އަންނަ އަހަރުން ފެށިގެން ސްކޫލް ކުދިންގެ ބޮޑު ޗުއްޓީ ޑިސެމްބަރަށް ހެދުމަށް މިއަދު ސަރުކާރުން ނިންމައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެސިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ، އެގޮތަށް ނިންމީ މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމަށް އެޑިއުކޭޝަން މިނިސްޓްރީން ހުށަހެޅި ކަރުދާހަަށް މަޝްވަރާ ކުރުމަށްފަހު އެވެ.
”މި ނިންމުމުގައި 2025 ވަނަ އަހަރު ޑިސެމްބަރު މަހު ބޮޑު ޗުއްޓީ ލިބޭނެ. އެއީ އެންމެ ކުރިން އަޅުގަނޑުމެން ސްކޫލުގައި އުޅުނުއިރު ކަން ހިނގައި ދިޔަ ގޮތަށް. އަދި ހަމަ އެހެންމެ 2026 ވަނަ އަހަރުގެ އެކެޑެމިކް ކަލެންޑަރު ފެށިގެން ދާނީ ޖެނުއަރީ މަހު, ކުރިން ވެސް ފަށަމުން ދިޔަ އުސޫލަށް,“ ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި އެ ބަދަލާއެކު ޖުލައި މަހު ތިން ހަފުތާގެ ޗުއްޓީއެއް އަދި ޑިސެމްބަރު މަހު ހަތަރު ހަފުތާގެ ޗުއްޓީއެއް ދަރިވަރުންނަށް ލިބިގެންދާނެ އެވެ. އެކަން ކުރަން ރާވާފައިވަނީ ދަރިވަރުންނަށް ބޮޑެތި އުނދަގޫތަކެއް ނުވާނެހެން, ތައުލީމީ ކަލަންޑަރަށް މަޑުމަޑުން ގެނެވޭ ބަދަލުތަކަކާއެކު ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގައި ޒަމާނުއްސުރެ ދިރާސީ އާ އަހަރު ފަށަމުން އައީ ކޮންމެ އަހަރެއްގެ ވެސް ޖެނުއަރީ މަހުގެ އެވެ. އެކަމަކު، ކޮވިޑުގެ ހާލަތާއި ޓޫރިޒަމް އިންޑަސްޓްރީގެ ގިނަ ބައެއްގެ އެދުމުގެ މަތިން 2021 ވަނަ އަހަރުން ފެށިގެން ދިރާސީ އާ އަހަރު ފެށުން ވަނީ އޮގަސްޓު މަހަށް ބަދަލުކޮށްފަ އެވެ.
ނަމަވެސް ސްކޫލުތައް ފަށާ ދުވަސްވަރު ބަދަލުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.


ގުޅުންހުރި
އިދާރާތަކުގެ ވެރިންނާއި މަޖިލިސް މެންބަރުންގެ މުސާރަ ކުޑަކުރެވެން ނެތް ކަމަށް ނިންމައިފި
އެތެރެކުރާ ކޮންމެ ބޭސް ގުޅައެއް ޓްރޭސް ކުރެވޭނެ ގޮތަށް ޑިޖިޓަލް ސިސްޓަމެއް
ގޮނޑި ގެއްލޭ ގޮތަށް އިސްލާހު ގެނައުމުގެ މައްސަލަ ބެލޭނެ ކަމަށް ކަނޑައަޅައިފި
މި ރޯދަ މަހުވެސް ޝަހީމް އިމާމުވެ ތަރާވީހު ނަމާދު ކުރައްވާނީ ހުޅުމާލޭ
އަންހެނުންގެ ކޮމިޓީގެ މެންބަރުންނަށް ރަސްމީ މުސާރައަކާއި ރޯދަ އެލަވެންސް ދޭން މަޖިލީހުން
މި އަހަރުގެ ރޯދަމަހުގެ ރަސްމީ ގަޑިއަކީވެސް ހެނދުނު 9 އިން މެންދުރުފަހު