Thu, 2 April, 2020, 2:01 am
އިންޓަ އޮފީސް ބިލިއާޑް މުބާރާތުގައި ފެނަކަ އާއި ރައީސް އޮފީސް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އެމްޕީބީއޭ
ޓީއެމްއޭ އާއި ފެނަކަ އިން ފުރަތަމަ މޮޅު ހޯދައިފި

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ އިންޓަ އޮފީސް ބިލިއާޑް މުބާރާތުގައި ޓްރާންސް މޯލްޑިވްސް އެއާވޭސް (ޓީއެމްއޭ) އާއި ފެނަކަ އިން ފުރަތަމަ މޮޅު ހޯދައިފިއެވެ.

އެމްޕީބީއޭ ކްލަބު ހައުސްގައި ކުރިއަށްގެންދާ އެ މުބާރާތުގައި މީގެ ކުރިން ޓީއެމްއޭ ކުޅުނު ތިން މެޗުން ވެސް ވަނީ ބަލިވެފައެވެ. އަދި މީގެ ކުރިން ފެނަކަ ކުޅުނު ދެ މެޗުން ވަނީ ބަލިވެފައެވެ.

ރޭ ކުޅުނު ޓީމް އިވެންޓުގެ މެޗުގައި ޓީއެމްއޭ ވަނީ ދިރާގު އަތުން ސީދާ ތިން ގޭމުން މޮޅުވެފައެވެ. އެ މެޗުގެ ފުރަތަމަ ގޭމު ޓީއެމްއޭ އިން ގެންދިޔައީ 3-4 ފްރޭމުންނެވެ. ދެވަނަ ގޭމު ސީދާ ހަތަރު ފްރޭމުން ޓީއެމްއޭ ގެންދިޔަ އިރު، ތިންވަނަ ގޭމު ޓީއެމްއޭ އިން ގެންދިޔައީ 3-4 ފްރޭމުންނެވެ.

ރައީސް އޮފީހާ ދެކޮޅަށް ކުޅުނު މެޗު ފެނަކަ އިން ވަނީ 1-2 ގޭމުން ކާމިޔާބުކޮށްފައެވެ. އެ މެޗުގެ ފުރަތަމަ ގޭމު 4-3 ފްރޭމުން ކާމިޔާބުކުރީ ރައީސް އޮފީހުންނެވެ. ދެވަނަ ގޭމު 3-4 ފްރޭމުން ފެނަކަ އިން ގެންދިޔަ އިރު، ތިންވަނަ ގޭމު ފެނަކަ އިން ގެންދިޔައީ 1-4 ފްރޭމުންނެވެ.

އެ މުބާރާތުގެ ޓީމް އިވެންޓުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލައިލާ އިރު، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވަނީ ސީދާ ތިން ގޭމުން ޕޮލިސް ކްލަބު ބަލިކޮށްފައެވެ. އަދި އެމްއެންޑީއެފުން ވަނީ 1-2 ގޭމުން ކަސްޓަމްސް ބަލިކޮށްފައެވެ.

މިއަހަރުގެ މުބާރާތުގައި ޖުމުލަ 13 ޓީމެއް ވާދަކުރެއެވެ. އެއީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، ޕޮލިސް ކްލަބު، އެމްއެންޑީއެފް، ސްޓެލްކޯ، އެމްޑަބްލިޔުއެސްސީ، ޓީއެމްއޭ، ފެނަކަ، އެމްޓީސީސީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)، ދިރާގު، ކަސްޓަމްސް ރެކްރިއޭޝަން ކްލަބު އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އެވެ.

އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ އެ މުބާރާތުގެ ޓީމް އިވެންޓު ދެ ގްރޫޕަކަށް ބަހާލައިގެން ޖުމްލަ 63 މެޗު ކުޅޭނެއެވެ. ފިރިހެން ޑިވިޝަނުގެ ސިންގަލްސް އިވެންޓުގައި 63 ކުޅުންތެރިން ވާދަކުރާ އިރު، ޖުމްލަ 44 މެޗެއް ކުޅޭނެއެވެ. އަދި އަންހެން ޑިވިޝަނުގެ ސިންގަލްސް އިވެންޓުގައި ވާދަކުރާނީ އަށް ކުޅުންތެރިންނެވެ. އެ އިވެންޓުގައި އަށް މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ.

Leave a comment

Your email address will not be published.