ހުޅަނގު އައްސޭރީގެ ދެކުނުގައި އޮންނަ ހެބްރޮން ސިޓީ ކައިރީގައި ހުރި އަސްކަރީ ޗެކްޕޮއިންޓަކަށް ފަލަސްތީނުގެ ދެ މުޖާހިދަކު ބަޑި ޖަހައި, އިޒްރޭލު ސިފައިންގެ ދެ މީހަކު މަރާލައިފި އެވެ.
އެ ހަމަލާގައި މަރާލާފައިވަނީ ހުޅަނގު އައްސޭރިން ނުކުންނަ ފަލަސްތީނުގެ ކާރުތައް ޗެކްކުރަން ޖެހި ޗެކްޕޮއިންޓެއްގައި ހަރަކާތްތެރިވި އަޝްކެލޮން އަށް ނިސްބަތްވާ ސްޓާފް ސާޖަންޓް ރޮން ޔޮނަތާން ރޮއިޓްމަން ނަމަކަށް ކިޔާ 23 އަހަރުގެ މީހަކާއި ހޮޑް ހަޝަރޮން އަށް ނިސްބަތްވާ ސާޖަންޓް ޔުވާލް ޝާއީ ސްވިލެމް ނަމަކަށް ކިޔާ 20 އަހަރުގެ މީހެކެވެ. މީގެ ތެރެއިން ރޮއިޓްމަންއަކީ އޭނާ ނިސްބަތްވާ ސްކޮޑްގެ ކޮމާންޑަރެކެވެ.
މި ހަމަލާގައި އެ މީހުން މަރާލި ދެ މުޖާހިދުން ވަނީ ޝަހީދުވެފަ އެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ކުރިއަށްގެންދިޔަ އިބްތިދާއީ ތަހުގީގަށްފަހު ބުނެފައިވަނީ، ފަލަސްތީނުގެ މުޖާހިދުން ރާވާފައިވަނީ ރޫޓް 35 ގައި އިޒްރޭލުގެ އާންމުންނަށް އަމާޒުކޮށް މިއަށްވުރެ ބޮޑު ހަމަލާއެއް ދިނުމަށް ކަމަށެވެ. ނަމަވެސް، އެ ހައިވޭއާ ހަމައަށް ވާސިލުނުވެވޭނެކަން އެނގުމުން، އޭގެ ބަދަލުގައި އެތަނުގައި ހުރި ވަގުތީ ޗެކްޕޮއިންޓަށް ހަމަލާ ދިނީ ކަމަށްވެސް ބުންޏެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ ފަލަސްތީނުގެ މުޖާހިދުން ހަރަކާތްތެރިވީ އަމިއްލައަށް ކަމެއް ނުވަތަ ބޮޑު ނެޓްވޯކަކާ ގުޅިގެން ކަމެއް އަދި ސާފު ނުވާ ކަމަށެވެ. ހެބްރޮންގައި ވަރުގަދަ ނުފޫޒެއް އޮންނަ ހަމާސް ޖަމާއަތުން އެ ހަމަލާދިން މުޖާހިދުންނަކީ ބަތަލުން ކަމަށް ބުނި ނަމަވެސް އެ ހަމަލާގެ ޒިންމާ ރަސްމީކޮށް އުފުލާފައެއް ނުވެ އެވެ.
މި ހަމަލާއަށްފަހު، އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ ހެބްރޮން ސަރަހައްދުގައި ރެއިޑްތަކެއް ފަށައިފަ އެވެ. ހަމަލާދިން ދެ މުޖާހިދުންގެ ގެތައް ތަޅާލުމުގެ މަސައްކަތް ފަށާފައިވާއިރު, އިޒްރޭލުގެ އަސްކަރިއްޔާއިން ބުނި ގޮތުގައި ހެބްރޮން އަދި އެ ސަރަހައްދުގެ ފަލަސްތީނުގެ އެހެން އަވަށްތަކާއި ރަށްތައް މިހާރު ވަނީ ބަންދުކޮށްފަ އެވެ.
7 އޮކްޓޫބަރު 2023 ގައި ހަމާސް އިން ދިން ހަމަލާއަށްފަހު، ހުޅަނގު އައްސޭރީގެ އެކި ކަންކޮޅުތަކުގައި ޓެރަރިސްޓް ޖަމާއަތްތަކުން ހަރަކާތްތެރިވާ ކަމަށް ބުނާ އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ ރެފިއުޖީ ކޭމްޕުތަކުން އެތައް ހާސް ރައްޔިތުންނެއް ނެރެ ހުސްކޮށް، އެ މީހުން މަގުމަތިކޮށްފަ އެވެ.


