މެކްސިކޯގެ މަޝްހޫރު ޑުރަގް ލޯޑު މިގުއެލް އެންޖެލް ފެލިކްސް ގަޔާޑޯ އުމުރުން 80 އަހަރުގައި މަރުވެއްޖެ އެވެ.
ކޮލަމްބިއާގެ މަޝްހޫރު ޑްރަގް ލޯޑް ޕަބްލޯ އެސްކޮބާ ފިޔަވައި, ޑުރަގުގެ ވިޔަފާރީގެ ތާރީހުގައި އެންމެ ފާހަގަކޮށްލެވޭ ފެލިކްސް ގަޔާޑޯއަކީ، 1980 ގެ އަހަރުތަކުގައި ކޮކެއިންގެ ވިޔަފާރި އެންމެ ފުޅާވެގެންދިޔަ ދުވަސްވަރު މެކްސިކޯގައި ޑުރަގުގެ ވިޔަފާރި ކޮންޓްރޯލް ކުރަމުންދިޔަ ބާރުގަދަ ގުއަޑަލަހާރާ ކާޓެލްގެ ވެރިޔާ އެވެ.
ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ފެލިކްސް ގަޔާޑޯއަކީ ތާރީހުގައި ވެސް އެންމެ ބޮޑެތި އަދަދުތަކުން ޑްރަގް ވިއްކާ, ވިޔަފާރިކުރި މީހާ އެވެ. އެގޮތުން އޭނާ މަޝްހޫރު ވެފައިވަނީވެސް 'ދަ ގޮޑްފާދާ" ނުވަތަ 'ބޮސް އޮފް ބޮސަސް"ގެ ނަމުންނެވެ.
އޭނާ އިތުރަށް ފާހަގަވެފައިވަނީ ކޮލަމްބިއާގެ ކުށްކުރާ ގްރޫޕްތަކާއި އަމިއްލަ ކާޓެލްއާ ދެމެދު އިއްތިހާދެއް އުފެއްދި މީހާގެ ގޮތުގައެވެ.
އެގޮތުން ކޮލަމްބިއާގެ ކާޓެލްތަކާ، ހާއްސަކޮށް އެސްކޮބާގެ މެޑެލިން ކާޓެލްއާ ގުޅިގެން، އެންޑީސް ފަރުބަދަމަތީގެ ސަރަހައްދުގައި އުފައްދާ ޑުރަގް މެކްސިކޯގެ ބޯޑަރު ހުރަސްކޮށް އެމެރިކާއަށް އެތެރެކުރުމުގެ މަސައްކަތް ކުރި އެވެ.
އެގޮތުން އެ ދުވަސްވަރު އެމެރިކާއަށް އެތެރެކުރި ކޮކެއިންގެ ގާތްގަނޑަކަށް 80 ޕަސެންޓަކީ ފެލިކްސް ގަޔާޑޯ އާއި އޭނާގެ ކާޓެލްގެ ބޮޑު ދައުރެއް އޮވެގެން, މެޑެލިން ކާޓެލްއިން އެތެރެކުރި ތަކެއްޗެވެ.
ގުއަޑަލަހާރާ ކާޓެލްގެ ބާރު އޮތް ދުވަސްވަރު, ފެލިކްސް ގަޔާޑޯގެ ނުފޫޒު މެކްސިކޯގެ ސިޔާސީ ދާއިރާއަށާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ އިތުރުން ފުލުހުންގެ ނެޓްވޯކްތަކާއި ސްޓޭޓްތަކުގެ ގަވަރުނަރުންގެ މައްޗަށް ވެސް އޮތެވެ.
އެމެރިކާގެ ޑީއީއޭގެ އެޖެންޓެއް މަރާލުން
1985 ވަނަ އަހަރު، އެމެރިކާގެ ޑްރަގް އެންފޯސްމަންޓް އެޑްމިނިސްޓްރޭޝަން (ޑީއީއޭ)ގެ އެޖެންޓެއް ކަމަށްވާ އެންރީކޭ 'ކީކީ' ކަމަރޭނާއަށް އަނިޔާކޮށް މަރާލި އެވެ. އޭނާ މަރާލީ ޗިހުއާހުއާ ސަރަހައްދުގައި ފެލިކްސް ގަޔާޑޯގެ ކާޓެލްއަށް ނިސްބަތްވާ ބޮޑު މަރުވާނާ ދަނޑެއް ހޯދައި، އެތަން ހަލާކުކޮށްލުމާ ގުޅިގެންނެވެ.
އޭނާގެ މަރާއެކު، އުތުރު އެމެރިކާގެ ތާރީހުގައި ވެސް ކުށްވެރިން ހޯދުމަށް ހިންގި އެންމެ ބޮޑު އޮޕަރޭޝަން ފެށި އެވެ. އެގޮތުން 1989 ވަނަ އަހަރު ފެލިކްސް ގަޔާޑޯ ހައްޔަރުކޮށް، ޖަލަށްލި އެވެ. ނަމަވެސް ސިއްހީ ހާލަތު ދަށްވުމުގެ ސަބަބުން، 2022 ވަނަ އަހަރުން ފެށިގެން އޭނާ ހުރީ ގޭބަންދުގައެވެ. އޭނާ މަރުވީ އޭނާގެ އުފަން ރަށް ކަމަށްވާ ގުއަޑަލަހާރާގެ ހޮސްޕިޓަލެއްގައެވެ.











ކޮމެންޓް