ތެލަސީމިއާ އެލަވަންސްގެ ގޮތުގައި މިދިޔަ އޮގަސްޓް މަހު މިލިއަނަކަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ބުނެފި އެވެ.
އެންސްޕާ އިން މިއަދު އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު އަލަށް ހަތަރު ކުއްޖަކު ތެލަސީމިއާ އެލަވަންސަށް ރަޖިސްޓްރީ ކުރި އެވެ. އެއާއެކު އެ އެލަވަންސް ލިބޭ ކުދިންގެ އަދަދު ވަނީ 535 އަށް އަރައިފަ އެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ތެލަސީމިއާ އެލަވަންސްގެ ގޮތުގައި 1,070,000ރ ދޫކޮށްފައިވެ އެވެ.
ތެލަސީމިއާ ކުދިންނަށް އެލަވަންސެއް ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އެ ވައުދުފުޅާ އެއްގޮތަށް އެ އެލަވަންސް ދޭން ފެށީ 1 ޖަނަވަރީ 2026 އިން ފެށިގެންނެވެ. އަދި އެ އެލަވަންސަށް މި އަހަރުގެ ބަޖެޓުގައި 11.7 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.


