ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މުސާރަ 95,125ރ. ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސަށް މުސާރައާއި އިނާޔަތުގެ ގޮތުގައި މިހާރު ލިބިވަޑައިގަންނަވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަދި މަޖިލީހުގެ މެންބަރުންނަށް ލިބޭ މުސާރައަށްވުރެވެސް ކުޑަ އަދަދެކެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސަށް މަހަކު 91,000ރ. އަދި މަޖިލިސް މެންބަރަކަށް މަހަކު 82,500ރ. ލިބިވަޑައިގަންނަވާއިރު, ރައްޔިތުންގެ މަޖިލީހުގެ ރައީސަށް މުސާރައާއި އިނާޔަތުގެ ގޮތުގައި މިހާރު ލިބިވަޑައިގަންނަވަނީ 73,125ރ. އެވެ. އެ ފަރަގު އަންނަ ސަބަބަކީ މަޖިލީހުގެ ރައީސަށް ކޮމިޓީ އެލަވަންސް ނުލިބޭތީ އެވެ.
އެހެންވެ މާލިއްޔަތު ކޮމިޓީން ނިންމީ އެ ފަރަގު އުވާލުމަށް, މަޖިލީހުގެ ރައީސަށް 22,000ރ. ގެ އިނާޔަތެއް އިތުރުކުރުމަށެވެ. އޭރުން މަޖިލީހުގެ ރައީސަށް މަހަކު ޖުމުލަ 95,125 ލިބިވަޑައިގަންނަވާނެ އެވެ.


