ޖުލައި 4, 2024

ރައީސް މުއިއްޒަކީ މާތް ﷲ ދިވެހި އުއްމަތަށް ދަރުމަ ކުރެއްވި މަތިވެރި ނިއުމަތެއް: ޝަހީމް

ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ޒަމާއަތުގައި މި ވަގުތު ހުންނެވުމަކީ މާތް ﷲ ދިވެހި އުއްމަތަށާއި ދިވެހި ގައުމަށް ދަރުމަ ކުރެއްވި ވަރަށް މަތިވެރި ނިއުމަތެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިފުތިތާހު ކުރުމަށް މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިއަދު ބޭއްވި ހަފުލާގައި ވާހަކަދައްކަވަމުން ޝަހީމު ވިދާޅުވީ، މިއަދަކީ އިސްލާމީ ތާރީހުގައި އަދި އިސްލާމިކް މިނިސްޓްރީގެ ތާރީހުގައި ވަރަށް އުފާވެރި ދުވަހެއް ކަމަށާއި މިއަދަކީ އިސްލާމް ދީނުގެ ރުކުންތަކުގެ ތެރެއިން ތިންވަނަ ރުކުން މަތިވެރިކޮށް ނެގެހެއްޓުމުގެ މުހިންމު ފިޔަވަޅެއް އެޅޭ ދުވަހެއް ކަމަށެވެ.

އެހެންކަމުން ޒަކާތުގެ ކަންކަން މަތިވެރިކޮށް ޒަކާތުގެ ހައްގުވެރިންނަށް، ހައްގު ގޮތުގައި ޒަކާތުގެ ނަފާ ލިބިދެވޭނެ މަގު ހަމަޖެއްސުމަށްޓަކައި ރާއްޖޭގެ ޒަކާތު ހައުސް އުފެއްދެވިކަމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޝުކުރާއި ތައުރީފު އަދާކުރައްވާ ކަމަށް ވިދާޅުވި އެވެ.

”ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާކުރެއްވި ބޭފުޅުންގެ ތެރެއިން އެ ބޭފުޅެއްގެ ރިޔާސީ މެނިފެސްޓޯގައި ޒަކާތުގެ ވާހަކަ ލިޔުއްވައި އެކަން ހަގީގަތަކަށް ހެއްދެވި ހަމައެކަނި ރައީސަކީ، ރައީސް ޑރ. މުހައްމަދު މުއިއްޒު،“ ޝަހީމު ވިދާޅުވި އެވެ.

ޝަހީމު ވިދާޅުވީ، ރައީސް މުއިއްޒުގެ ވެރިކަމުގެ ވަރަށް ކުރީކޮޅު ޒަކާތަށް ދެއްވި މަތިވެރިކަން ވެގެންދާނީ އެ މަނިކުފާނުގެ ވެރިކަމަށް މާތް ﷲ ނަސްރާއި ނަސީބާއި ކާމިޔާބު މިންވަރު ކުރައްވާނެ ސަބަބެއް ކަމަށެވެ. އަދި ރައީސް މުއިއްޒުގެ ފަހަތްޕުޅުގައި ދިވެހި ރައްޔިތުން ތިބެންޖެހޭ ކަމަށް ވިދާޅުވި އެވެ.

”ރާއްޖޭގެ މިވަގުތު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި މި ހުންނެވި އަޅުގަނޑުމެންގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ވަގުތަކީ ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު އިތުރަށް ވަރުގަދަ ކުރަންޖެހިފައި އޮތް ވަގުތެއް. ރާއްޖޭގެ ގައުމީ ބަހާތައް އިތުރަށް ވަރުގަދަ ކުރަންޖެހިފައި އޮތް ވަގުތެއް. ރާއްޖޭގެ ގައުމީ ފޭރާން އަލުން ވިޔަން ޖެހިފައި އޮތް ވަގުތެއް. މިއީ ﷲ އައްޒަ ވަޖަލް ދިވެހި އުއްމަތަށް، ދިވެހި ގައުމަށް ދަރުމަ ކުރެއްވި ވަރަށް މަތިވެރި ނިއުމަތެއް. މި ވަގުތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ޒައާމަތުގައި ހުންނެވުމަކީ. މި ހާލަތަކީ މިއީ ތާރީހީ ފަތްފުށްތަކަށް ނަޒަރު ހިންގާލާއިރުގައި ކޮންމެ އުންމަތަކަށްވެސް 100 ފަހަރުން އެއްފަހަރު އަންނަ ފުރުސަތެއް. ގައުމީ ފޭރަމާއި ޝަހުސިއްޔަތު އަލުން އިޔާދަ ކުރުމުގެ ފުރުސަތެއް،“ ޝަހީމު ވިދާޅުވި އެވެ.