އަޒޭ, ޖުމާ އަދި ރޯމަން ބަންދުން ދޫކޮށްލައިފި, މައްސަލަ ޕީޖީއަށް

ޖުމާ, އަޒޭ, ޝާހިލް އަދި ރޯމަން --

ވިލިމާލޭގައި ފުލުހުން ހިންގި ޑުރަގް އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފިލްމީ ތަރިން ކަމަށްވާ އިސްމާއިލް ޖުމައިހް (ޖުމޭ), އަހުމަދު އަޒްމީލު (އަޒޭ), މުހައްމަދު ވިޝާލް (ރޯމަން) އަދި އަޒޭގެ ކޮއްކޮ, ޝާހިލް މުހައްމަދުގެ މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ ތަރުޖަމާން އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް ވިދާޅުވީ, އެ މީހުންގެ މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށްފަހު, ތަހުގީގު ފުރިހަމަ ވެފައިވާތީ އެ އެންމެންވެސް ދޫކޮށްލާފައިވާ ކަމަށެވެ.

އަދި ކޯޓު މަރުހަލާގެ ތެރެއިން ކުރިއަށްދާއިރު އިތުރަށް އެ މީހުން ހައްޔަރުގައި ބަހައްޓަން އަމުރުކޮށްފިނަމަ ހައްޔަރުކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.

ޑުރަގް ބޭނުންކޮށް، ގެންގުޅެ އޭގެ ވިޔަފާރިކޮށް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ޖުމާ, ރޯމަން, އަޒޭ އަދި އޭނާގެ ކޮއްކޮ ޝާހިލް ހައްޔަރުކުރީ 8 އޮކްޓޫބަރު 2026 ގައެވެ.

އެ ހަތަރު މީހުންގެ ބަންދު އަމުރުގައިވާ ގޮތުން އެ މީހުން ތިބި ކޮޓަރި ފުލުހުން ބާރުގެ ބޭނުންކޮށްގެން ވަތްއިރު, ކޮޓަރީގައި ހުރި މޭޒެއްގެ މަތީގައި ޑުރަގް ހާމައަށް ހުރި ކަމަށް ސީނަށްދިޔަ ފުލުހުން ބުނެފައިވެ އެވެ.

އަދި އެ ކޮޓަރިން ފެނުނު ޖުމުލަ ޑުރަގުގެ ވަގުތީ ބަރުދަނުގައި ޓްރެފިކިން މިންގަނޑަށް އަރާވަރަށް ޑުރަގް ފެނިފައިވާ ކަމަށާއި އެ މީހުންގެ ކުޑަކަމުދާތަކެތި ޑުރަގަށް ޕޮޒިޓިވް ކަމަށްވެސް ބަންދު އަމުރުގައިވެ އެވެ.