Tue, 7 April, 2020, 6:18 pm
އިންޓަ އޮފީސް ބިލިއާޑް މުބާރާތުގެ ސެމީގައި އެމްޕީއެލް އާއި އެމްއެންޑީއެފް ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ: އެމްޕީބީއޭ
އެމްއޭސީއެލް އާއި އެމްޕީއެލް ފައިނަލުން ޖާގަ ކަށަވަރުކޮށްފި

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ އިންޓަ އޮފީސް ބިލިއާޑް މުބާރާތުގެ ފައިނަލުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ޖާގަ ހޯދައިފިއެވެ.

އެމްއޭސީއެލް އާއި އެމްޕީއެލުން ފައިނަލުގެ ޖާގަތައް ހޯދީ އެމްޕީބީއޭ ކްލަބު ހައުސްގައި ރޭ ކުޅުނު ޓީމް އިވެންޓުގެ ސެމީ ފައިނަލުގެ މެޗުތައް ކާމިޔާބުކޮށްގެންނެވެ.

އެމްއޭސީއެލުން ފައިނަލުގެ ޖާގައެއް ހޯދީ ސެމީގެ ފުރަތަމަ މެޗުގައި ކަސްޓަމްސް ރެކްރިއޭޝަން ކްލަބު ބަލިކޮށްގެންނެވެ. އެ މެޗުން އެމްއޭސީއެލް މޮޅުވީ 2-1 ގޭމުންނެވެ. އެ މެޗުގެ ފުރަތަމަ ގޭމު 1-5 ފްރޭމުން ކަސްޓަމްސް އިން ގެންދިޔަ ނަމަވެސް، ދެވަނަ ގޭމު 5-3 ފްރޭމުން ގެންދިޔައީ އެމްއޭސީއެލްއެވެ. އަދި ތިންވަނަ ގޭމު އެމްއޭސީއެލުން ގެންދިޔައީ ސީދާ ފަސް ފްރޭމުންނެވެ.

އެމްޕީއެލުން ފައިނަލުގެ ޖާގައެއް ހޯދީ ސެމީގެ ދެވަނަ މެޗުގައި އެމްއެންޑީއެފް ބަލިކޮށްގެންނެވެ. އެ މެޗުން އެމްޕީއެލް މޮޅުވީ 1-2 ގޭމުންނެވެ. އެ މެޗުގެ ފުރަތަމަ ގޭމު 4-5 ފްރޭމުން އެމްޕީއެލް ގެންދިޔަ އިރު، ދެވަނަ ގޭމު 5-3 ފްރޭމުން ގެންދިޔައީ އެމްއެންޑީއެފްއެވެ. އަދި ތިންވަނަ ގޭމު އެމްޕީއެލުން ގެންދިޔައީ 3-5 ފްރޭމުންނެވެ.

އެ މުބާރާތުގެ ޓީމް އިވެންޓުގެ ފައިނަލުގައި އެމްއޭސީއެލް އާއި އެމްޕީއެލް ބައްދަލުކުރާނީ މިރޭ 8:30 ގައެވެ.

އެ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ސިންގަލްސް އިވެންޓުގެ ފައިނަލުން އެމްއޭސީއެލްގެ އިސްމާއިލް ސުވައިދާއި އެމްޕީއެލްގެ މުހައްމަދު ދުންޔާޒް ޖާގަ ހޯދި އިރު، އަންހެން ޑިވިޝަނުގެ ފައިނަލުން ކަސްޓަމްސްގެ އާމިނަތު ހަލީމް (ދިލް) އާއި އެމްއެންޑީއެފްގެ އާއިޝަތު ޒީނާ ވަނީ ޖާގަ ހޯދައިފައެވެ.

ފިރިހެން ޑިވިޝަނުގެ ފައިނަލުން ސުވައިދު ޖާގަ ހޯދީ ސެމީގައި 2-5 ފްރޭމުން އެމްއެންޑީއެފްގެ ފަތުހުﷲ ޖަމީލް ބަލިކޮށްގެންނެވެ. އަދި ފައިނަލުން ދުންޔާޒް ޖާގަ ހޯދީ ސެމީގައި ސީދާ ފަސް ފްރޭމުން ކަސްޓަމްސްގެ ޔޫސުފް ޒުބައިރު ބަލިކޮށްގެންނެވެ.

އަންހެން ޑިވިޝަނުގެ ފައިނަލުން ދިލް ޖާގަ ހޯދީ ސެމީގައި ސީދާ ފަސް ފްރޭމުން އެމްޑަބްލިޔުއެސްސީގެ ރައުފާ މުހައްމަދު ބަލިކޮށްގެންނެވެ. އަދި ފައިނަލުން ޒީނާ ޖާގަ ހޯދީ ސެމީގައި 2-5 ފްރޭމުން ދިރާގުގެ އާމިނަތު ލީނާ ބަލިކޮށްގެންނެވެ.

ފިރިހެން ޑިވިޝަންގެ ސިންގަލްސް ފައިނަލުގައި ސުވައިދާއި ދުންޔާޒް ބައްދަލުކުރާ މެޗާއި އަންހެން ޑިވިޝަންގެ ސިންގަލްސް ފައިނަލުގައި ދިލް އާއި ޒީނާ ބައްދަލުކުރާ މެޗު ވެސް ކުޅުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:00 ގައެވެ.

މިއަހަރުގެ މުބާރާތުގައި ޖުމުލަ 13 ޓީމެއް ވާދަކުރެއެވެ. އެއީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، ޕޮލިސް ކްލަބު، އެމްއެންޑީއެފް، ސްޓެލްކޯ، އެމްޑަބްލިޔުއެސްސީ، ޓީއެމްއޭ، ފެނަކަ، އެމްޓީސީސީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)، ދިރާގު، ކަސްޓަމްސް ރެކްރިއޭޝަން ކްލަބު އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އެވެ.

މިއަދުގެ ނިޔަލަށް ކުރިއަށްގެންދާ އެ މުބާރާތުގެ ޓީމް އިވެންޓު ދެ ގްރޫޕަކަށް ބަހާލައިގެން ޖުމްލަ 63 މެޗު ކުޅޭނެއެވެ. ފިރިހެން ޑިވިޝަނުގެ ސިންގަލްސް އިވެންޓުގައި 63 ކުޅުންތެރިން ވާދަކުރާ އިރު، ޖުމްލަ 44 މެޗެއް ކުޅޭނެއެވެ. އަދި އަންހެން ޑިވިޝަނުގެ ސިންގަލްސް އިވެންޓުގައި ވާދަކުރާނީ އަށް ކުޅުންތެރިންނެވެ. އެ އިވެންޓުގައި އަށް މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ.

Leave a comment

Your email address will not be published.