މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 2023ގެ ނިޔަލަށް 461 މިލިއަން ރުފިޔާ ނުލިބިފައިވާ ކަމަށް އެ އިދާރާގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން މިއަދު އާންމުކުރި ކަސްޓަމްސްގެ 2023 ވަނަ އަހަރުގެ މާލީ ބަޔާނުގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ކަސްޓަމަސްއަށް ލިބެންވާ ފައިސާ ހޯދުމަށްޓަކައި ވަގުތީ ގޮތުން ހިދުމަތް ކަނޑާލުމުގައި އަމަލުކުރާނެ އުސޫލުގެ ދަށުން ފިޔަވަޅުތައް އަޅަމުން ގޮސްފައިވީ 2023ގެ ނިޔަލަށް އާމްދަނީގެ ގޮތުގައި ލިބެންޖެހޭ ފައިސާގެ ތެރެއިން 461,016,716 ރުފިޔާ ނުލިބި ހުރިކަން ކަސްޓަމްސްގެ ރިކޯޑުތަކުން ދައްކާ ކަމަށެވެ.
ނަމަވެސް އޭގެ ތެރެއިން 10 މިލިއަން ރުފިޔާ 2023 ވަނަ އަހަރު ނިމުނުފަހުން ކަސްޓަމްސްއަށް ލިބިފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.
އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުން ކަސްޓަމްސްއަށް ނުލިބިވާ 461 މިލިއަންގެ ތެރެއިން 95 ޕަސެންޓް ކަމަށްވާ 436 މިލިއަން ރުފިޔާއަކީ އިމްޕޯޓް ޑިއުޓީގެ ގޮތުގައި އެ އިދާރާއަށް ލިބެންޖެހޭ ފައިސާ އެވެ. އޭގެ ތެރެއިން 52 ޕަސެންޓަކީ ވަގުތީ ގޮތުން ރާއްޖެއަށް ގެނެވޭ މުދަލާ ގުޅިގެން ލިބެންޖެހޭ ފައިސާއެވެ. އަދި ޖޫރިމަނާގެ ގޮތުގައި 21 މިލިއަން ރުފިޔާ ނުލިބިވާ ކަމަށްވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނީ, ކަސްޓަމްސްއަށް ލިބެންޖެހޭ ފައިސާގެ ތެރޭގައި ގިނަ އަހަރުތަކެއް ވަންދެން ނުލިބި ހުރި ފައިސާ ހުރި އިރު, ލިބެންޖެހޭ ފައިސާ އަހަރަކަށްވުރެ އަހަރެއް އިތުރުވަމުންދާ ކަމަށެވެ.


