މަޖިލިސް ރައީސް އާއި މިނިސްޓަރުންގެ މުސާރަ ބޮޑުކުރުމަކީ ދިވެހި ރައްޔިތުންނަށް ރައްޔިތުންގެ މަޖިލީހުން ކުރި ބޮޑު މަލާމާތެއް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އިއްޔެ ވަނީ މަޖިލިސް ރައީސްގެ މުސާރަ 95,125ރ. އަށް ބޮޑުކޮށް, މިނިސްޓަރުންގެ މުސާރައަށް 10,000ރ. އިތުރުކުރަން ފާސްކޮށްފަ އެވެ. އޭރުން މިނިސްޓަރަކަށްވެސް މަހު މުސާރައިގެ ގޮތުގައި މަހަކު 75,500ރ. ލިބިވަޑައިގަންނަވާނެ އެވެ.
އެކަމާއި ގުޅިގެން ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ, މަޖިލީހުން ކުރާ މަސައްކަތެއް ނެތް ކަމަށާއި ސަރުކާރަށް ނެރެވުނު ނަތީޖާއެއްވެސް ނެތް ކަމަށެވެ. އަދި މިއަށްވުރެ ދަށު ދަރަޖައިގެ މަޖިލީހެއް އަދި ނާންނަ ކަމަށްވެސް ވިދާޅުވި އެވެ.
”މިއަދުވެސް އެ ކުރީ ދިވެހި ރައްޔިތުންނަށް ކުރާ ބޮޑު މަލާމާތެއް. ތަކެތީގެ އަގުތައް އުފުލި އެތައް ބަޔަކު ދަތީގައި އުޅެމުންދާ މި ދަނޑިވަޅުގައި މިއީތޯ ނުކުރެވި އޮތް ކަމަކީ?“ ފައްޔާޒު ވިދާޅުވި އެވެ.


