރަނގަޅަށް ޑިފެންސްކުރަންޖެހޭ. ޑާކާގައި ކުޅުނު މެޗުގައި އަހަރުމެންނަށް ރަނގަޅަށް ޑިފެންސް ނުކުރެވުނު،” މަމްނޫނު ބުންޏެވެ.

Leave a comment

Your email address will not be published.