ކުރިއަށް އޮތް ތިން ދުވަހު އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައިގަދަވެ, ކަނޑުތައް ގަދަވެދާނެ: މެޓް

ކަނޑުގަދަ ދުވަހެއްގައި ލޯންޗެއް ދުއްވާފައި ދަނީ --- ފޮޓޯ: މެންދުރުޓީވީ

ކުރިއަށް އޮތް ތިން ދުވަހު އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައިގަދަވެ, ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާ, މެޓް އޮފީސް އިން ބުނެފި އެވެ.

މެޓް އޮފީހުން މިއަދު ބުނީ, ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެ, އަރަބި ކަނޑާއި ބޭ އޮފް ބެންގާލްގައި އުދެފިފައިވާ ކޮޅިގަނޑުތަކުގެ ސަބަބުން ރާއްޖޭގެ ހުޅަނގުން އުފެދެމުންދާ ބޯވިއްސާރަ ވިލާތައް އަތޮޅުތަކުގެ މައްޗަށް އަރަމުންދާ ކަމަށެވެ.

އޭގެ ސަބަބުން ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ބުންޏެވެ.

އެހެންވެ މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކުން, ހާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން, މޫސުމާބެހޭ އެންމެފަހުގެ މައުލޫމާތު އަޕްޑޭޓްކުރުމަށާއި މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.