ޖުލައި 4, 2024

މަގޫދޫ އެއާޕޯޓް ނިމެނިކޮށް، 15 ވަރަކަށް މިނެޓް ދުރުގައި އޮންނަ ނިލަންދޫގައި އެއާޕޯޓެއް އަޅަނީ

ފ. މަގޫދޫގައި މިދިޔަ ސަރުކާރުން އަޅަން ފެށި އެއާޕޯޓުގެ މަސައްކަތް ނިމެނިކޮށް، އެ ރަށާ އެންމެ އަށް ވަރަކަށް ކިލޯމީޓަރު ދުރުގައި އޮންނަ، ފ. ނިލަންދޫގައި ވެސް އެއާޕޯޓު އަޅަން ނިންމައި، އެކަމަށް ބޭނުންވާ ސާވޭތަކާއި އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ހެދުމުގެ މަސައްކަތް ކުރުމަށް ސޮއިކޮށްފި އެވެ.

ދިވެހިރާއްޖޭގެ އަޑުގެ ސެނަކޯ މާލަމުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ނިލަންދޫ އެއާޕޯޓުގެ މަސައްކަތަށް ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފެށުމަށްޓަކައި ހަދަންޖެހޭ އީއައިއޭ އާއި ސާވޭތައް ހެދުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެމްޓީސީސީ އާ އެވެ.

އެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ވާހަކަދައްކަވަމުން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ، ނިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމަކީ މި އަހަރަށް ފާސްކުރި ބަޖެޓުގައި ހިމަނާފައިވާ ކަމެއް ކަމަށެވެ.

ނަމަވެސް އެ މަޝްރޫއުގެ އަމަލީ މަސައްކަތަށް ދާނެ އަގެއް ކަނޑައެޅޭނީ އީއައިއޭ އާއި ސާވޭތައް ނިންމުމުން ކަމަށާއި މި އަހަރުގެ ތެރޭގައި ނިލަންދޫގެ ބިން ހިއްކައި، ޝޯ ޕްރޮޓެކްޝަންގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ވިދާޅުވި އެވެ.

ނިލަންދޫ ކައިރީގައި އޮންނަ މަގޫދޫގައި އެއާޕޯޓެއް އަޅަމުންދާއިރު، ނިލަންދޫގައި އެއާޕޯޓެއް އަޅަން ނިންމި ސަބަބާ ގުޅޭ ގޮތުން ނޫސްވެރިއަކު ސުވާލު ކުރުމުން މުއްތަލިބް ވިދާޅުވީ އެއާޕޯޓްތައް އަޅާނެ ރަށްތައް ކަނޑައަޅަނީ އޭނާގެ މިނިސްޓްރީން ނޫން ކަމަށާއި އެކަން ކުރަނީ ރަށު ކައުންސިލްތަކާ ގުޅިގެން އިކޮނޮމިކް ކައުންސިލުން ކަމަށެވެ.

”މަގޫދޫއާ ގާތްގަނޑަކަށް 15 ވަރަކަށް މިނެޓް ދުރުގައި އެއާޕޯޓެއް އެޅިގެން އެބަދޭ. އެއާޕޯޓުގެ މަސައްކަތް ވަރަށް ފުދޭވަރަކަށް ބޮޑަށް ކުރިއަށްވެސް ގޮސްފައި އޮތީ. ނަމަވެސް މި އަހަރުގެ ބަޖެޓުގައި ހިމެނިފައި އޮތް މަޝްރޫއެއް މިއީ. އަދި ކުރީގެ ސަރުކާރުތަކުގައިވެސް އެކި ގޮތް ގޮތަށް ޕްލޭން ކޮށްފައި އޮތް މަޝްރޫއެއް މަޝްރޫއުއަކީ،“ މުއްތަލިބް ވިދާޅުވި އެވެ.

މުއްތަލިބް އެހެން ވިދާޅުވި ނަމަވެސް، ނިލަންދޫގައި އެއާޕޯޓެއް އަޅަން ނިންމައި، އެކަން ބަޖެޓުގައި ހިމެނީ މި ސަރުކާރުން އެދިގެންނެވެ. ބަޖެޓް ފޮތުގައި ބުނެފައިވާ ގޮތުން ނިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމަށް މި އަހަރު 20 މިލިއަން ރުފިޔާ ޖަހާފައި އެބަ އޮތެވެ.