މާލޭގެ ގަލޮޅު ބޯޅަނދަނޑު ކައިރީގައި އޮންނަ ހީނާމާގޭ ޕާކިން ޒޯނާއި ސޯސަންމަގުގައި އޮންނަ ސޯސަންގޭ ޕާކިން ޒޯނުގައި ޕާކިން އިމާރާތެއް ހަދަން އަންނަ ހަފުތާގައި ބަޔަކާ ހަވާލުކުރާނެ ކަމަށް އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ, އެ ދެ ބިމުގައި ޕާކިން އިމާރާތެއް ހެދުމަށް ބަޔަކު ހޯދައި, އެ މީހުންނާއެކު ވާހަކަ ދެކެވެމުން އަންނަ ކަމަށެވެ. އަދި ކުރިއަށް އޮތް މި ހަފުތާ ތެރޭގައި އެއްބަސްވުމަކަށް އާދެވޭނެ ކަމަށް ވިދާޅުވި އެވެ.
”މި މަސައްކަތްތައް ނިންމުމަށް ވެސް ރައީސް އެ އޮތީ އަންނަ އަހަރުގެ ނޮވެންބަރަށް މި ޑެޑްލައިނެއް ދެއްވާފައި އެބަ އޮތް,“ ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ, އެ ދެ ތަނުގައި ހަދާ ޕާކިން އިމާރާތްތަކުންވެސް ފީއެއް ނަގާނެ ކަމަށާއި އެ ފީ ކަނޑައަޅާނީ ސަރުކާރުން ކަމަށެވެ. އަދި އެ ފީ ވެގެންދާނީ ’ރައްޔިތުންނަށް އުފުލޭވަރުގެ ދަށް ފީއަކަށް“ ކަމަށްވެސް ވިދާޅުވި އެވެ.
”މި ތަންތަނުގައި ޤާއިމުކުރެވޭ ޕާކިންއަކީ ސަރުކާރުން އާންމު ރައްޔިތުންނަށް އުފުލޭވަރުގެ މި ދަށް ފީތަކެއް. މާނައަކީ ނޫފުލޭވަރުގެ މި ބުރައެއް ނުޖެހި، މި ބޮޑު ފީއެއް ނެތި މިހެން މި މި ދަންނަވަނީ ޕްރައިވެޓް ފަރާތްތަކަކާ ހަވާލުކޮށްގެން ކުރިއަށް ގެންދާތީ ހިތްޕުޅަށް ފަހަރެއްގައި އަރާފާނެ އެ ބޭފުޅުން މި ބޭނުންފުޅު އަގެއްގައޭ ޕާކިންގެ އަގުތައް ދޭނެ. ނޫން، އެހެނެއް ނޫން. ސަރުކާރުންނޭ މި އަގުތައް އަޅުގަނޑުމެން ފުރަތަމަ މި ދޭ ޕާކިން ބިލްޑިން ކަނޑައަޅާނީ އިނގޭތޯ. މާނައަކީ އެފޯޑަބަލް ވާނެ. އެއީ ޕޮއިންޓަކީ.“ ސައީދު ވިދާޅުވި އެވެ.


