ވެރިކަން ކުރާ ކޮންގްރެސް ޕާޓީގެ ފަރާތުން ހުސްވެފައިވާ މާލޭގެ މޭޔަރު ކަމުގެ ގޮޑިއަށް ވާދަކުރައްވާ ކުރީގެ ބަންޑާރަ ނައިބް، އައިޝަތު އާޒިމާ ޝަކޫރު، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް ބޮޑު ދަރަންޏެއް ދައްކަން ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މި މައްސަލައަކީ ޕްލެޓިނަމް ރެސިޑެންސުގެ ފްލެޓެއް ގަތުމަށް އެމްއައިބީ އިން އާޒިމާ ނަންގަވާފައިވާ ތިން މިލިއަން ރުފިޔާގެ ލޯނެއް، އެއްބަސްވެފައިވާ ގޮތަށް އަދާކުރަމުންނުދާ ކަމަށް ބުނެ، އެ ލޯނުގެ ފައިސާއާއި މަހުންމަހަށް އަރަމުންދާ މަންތްލީ ރެންޓަލް ފައިސާއާއި ޗެރިޓީގެ ގޮތުގައި އަރަމުންދާ ފައިސާ އެކީ އެއްފަހަރާ އާޒިމާގެ އަތުން ހޯދުމަށާއި އެ ފައިސާ އެކުގައި އެއްފަހަރާ ނުދެއްކޭ ނަމަ އެ ލޯނާ ގުޅިގެން ރަހުނުކޮށްފައިވާ ފްލެޓް ވިއްކާލުމުގެ ހުއްދަ ދިނުމަށް އެދި އެމްއައިބީ އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ މައްސަލައެކެވެ.
ނަމަވެސް އެ މައްސަލާގައި އެމްއައިބީ އިން ފަހުން ވަނީ އާޒިމާގެ އަތުން ހޯދަން އެދޭ ފައިސާ ކޮންމެ މަހަކުވެސް އެ މަހަކަށްޖެހޭ އަދަދަށްވުރެ މަދު ނޫން ފައިސާއެއް ދައްކަމުން ގޮސް، ހަ މަސް ދުވަހުގެ ތެރޭގައި ދައްކައި ހަލާސްކުރުމަށް އެދިފަ އެވެ.
ސިވިލް ކޯޓުގެ ގާޒީ ޒުލައިހާ ޝީޒާ މިއަދު ކުރެއްވި ހުކުމުގައި ބުނެފައި ވަނީ ޕްލެޓިނަމް ރެސިޑެންސުގެ ފްލެޓެއް ގަތުމަށް އެމްއައިބީ އިން އާޒިމާ ނަންގަވާފައިވާ ލޯނަކަށް ގަވައިދުން ފައިސާ ދައްކަވަމުން ނުދާކަން އެނގޭ ކަމަށާއި އެކަމުގެ ސަބަބުން މިއަދުގެ ނިޔަލަށް އެ ލޯނަށް އާޒިމާ ދައްކަވަންޖެހެ އަދަދު ހަތަރު މިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށެވެ.
އެހެންވެ، އެ ފައިސާ ކުރިއަށް އޮތް 6 މަސް ތެރޭ މަހުން މަހަށް ދައްކައި ނިންމުމަށް އާޒިމާގެ މައްޗަށް ވަނީ ހުކުމްކޮށްފަ އެވެ. އަދި އެ ފައިސާ ދައްކާ ނިމެންދެން އެއްބަސްވުމާ އެއްގޮތަށް އާޒިމާ ބައްލަވައި ގެންނެވި ފްލެޓް އިސްލާމިކް ބޭންކުގައި ރަހުނެއްގެ ގޮތުގައި ދެމި އޮންނާނީ ކަމަށް ވެސް ކަނޑައަޅާފައިވެ އެވެ.
އެ ހުކުމް އާޒިމާގެ މައްޗަށް މިއަދު އިއްވާފައި ވަނީ އޭނާގެ ގައިރު ހާޒިރުގަ އެވެ.


ގުޅުންހުރި
ސަރުކާރުން، ދަރުމަވަންތަ ހޮސްޕިޓަލްގެ މަޝްރޫއަށް ޓެކްސް ދެއްކުން މަޑުޖައްސާލަން އަމުރުކޮށްފި
އެއް މަސް ތެރެއިގައި ޖޫރިމަނާގެ ފައިސާ ދައުލަތަށް ދެއްކުމަށް އަދީބުގެ މައްޗަށް
މާލޭގައި އޮތް ފަޒީލްގެ ބިމުގެ އެއްބައި މިހާރުވަނީ އަނބިމީހާއަށް ހިބަކޮށްދީފައި!
އަލްހާންގެ ސްކީމުގައި ބައިވެރިވި މީހަކަށް 695،000 ރުފިޔާ ދޭން ހުކުމްކޮށްފި
ޕީއެންސީގެ މެންބަރު އިއްބެގެ ކުންފުނިން ޕެންޝަނަށްވާ ބައި ލައްކަ ރުފިޔާ ނުދައްކާތީ
ޔާމީން ކޯޓަށް ހުށަހެޅި ”އިންޑިއާ އައުޓް“ ގަރާރުގެ މައްސަލަ ބާތިލުކޮށްފި