ދަރަނިވެރިޔާއަށް ލުއިކޮށްދޭ މީހާއަށް ގިޔާމަތް ދުވަހުން މާތް ﷲ އެކަލާނގެ އަރްޝީގެ ހިޔާވަހިކަން ދެއްވާނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
’މަހްޝަރުދުވަހުގެ ހޫނުން ރައްކާތެރިވާށެވެ!‘ މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، ގިޔާމަތްދުވަހަކީ ބޮޑުވެގެންވާ އަދި ބިރުވެރި ދުވަހެއް ކަމަށާއި އެ ދުވަހުގެ ބިރުވެރިކަމުގެ ބޮޑުކަމުން މީސްތަކުން ފިތްކަނޑައިގެން ދާނެ ކަމަށެވެ. މާތް ﷲ އެ ދުވަސް ސިފަކޮށްދެއްވައި ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެ އެވެ.
”ހަމަކަށަވަރުން، ގިޔާމަތްވުމުގެ ބިންހެލުމަކީ ބޮޑުވެގެންވާ ކަމެކެވެ. ތިޔަބައިމީހުންނަށް އެ ޒަލްޒަލާ ފެންނަ ދުވަހު، ކިރުމައިން އެއުރެން ކިރުދޭ ދަރިންގެ މަތިން ހަނދާންނެތި، އަދި މާބަނޑު އަންހެނުން އެއުރެންގެ ބަނޑުގައި އޮތް ދަރި ވިހައި، އަދި މީސްތަކުން މަސްތުވެފައި ތިބޭބަޔަކު ފަދައިން ތިބާ ދެކޭނޫއެވެ. ނަމަވެސް އެއުރެން ވަނީ މަސްތުވެފައެއް ނޫނެވެ. އެހެނެއްކަމަކު ﷲގެ އަޒާބު ގަދަފަދައީއެވެ،“
ހުތުބާގައި ބުނީ، ގިޔާމަތް ދުވަހު އިރު ހުންނާނީ މީސްތަކުން ބޯތަކާއި ނުހަނު ކައިރީގައި ކަމަށް ކީރިތި ރަސޫލާ ހަދީޡް ކުރައްވާފައިވާ ކަމަށެވެ. ނަމަވެސް އިރުގެ ގަދަ އަވީން ހިޔާވަހިކަމެއް ލިބޭނެ މަގުތަކެއް ލޮބުވެތި ރަސޫލާ ބަޔާންކޮށްދެއްވާފައިވާ ކަމަށާއި އެއީ މާތް ﷲގެ އަރްޝީގެ ހިޔާވަހިކަން ކަމަށް ބުންޏެވެ.
ހުތުބާގައި ބުނީ، މަހްޝަރުދުވަހުގެ ގަދަ ހޫނުން ސަލާމަތް ކޮށްދޭނެ ފުރަތަމަ ކަމަކީ އަތްމަތި ދަތިވެގެން ދަރަނި އަދާ ނުކުރެވުނު މީހާގެ ދަރަނި ފަސްކޮށްދިން ނުވަތަ އެ ދަރަނިން ބައެއް އުނިކޮށްދިނުން ކަމަށެވެ. ދަރަނިވެރިންގެ ތެރޭގައި މީސްތަކުންގެ މުދާ ބާތިލު ގޮތުގައި ކެއުމަށްޓަކައި ދަރަނި ނަގާ މީހުންނާއި ދަރަނި އަދާނުކޮށް ދިގު ދަންމާ މީހުން ނުހިމެނޭނެ ކަމަށްވެސް ބުންޏެވެ.
ހުތުބާގައި ބުނީ، ﷲ ގެ ހިޔާވަހިކަން ނޫން އެހެން ހިޔާވަހިކަމެއް ނުވާ ދުވަހު މާތް ﷲ ހަތް ބާވަތެއްގެ ބަޔަކަށް ހިޔާވަހިކަން ދެއްވާނެ ކަމަށް ކީރިތި ރަސޫލާ ހަދީޡް ކުރައްވާފައިވާ ކަމަށެވެ.
އެއީ އަދުލުވެރި އިމާމާއާއި އޭނާގެ ވެރި ރަސްކަލާނގެއަށް އަޅުކަންކުރުންމަތީ ބޮޑުވި ޒުވާނާއާއި ނަމާދުތަކަށް އިންތިޒާރުކޮށް އެއަށް ރައްކާތެރިވާ މީހާ އާއި ﷲގެ ވަޖްހުފުޅަށްޓަކައި އެކަކު އަނެކަކުދެކެ ލޯބިވެ އެކުގައި އުޅެ އެގޮތުގައި ވަކިވެދިޔަ ދެ މީހުންނާއި ހަސަބާއި ނަސަބުން މަތިވެރި، ރީތި އަންހެނަކު، ފާހިޝްކަމަކަށް ދައުވަތު ދިނުމުން އަހުރެން ﷲ ދެކެ ބިރުގަނެއޭ ބުނެ، އެކަމާ ދުރުހެލިވި މީހާއާއި ކަނާތުން ސަދަގާތްކުރި އެއްޗެއް، އޭނާގެ ވާތަށްވެސް ނޭނގޭހައި މިންވަރަށް ވަންހަނާކުރި މީހާއާއި އެކަނިމާއެކަނި ތަނެއްގައި އިނދެ، ﷲ ހަނދުމަކޮށް، އޭނާގެ ދެލޮލުން ކަރުނަ އޮހޮރި މީހާ އެވެ.

ގުޅުންހުރި
ނަތީޖާ ނެރެދިނުން ފިޔަވައި އިތުރު އެއްވެސް ކަމަކަށް ޝައުގެއް ނެތް: ރައީސް
މައިމީހާގެ ފަރާތުން ދަރިފުޅަށް ތިން ބައްޔެއް ފެތުރުން ހުއްޓުވައި ރާއްޖެ ތާރީހުގެ
އެލައިޑް ތަކާފުލްގެ ”ފަޔާ ތަކާފުލް“ މިހާރު އޮންލައިންކޮށް, އަވަހަށް އަދި ފަސޭހައިން
ޓްރަމްޕަށް އިޒްރޭލުގެ އެންމެ މަތީ ޝަރަފު ދޭން ނިންމައިފި
2026 ނިމޭއިރު ހުރިހާ ރަށެއްގެ ލެބޯޓްރީން ރަށު ފެންވަރުގެ ޓެސްޓުތައް ހެދޭނެ:
މާލެ ވަޑައިގެންނެވިތާ ހަފުތާއެއް ނުވެ ރައީސް އަނެއްކާވެސް އަތޮޅުތެރެއަށް